ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ކަމަށްވާނަމަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްދޭ އެލަވަންސް މަހަކު ފަސް ހާސް ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ރައީސްލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މުލީ އަށް ވަޑައިގެން އެރަށު މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަނުދައްކަވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުން ބޭނުންވަނީ އެފަދަ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުން ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެއްވަނީ މަހަކު 2000 ރުފިޔާއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އެފަދަ މީހުންނަށް ވަރަށް ޚާއްސަ ކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވަމުން މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތް ކުރިއަށްއޮތްތާގައިވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމަށް ހޮވިވަޑައިގެން އައުދައުރު ފަށްޓަވާ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވާނީ އެފަދަ މީހުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށް ކަމަށެވެ. އެހެންނަމަވެސް ވަޒީފާއަށް ނުކުތުމުގެ ކުޅަދާނަކަންނެތް އަމިއްލައަށް މަސައްކަތް ނުކުރެވޭ ހާލަތުގައި ތިބި މީހުންނަށް މަހަކު ކުދިންނަށް 5000 ރުފިޔާ ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ދޮށީ އުމުރުގެ މީހުންނަށް މިހާރު ދެއްވަމުން ގެންދަވާ 5000 ރުފިޔާގެ އެލަވަންސް ވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ކުދިންނަށް އިތުރު ޚިދުމަތްތަކާއި ކަންކަން ފަހިކޮށް ދެއްވުމުގެ ގޮތުން އެމަނިކުފާނުގެ ދެވަނަ ދައުރުގައި "ގާބިލް" ގެ ނަމުގައި ޚާއްސަ މަޝްރޫއެއް ވެސް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކާއި ލޯނު ސްކީމް ފަދަ ކަންކަން އޭގެ ތެރެއިން ހަމަޖެހިގެންދާނެ ގޮތަކަށް އެކަން ބައްޓަން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ އެފަދަ ކުދިންނަށް އަމިއްލައަށް އާމްދަނީ ލިބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.