ރާއްޖޭގެ ސިޔާސީ ލީޑަރުންގެތެރެއިން ރައީސް މުހައްމަދު ނަޝީދަކީ ސާދާ ހަރުދަނާ ސިޔާސީ ޝަޚުސިއްޔަތެއް ލިބިގެންވާ ލީޑަރެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ފޯނުން އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދަކީ މިހާރު އެމަނިކުފާނުގެ ސިޔާސީ އެކުވެރިއެއްގެ އިތުރަށް ރަހުމަތްތެރިއެއް ކަމަށެވެ.
ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވަނީ ރައީސް ނަޝީދަށް ނިސްބަތްކޮށް ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ އިންތިޚާބުގައި ރައީސް ނަޝީދު ހޮވި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ހޮވި ވަޑައިގެންނެވިޔަސް ވެރިކަން ހަވާލެއް ނުކުރައްވާނެ ކަމަށެވެ. މި ވިދާޅުވުމަކީ މިހާރުވެސް މީހުންގެ ތެރޭގައި މަޝްހޫރު ވާހަކައެކެވެ. ބައެއް މީހުންނަށް ހަޖަމް ނުވި ވާހަކައެކެވެ.
އެކަމާ ބެހޭ ގޮތުން އާފަތިހުން ސުވާލު ދެންނެވުމުން ޑރ. ޖަމީލް ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ރައީސް ނަޝީދާ ޒާތީ ވެގެން ވިދާޅުވި ވާހަކައެއް ނޫންކަމަށެވެ. އެއީ ސިޔާސީ ޕްލެޓް ފޯމްތަކުގެ ބަހުރުވައިން ވިދާޅުވި ވާހަކައެއް ކަމަށެވެ. "ރައީސް ނަޝީދާއި އަޅުގަނޑާ ދެމީހުންގެ ދޭތެރޭގައި އެއްވެސް އިރެއްގައި ޒާތީކަމެއް ނޯންނާނެ. އެމަނިކުފާނާ މެދު އަޅުގަނޑު މިހާރުވެސް ދެކެނީ އެއީ ހަރުދަނާ ސިޔާސީ ލީޑަރެއްގެ ގޮތުގައި. އަދި އެހާމެ ސާދާ ބޭފުޅެއްގެ ގޮތުގައި. މިހާރު އެމަނިކުފާނާއި އަޅުގަނޑާދެމެދު ވަނީ ސީޔާސީ ގުޅުމުގެ އިތުރަށް ރަހުމަތްތެރިކަންވެސް އުފެދިފައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ސިޔާސީ ލިޑަރުންނަކީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ޒާތީވެގެން އުޅުއްވަން ޖެހޭ ބައެއް ނޫންކަމަށާއި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވިދާޅުވާ ބަސްތަކަކީ އަބަދަށް ދެމިގެންދާންޖެހޭ ވާހަކަތަކެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް މައުމޫނާ ދިމާއަށް ކޮންކަހަލަ ހަޑި އެއްޗެހިތަކެއްތޯކީ. އެކި ވަސީލަތްތައް ބޭނުންކޮށްގެން. (އެމަނިކުފާނު އަދު އެހުންނެވީ އުމުރުފުޅުން 82 އަހަރުގައި ޖަލަށް ވެސް ލެވިފައި) އަޅުގަނޑާ ދިމާއަށްވެސް އެހާރުވެސް މިހާރުވެސް ކޮންކަހަލަ އެއްޗެހިތޯ ކިޔަނީ. ހަމައެގޮތަށް ރައީސް ނަޝީދާ ދިމާއަށްވެސް. އެހެން ލީޑަރުންނާ ދީމާއަށް ވެސް. ސިޔާސީ ދާއިރާގައި އުޅޭމީހުންނާ ދިމައަށް އަންނާނެ އެކަހަލަ ބަސްތައް،" ޖަމީލް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޒާތީ ވެގެން އެއްވެސް ކަމެއް ރަނގަޅުނުވާނެ ކަމަށެވެ. ކުރީގައި "ބާޣީންގެ ގޮތުގައި" ތިބި ބަޔަކު ވަކިބަޔަކު ރުހޭ ގޮތަށް އާނ ބަސް ބުނަން ފެށުމުން އެމީހުން ޣާޒީންނަށް ވެފައި އެއާދެކޮޅަށް އަނެއްކާ ވާހަކަ ދައްކަން ފެށުމުން އަނެއްކާ ބާޣީންނަށް ބަދަލުވާ ސަގާފަތް ރާއްޖެއިން ދޫކޮށްލަން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.