ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދިޔަ ފ. ބިލެތްދޫ ދޯނި (ޓާގެޓް) އިން ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދާ އެރަށު އުތުރުގޭ އަބްދުﷲ ނަސީރު ހޯދުމުގެ މަސައްކަތް ވައިގެން މަގުން ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމަސައްކަތް ފަށައިފައިވަނީ އެއާޓެކްސީ ބޭނުން ކޮށްގެން ކަމަށެވެ. ވައިގެ މަގުން ހޯދުމުގެ އިތުރަށް އޮއިވަރަށް ބަލައިގެން ކަނޑުއަޑިއާއި ލޮނުގަނޑު ވެސް ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ގެންދަނީ ކަނޑިއަޑިއަށް ފޮނުވައިގެން ބަލާ ވައްތަރުގެ ރޯބަޓެއްވެސް ބޭނުންކުރަމުންނެވެ. އެ ބޭނުން ކޮށްގެން ވެސް އެމީހާ އަދި ފެނިފައެއް ނުވެއެވެ.
އާޒިމް ވިދާޅުވީ އެމްއެންޑީއެފާއި ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފާއި ޕޮލިހުންގެ އިތުރަށް ބައެއް ރިސޯޓުތަކާއި އާންމުގެ އެހީތެރިކަން ވެސް ދަނީ ލިބެމުންނެވެ.
ނަސީރު ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ. އޭނާގެ އަށް ކުދިންނާއި އަންބެއް އެބައިނެވެ.