އެކްސިޑެންތުގައި އަނިޔާވި އަންހެންކުއްޖާ އިތުރުފަރުވާއަށް މާލެ ފޮނުވައިފި

އައްޑޫސިޓީ ހިތަދޫގައި އިއްޔެ ހަވީރު ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 24 އަހަރުގެ އަންހެން ކުއްޖާއަށް އިތުރުފަރުވާ ދިނުމަށް ރޭ ދަންވަރު މާލެ ފޮނުވައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ހިންގެވުމާ ހަވާލުވެ ހުންނެވި ސިނީއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އޭނާ މާލެ ފޮނުވިއިރުވެސް ހާލު ސީރިއަސް ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އޭނާގެ ބޮލަށެވެ. އައިސީޔޫގެ ވެންޓިލާޓަރުގައި ބޭއްވުމަށްފަހު ރޭ ދަންވަރު އެކުއްޖާ މާލެ ފޮނުވީ މޯލްޑިވިއަންގެ ޗާޓަރ ބޯޓެއްގައެވެ.

އެ ކުއްޖާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އެނގޭނީ ސީޓީ ސްކޭނެއް ހަދައިގެން ކަމަށް ނަޖީބު ވަނީ ވިދާޅުވެފައެވެ.

އަނިޔާވި އަންހެން ކުއްޖާއަކީ ހިތަދޫ ބީއެމްއެލް ބްރާންޗުގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މި އެކްސިޑެންޓުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެގެން ފިރިހެނަކު ވެސް ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.