ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކަށް އައީސީޔޫގައި ފަރުވާދެނީ

އައްޑޫސިޓީ ހިތަދޫގައި މިއަދު ހަވީރު ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާވެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ހިންގެވުމާ ހަވާލުވެ ހުންނެވި ސިނީއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އަނިޔާ ވެފައިވަނީ އެ އަންހެން ކުއްޖާގެ ބޮލަށް ކަމަށެވެ. "މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި. ހާލު ސީރިއަސް. މަސައްކަތް މިކުރަނީ ވީހާ އަވަހަށް މާލެ ފޮނުވައިލެވޭތޯ،" ނަޖީބު ވިދާޅުވިއެވެ.

އެ ކުއްޖާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އެނގޭނީ ސީޓީ ސްކޭނެއް ހަދައި ބެލުމަށްފަހު ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ. އެޗުއާރުއެޗުގައި ސީޓީ ސްކޭން ހެދެން ނުހުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މާލެ ފޮނުވާލުމަށްޓަކައި މަތިންދާ ބޯޓެއް ޗާޓަރ ކުރުމަށް އެޗުއާރުއެޗުން ވަނީ މޯލްޑިވިއަންގައި އެދިފައެވެ. އަދި އާސަންދައިގެ އެހީގައި އެކުއްޖާ މާލެ ފޮނުވައިލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހޮސްޕިޓަލުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އެހެންނަމަވެސް ފުރުވައިލެވެނީ ކިހާއިރަކު ކަމަށް އަދި ކަށަވަރެއް ނުވެއެވެ.

އަނިޔާވި އަންހެން ކުއްޖާއަކީ ހިތަދޫ ބީއެމްއެލް ބްރާންޗުގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި އެކްސިޑެންޓުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެގެން ފިރިހެނަކު ވެސް ހޮސްޕިޓަލަށް ގެނައެވެ. ނަޖީބު ވިދާޅުވީ އޭނާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށެވެ. ކޮންމެވެސް ވަރަކަށް ބައެއް ތަންތަން މަށައިގެން ދިޔުން ނޫން ކަމެއް އޭނާއަށް ވެފައިނުވާ ކަމަށް އޭނާ  ވިދާޅުވިއެވެ.

އަންހެން ކުއްޖާ ދުއްވި ސައިކަލް އެކްސިޑެންޓުގައި ވަނީ ދުރަށް ވިއްސައިގެން ގޮސްފައި ކަމަށް މަންޒަރު ދުށްކަމަށް ބުނާމީހުން މައުލޫމާތު ދިނެވެ.

ހިތަދޫ ހަވީރީ ހިނގުމުގައި ހިނގި މިއެކްސިޑެންޓް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ލިބިވަޑައިގެންނެވީ ހަވީރު 4:40 ގައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.