ސައުދީ ބަލިކޮށް އުރުގުއޭ ދެވަނަ ބުރަށް

ވޯލްޑްކަޕް ގްރޫޕް އޭ ގައި މިރޭ އުރުގުއޭ އާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗު އުރުގުއޭ އިން ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރަޝިއާގެ ރޮސްޓޯވް އެރީނާގައި މިރޭ ކުޅެވުނު މެޗު އުރުގުއޭއިން ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުންނެވެ.

މެޗު ފެށިގޮތަށް އުރުގުއޭއިން ވަނީ ސައުދީއަށް ނުރައްކާކުރަން ފަށައިފައެވެ. އެގޮތުން އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް ސައުދީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަތައް ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 23 ވަނަ މިނެޓުގައި ސުއަރޭޒް ޖެހިލަނޑެކެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ކޯނަރަކުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. މިރޭގެ މެޗަކީ ސުއަރޭޒް އުރުގުއޭގެ ޤައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. އަދި މިރޭ އޭނާ ޖެހި ލަނޑަކީ އޭނާ ޤައުމީ ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ބަލިވުމާ އެކު ގްރޫޕް ތާވަލުގެ އެންމެ ފުލުގައި މިވަގުތު އޮތް ސައުދީ ވަނީ ބާކީ އެއްމެޗު އޮތްވައި މުބާރާތުން އަލްވަދާއު ކިޔައިފައެވެ.

ސައުދީ މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި ބައްދަލުކުރާނީ މިސްރާއެވެ. މިސްރަކީވެސް މިރޭގެ މެޗު އުރުގުއޭއިން ކާމިޔާބުކުރުމުން މުބާރާތާ އަލްވަދާއު ކިޔައިފައިވާ ޓީމެކެވެ.

ގްރޫޕް އޭ ގެ ދެވަނަ ބުރުގެ މެޗުތައް ނިމުނުއިރު ތާވަލުގެ އެއްވަނާގައި 6 ޕޮއިންޓާ ފައިދާ 7 ގޯލާ އެކު އޮތީ ރަޝިއާއެވެ. ދެވަނާގައި އުރުގުއޭ އޮތީ 6 ޕޮއިންޓާ ފައިދާ 2 ގޯލާއެކުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.