އަފްޣާނިސްތާނުގައި ދެވުނު ހަމަލާތަކެއްގައި 10 ނޫސްވެރިން މަރުވެއްޖެ

އިއްޔެ ކާބުލްގައި ހަމަލާ ދެވުނު ސަރަހައްދު ސިފައިން ބަލަހައަޓަނީ

އަފްޣާނިސްތާނުގައި އިއްޔެ ދެވުނު ހަމަލާތަކެއްގައި 10 ނޫސްވެރިން މަރުވެއްޖެއެވެ. ކާބުލްގައި ދުވުނު ދެ ހަމަލާގައި 9 ނޫސްވެރިން މަރުވެފައި ވެއެވެ. މަރުވި ނޫސްވެރިންގެ ތެރޭގައި އޭއެފްޕީގެ ފޮޓޯގްރާފަރ ޝާހް މަރާއީއާއި، ރޭޑިއޯ ފްރީ ޔޫރަޕްގެ ނޫސްވެރިއަކާއި ދެ ވީޑިއޯ ޖާނަލިސްޓުންނާއި، އަފްޣާނިސްތާނުގެ ތޯލޯ ޓީވީގެ ނޫސްވެރިއަކު ހިމެނެއެވެ.
އިއްޔެއަކީ 2001 ވަނަ އަހަރު ޠާލިބާނުންގެ ވެރިިކަން ނިމުނު ފަހުން އަފްޣާނިސްތާނުގައި ދެވުނު މިފަދަ ހަމަލާތަކުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
ކާބުލްގައި ހުންނަ އަފްޣާން ސިއްރު ފުލުުހުންގެ އިދާރާ ކައިރީގައި ޖާނުން ފިދާވެގެން ދިން ހަމަލާގެ ތަފްޞީލު ހޯދުމަށް ދިޔަ ނޫސްވެރިންނަށާއި، މީހުންނަށް ފަރުވާ ދިނުމަށް ދިޔަ މީހުންނަށް އަމާޒުކޮށް ދެވަނަ ހަމަލާ ދިނީ 20 މިނިޓް ފަހުންނެވެ. ނޫސްވެރިން މަރުވީ ދެވަނަ ހަމަލާގައެވެ. ދެ ހަމަލާގައި ޖުމްލަ 29 މީހުން މަރުވެފައި ވެއެެވެ.
ކާބުލްގައި ދެވުނު ދެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ.
ހަމަ އިއްޔެ ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޚޯސްތުގައި ބަޑިން ދިން ހަމަލާއެެއްގައި ބީބީސީ އަފްޣާން ސާވިސްގެ ނޫސްވެރިޔާ އަޙްމަދު ޝާހު ވަނީ މަރުވެފައެވެ. މި ހަމަލާ ދިނީ ކޮން ބައެއްކަން އެނގިފައި ނުވެއެވެ.
މީގެ އިތުރަށް ދެކުނުގެ ޕްރޮވިންސެއް ކަމުގައިވާ ކަންދަހާރުގައި ބާރުބޮޑު މަގެއްގައި މީހަކު ކާރެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި 11 ކުޑަކުދިން މަރުވެފައި ވެއެވެ. މި ހަމަލާގެ ޒިންމާވެސް ބަޔަކު އުފުލާފައި ނުވެއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި 2016 ވަނަ އަހަރު އަފްޣާނިސްތާނުގައި ދެވުނު ހަމަލާތަކުގައި 37 ނޫސްވެރިން މަރުވެެފައި ވެއެވެ. ސީރިޔާއާއި މެކްސިކޯއަށް ފަހު، އަފްޣާނިސްތާނު ބެލެވިފައިވަނީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި 3 ވަނަ ގައުމު ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.