އަޅުގަނޑަށްވުރެ އިމްރާނަށް ހެޔޮއެދޭ މީހަކުނުހުންނާނެ، އަޅުގަނޑުގާތަށް ވަޑައިގަންނަވާ: ޑރ. ޝަހީމް

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް އެންމެ ބޮޑަށް ހެޔޮއެދިވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށާއި އެހެންވީމާ ޝައިޚު އިމްރާނާއި ޝައިޚް އިލްޔާސް އެމަނުކުފާނުގެ އަރިހަށް ވަޑައިގެން ދެއްވުމަށް އެދި ރައީސް ޔާމީންގެ ރަނިންމޭޓު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަނިކުފާނު ވިދާޅުވީ ޝައިޚް އިމްރާނާއި، ޝައިޚް އިލްޔާސަކީ އެމަނިކުފާނާއެކު 30 އަހަރުވަންދެން ވަރަށް ގާތްކޮށް އުޅުއްވާފައިވާ ދެބޭފުޅުން ކަމަށެވެ. އެހެންވިމާ މިއަދު އެދެބޭފުޅުން އަރިހުގައި ނެތުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޝައިޚު އިމްރާނަކީ އަޅުގަނޑު ވަރަށްލޯބިވާ އަޅުގަނޑުގެ އަޚެއް. އަޅުގަނޑާ އެމަނިކުފާނާ ދެމެދުއޮތް އަޚުވަންތަ ކަމަށް ދުވަހަކުވެސް ބަދަލެއް ނާދޭ. މިއަދާ ހަމައަށްވެސް ބަދަލެއް ނާދޭ، އަދި ބަދަލެއް ނުވެސް އަންނާނެ. ކެބިނެޓުން އަޅުގަނޑު އިސްތިއުފާދިނީ އެމަނިކުފާނު ބަންދުވުމާ ވިދިގެން،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނާމެދު އެއްވެސް ކަހަލަ ޒާތީ ކަމެއްއޮތް ކަމަށްވާނަމަ އެކަމަކޭ ވާހަކަ ދެއްކެވުމަށް ވަޑައިގެންނެވުމަށްވެސް ޑރ. ޝަހީމް ވަނީ ޝައިޚް އިމްރާނަށް ދައުވަތު ދެއްވައިފައެވެ.

އިމްރާން ޖަލުގައި ބަންދުވެގެން ދިޔުމަކީ އެކަމުގެ ސަބަބުން ވަރަށްބޮޑު ހިތާމައެއް މެދުވެރިވި ކަމެއް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އިމްރާނަށްޓަކައި އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އިމްރާނަށް އެހީވުމަށްޓަކައި ވެސް ސަރުކާރުގައި މަޑުކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު އިދިކޮޅު ހަރަކާތުގެ ތެރެއަށް ދާކަށް ބޭނުމެއްނުވި. އެއީ އަޅުގަނޑުގެ ކިތަންމެ ގާތް އަޚެއް ނަމަވެސް އެބޭފުޅަކު އެވަޑައިގަންނަވަނީ އަޅުގަނޑަށް ގަބޫލުނުކުރެވޭ ހަމައެއްގެ ތެރެއިން ކަމަށްވާނަމަ އަޅުގަނޑަށް އޭގެ ތެރެއަށް ނުވަދެވޭނެ. އަޅުގަނޑަށް ގަބޫލު ނުކުރެވޭ ފަލްސަފާއެއްގެ ތެރެއަށް ކަމަށްވާނަމަ އަޅުގަނޑަށް އޭގެތެރެއަށް ނުދެވޭނެ. އަޅުގަނޑަކީ ވެސް ވަކި އުސޫލެއް ގަބޫލުކުރާމީހެއް. އެ އުސޫލުތަކާ ޚިލާފަށް ކަންކަންދާނަމަ އެހެން މީހެއްގެ އަތުގައި އަޅުގަނޑުގެ ލަގަނެއް ނޯންނާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ. އެހެންވެ ޝައިޚް އިމްރާނާ ސިޔާސީ ގޮތުން ވަކިވެގެންދިޔައީ ވަރަށް އިހުތިރާމާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފަހުން މިއަދާ ހަމައަށް އައިރުވެސް ސިޔާސީ ގުޅުމެއް ޝައިޚު އިމްރާނާ ނެތްކަމަށާއި އަޚުވަންތަ ކަމުގެ ގުޅުން އެބައޮތް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެ އަޚުވަންތަކަން (އިރާދަކުރެއްވިއްޔާ) މުޅި އުމުރުގައިވެސް ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.