ފާއިތުވި މޭ މަހުގެ 12 ވަނަ ދުވަހު އިރާގުގައި ބޭއްވުނު އާއްމު އިންތިޚާބުގެ ވޯޓު އަލުން އަތުން ގުނުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށް އެގައުމުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ފެޑެރަލް ކޯޓުން ތާއީދުކޮށްފިއެވެ. އެހެންނަމަވެސް، ގައުމުން ބޭރުގައި ތިބެގެން ވޯޓުލީ މީހުންނާއި، ވަޒަންދޫކޮށް އެހެން ތަނެއްގައި އުޅެން މަޖުބޫރުވެފައިވާ މީހުންނާއި، ސަލާމަތީ ބާރުތަކުގެ މީހުންނާއި، ޕޭޝްމަރްގާ (ކުރުދީ ހަނގުރާމަވެރިން) ގެ ވޯޓު ބާޠިލުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށް ކޯޓުން ތާއީދު ނުކުރެެއެވެ.
ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޗީފް ޖަސްޓިސް މިދްޙަތު އަލްމަޙްމޫދު ވިދާޅުވީ "ކޯޓޫން ދެކެނީ އަލުން ވޯޓު ގުނުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަކީ އިދާރީ ކަމެއް ކަމުގައި. އެކަމުގައި ގާނޫނު އަސާސީއާ ޚިލާފު އެެއްވެސް ކަމެއް ނެތް."
އިރާގުގެ ޝީޢީ ޒައީމު މުޤްތަދާ އައްޞަދްރު ހައިރާން ކުރުވަނިވި ކާމިޔާބީއެއް ހޯއްދެވި އާއްމު އިންތިޚާބުގެ ވޯޓު އަލުން އަތުން ގުނަން އިރާގުގެ އިލެކްޝަންސް ކޮމިޝަަނަށް ލާޒިމުކުރާ ގަރާރެއް ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މި ޖޫން މަހުގެ ކުރީކޮޅުގައެވެ. އެ ގަރާރުގައިި މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވަނީ އިންތިީޚާބުގައި ލާފައިވާ 11 މިލިއަނަށްވުރެ ގިނަ ވޯޓު، މަޖިލީހުން އައްޔަންކުރާ 9 ފަނޑިޔާރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ގުުނުމަށެވެ.
އެކަމާ ގުޅޭ ގޮތުން ސުޕްރީމް ފެޑެރަލް ކޯޓުގެ ނިންމުމުގައި ވަނީ ވޯޓު ގުނުމުގެ ކަންތައް ބަލަަހައްޓަވާ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާ، އިލެކްޝަންސް ކޮމިޝަނުގައި މަަސައްކަތްކުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްވަގުތެއްގައި ކަމަށް ނުވާތީ..... އެއީ ގާނޫނާ ޚިލާފު ކަމެއް ނޫން" ކަމުގައެވެ.
އޯޕެކް މެންބަރު ގައުމުތަކުގެ ތެރެއިން ތެޔޮ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެއް ކަމުގައިވާ އިރާގުގައި ފާއިތުވި މަހު ބޭއްވުނު އިންތިޚާބަކީ އެގައުމުގެ ތާރީޚުގައި އެންމެ މަދުން މީހުން ވޯޓުލީ އިންތިޚާބެވެ. އަދި އެ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމުގެ ޝަކުވާތައް ވެސް ގިނައެވެ.
އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޝީޢީ ޒައީމު މުޤްތަދާ އައްޞަދްރާއި، ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އީރާނުގެ ތާއިދު ލިބިފައިވާ ހަނގުރާމަވެރިންގެ ޒައީމު ހާދީ އަލްއަމީރީ ވަނީ ކޯލިޝަނެއް ހައްދަވާފައެވެ. އެހެންނަމަވެސް، ވޯޓު އަލުން ގުނަން ނިންމާފައި ވާތީ އެބޭފުޅުންނަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވެއެވެ.