އުރްދުންގެ ރަސްގެފާނު ޢަބްދުﷲ އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ގެ އަނބިކަނބަލުން ކުއީން ރާނިއާ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ ޓްރަމްޕް އެމެރިކާގެ ރައީސަަކަށް ހޮވިވަޑައިގަތް ފަހުން ކިންގް ޢަބްދުﷲ އާއި ރާނިއާ އެމރިކާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ފެޝަނަށް ލޯބިކުރާ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ވައިޓްހައުސް އަށް ވަޑައިގެންނެވި އިރު ކުއީން ރާނިއާ ތުރުކުރައްވައިގެން ހުނެނެވި ހެދުމަށެވެ.
ކުރީން ރާނިއާ އަކީ ފެޝަން އައިކޯން އެކެވެ. އެކަމަނާ ތުރުކުރައްވާ ހެދުންކޮޅުތަކަށް މީޑީއާ އާއި ފެޝަނަަށް ލޯބިކުރާ މީހުން އަބަދުވެސް ބޮޑު ސަމާލުކަމެއް ދެއެވެ. މިފަހަރު އެކަމަނާގެ ހެދުމަށް ސަމާލުކަން ލިބުނެ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެ ކަމަނާގެ ހެދުންކޮޅާއި ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާގެ ހެދުންކޮޅު ކުލަ ދާދި އެއްގޮތް ވުމެވެ.
ރާނިއާ އާއި މެލާނިއާގެ ހެދުމުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. ރާނިއާގެ ތުރުކުރައްވައިގެން ހުންނެވީ މަޑު ފިޔާތޮށި ކުލައިގެ އަތް ދިގު ޓޮޕަކާއި މަޑު ފިޔާތޮށިކުލައިގެ އެޑީމްގެ ފުޅާ ހަރުވާޅެކެވެ. އަތް ދަބަހުގެ ކުލައަކީވެސް ފިޔާތޮށިކުލައެވެ. އަރައިގެން ހުންނެވީ ހެދުމާ ގުޅޭ ޕަަމްޕް އަކަށެވެ.
ފެޝަން މެގަޒިންތަކުގެ ދިރާސާތަކަށް ބަލާއިރު މިއީ ރާނިއާގެ ރަސްމީ ވޯޑްރޯބަަށް އިތުރުކުރެވުނު ރީތި ހޮވުމެކެވެ.
އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމޕް ވެސް ތުރުކުރައްވަިގެން ހުންނެވީ މަޑު ފިޔާތޮށި ކުލައިގެ ހެދުމެކެވެ. މިއީ މިދިޔަ ހަފްތާގައި ޓެކްސަސް އަށް ކުރެއްވި ދަތުރުފުޅުގައި ތުރުކުރައްވައިގެން ހުންނެވި ޖެކެޓަކަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވީ ފަހުން އެކަމަނާ ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަރަކާތެވެ.