އާ ހިތްވަރަކާއެކު ނުކުމެފައިވާ އިދިކޮޅު ޕާޓީތަކާ، އުނދަގޫތަކަކާ ކުރިމަތިވެފައިވާ އިގުތާސާދަކާއެކު މިއަދު ތުރުކީގެ ރައްޔިތުން ވޯޓުލާން ނުކުންނައިރު މިއީ ރައީސު ރަބަޖް ތައްޔިބު އެރްދޮޣާންގެ 15 އަހަރު ވީ ވެރިކަމުގައި އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ތުރުކީގައި ގިނަ އަހަރުތަކަކަށް ދެމިގެން ދިޔަ ޢަލްމާނީ (ސެކިއުލާ) ވެރިކަން ނިމުމަކަށް ގެނެސް، އެރްދޮޣާންގެ އިސްލާމީ އުސޫލްތަކަށް ތާއީދުކުރާ ޕާޓީ 2002 ވަނަ އަހަރު ވެރިކަމަށް އައިފަހުން ގައުމުގެ ހާލަތުން މޮޅިން ބަދަލުވެ، އިގްތިސާދު އެތައް ގުނައަކަށް ކުރިއަރާފައި ވެއެވެ. އެހެންނަމަވެސް، އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރަމުން ދަނީ އެރްދޮޣާން ދުވަހެއް ދުވަހަކަށް ޚުދުމުޚްތާރުވެ މަދަނީ ހައްގުތައް ހަނިކުރައްވަމުންނެވެ.
މިއީ ތުރުކީގެ ތާރީޚުގައިވެސް ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުގައި އެއްދުވަހަކު ވޯޓުލާ ފުރަތަމަ ފަހަރެވެ. މިފަހަރު 56 މިލިއަން މީހުންށަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.
އެރްދޮޣާން ބޭނުންފުޅުވަނީ ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޭނާގެ ޕާޓީއަށް ހޯއްދަވައިދެއްވުމަށެވެ. އެހެންނަމަވެސް ޢަލްމާނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއްޗްޕީ) ހިންގާފައިވާ ފޯރިގަދަ އިންތިޚާބީ ކެމްޕޭނު ސަބަބުން މިލަނޑުދަނޑި ހާސިލުނުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ސީއެޗްޕީގެ ކެންޑިޑޭޓް މުހައްރަމް އިންސް ވަނީ އޭނާގެ ޖަލްސާތަކަށް އެތައްހާސް ބަޔަކު އެއްކުރައްވާފައެވެ. އަދި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް ވަރުގަދަ ކޯލިޝަނެއް އުފައްދަވާފައެވެ.
ޖުލައި 8 ގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނު ނަމަވެސް އެރްދޮޣާން ކާމިޔާބުކުރައްވާނެކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް، އޭނާ ކުއްލި ގޮތަކަށް އަވަސް އިންތިޚާބެއް އިއުލާންކުރެއްވި އިރު އޮތްވަރަށް ވުރެ އިދިކޮޅުގެ ބާރު ގަދަވެފައިވާ ކަންވެސް ހަނދާންކޮށްލަން ޖެހެއެވެ.
މިއަދު ވޯޓުފޮށިތައް ހުޅުވިފައި ހުންނާނީ ހެނދުން 8:00 (މާލޭގަޑިން ހެނދުނު 10:00) އިން ހަވީރު 5:00 (މާލޭގަނޑިން ރޭގަނޑު 7:00) އަށެވެ.