އަފްޣާން ސިފައިން އަނެއްކާވެސް ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ފަށައިފި

ރައީސު އަޝްރަފު ޣަނީ

އަފްޣާނިސްތާނު ސިފައިން ޠާލިބާނުންނާއެކު ކުރަމުން އައި ހަނގުރާމަ ހުއްޓާލައި، ރައީސު އަޝްރަފު ޣަނީ އިއުލާންކުރައްވާފައި އޮތް ވަގުތީ ސުލްހަ ނިމުމަކަށް އައުމާއެކު، މިއަދު އަލުން ހަނގުރާމަ ފަށައިފިއެވެ.

ހަނގުރާމަ އަނެއްކާވެސް ފެށިކަން އިއުލާންކުރައްވަމުން، ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސު އަޝްރަފު ޣަނީ ވަނި ސުލްހައިގެ ވާހަކަތައް ފެށުމަށް ޠާލިބާނުންނަށް ގޮވައިލައްވާފައެވެ.

"ވަގުތީ ސުލްހަ ނިމުނީ. އަސްކަރީ ހަރަކާތްތައް ފެށުމަށް އަފްޣާނު ސިފައިންނަށް މިހާރު ވަނީ ހުއްދި ދީފައި" ރައީސު ޣަނީ ވިދާޅުވިއެވެ. "މިހާރު ގޮތެއް ނިންމުން އޮތީ ޠާލިބާނުންނަށް. އެމީހުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދަންތޯ ނުވަތަ ސުލްހައިގެ ވާހަކަތަކާ ގުޅެންތޯ ނިންމާނީ އެމީހުން" އޭނާ އިތުރަށް ވިދާޅުވިއެވެ.

ރައީސު އަޝްރަފު ޣަނީ ވަގުތީ ސުލްހަ އިއުލާންކުރައްވާފައި ވަނިކޮށް ޠާލިބާނުން ފިޠުރު ޢީދާ ދިމާކޮށް 3 ދުވަހުގެ ސުލްހައެއް އިއުލާންކުރުމާއެކު ފާއިތުވި 17 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުން ފެނިފައިނުވާ ކަހަލަ އުފާވެރި މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ޠާލިބާން ހަނގުރާވެރިން ކާބުލްގައި އާއްމުންނާ އެކު އީދުކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ސަލާމްކޮށް ހަދާފައި ވެއެވެ. އެ މަންޒަރުތައް ފެނިފައި އަފްޣާނިސްތާނުގައި ސުލްހަ ގާއިމްކުރެވިދާނެ ކަމުގެ އުއްމީދުވެސް މީހުންގެ ހިތްތަކުގައި އާވިއެވެ.

އެހެންނަމަވެސް، ތިންދުވަހުގެ ވަގުތީ ސުލްހަ ނިމުމާއެކު ޠާލިބާނުން ވަނީ ސަރުކާރު ސިފައިންނަށް ހަމަލާދީ ސިފައިންގެ އެތައް ބަޔަކު މަރާލާފައެވެ.

މިއަދު ރައީސު އަޝްރަފު ޣަނީ ކުރެއްވި އިއުލާނާއެކު ސުލްހައިގެ އުއްމީދު އަނެއްކާވެސް މިވަނީ ފަނޑުވެގެން ގޮސްފައެވެ.

ޠާލިބާނުން ހަނގުރާމަކުރަމުން ދަނީ އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި، އެގައުމުގައި ތިބި ބޭރު ސިފައިން އެގައުމުން ބޭރުކުރުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.