ހުއްދަ (4)

(12 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަޞްނޫޢީ ރުޅިވެރިކަމަކާއެކު އަތް ދޫކުރުވަން ރިޒާ އުޅުނެވެ. އެކަމަކު ރޫބީ ހިފަހައްޓާފައި ހުރީ އެއަށް ވުރެ ބާރަށެވެ. އެހެންވީމާ ދޫކުރުވޭ ގޮތެއް ނުވިއެވެ.

"ދެކޮޅު ހަދާ ސަބަބަކީ ކޮބާ-؟" ކޮންމެވެސް ޖަވާބެއް ހޯދަން ރިޒާ ބޭނުން ވެއެވެ.

"ސަބަބު-؟" ރޫބީ ކުޑަކޮށް ހާސް ވެއްޖެ އެވެ. "ކޮންމެ ސަބަބަކަށް ވިޔަސް ހެޔޮ- އަހަރެން ދެކޭ ގޮތުގައި ޙަޤީޤީ ލޯތްބަކީ އެކަކު އަނެއްކެއްގެ އިޙްސާސްތައް ޙިއްސާ ކުރުމާއި، ވިސްނުމުގެ ގުޅުމާއި، މުވާޞަލާތު- ކައިރިވުމަކީ ކުޅިވަރެއް ނޫން- އެއީ ދެ ފަރާތެއްގެ ދެމެދުގައި ވެވޭ ވަރަށް ވަރުގަދަ އެއްބަސްވުމެއް- އެއީ ހަމައެކަނި ފޫހިފިލުވައިލުމެއް ނޫން- އެއީ ދެ ހިތެއްގެ ދެމެދުގައި އޮންނަ ހަނިހަނި މަގެއް- އެ މަގުގެ އަހަންމިއްޔަތަކާ މެދަކު އަހަރެން ދެކޮޅެއް ނުހަދަން- އެކަމަކު ކާވެންޏެއް ނުކޮށް..."

ރޫބީގެ ވާހަކައިގެ އެންމެ ފަހު ބައި އޭނާގެ ދުލުކުރީގައި އޮވެ މަރު ވެގެން ދިޔައީއެވެ.

"ކާވެނި... ކާވެނީގެ ވާހަކަ ކުއްލިއަކަށް ތިޔަ ފެށީ ކީއްވެގެން-؟ އަހަރެމެން ކާވެނީގެ ވާހަކަ ނުދައްކަމެއްނު-؟ ކާވެންޏަކީ ދެ އިންސާނެއްގެ ދެމެދުގައި އުފެދޭ ގުޅުމެއް ނޫން- އެ ދެ އިންސާނެއްގެ ތަފާތު ހުވަފެންތައް ފުށުއެރުން-" ރިޒާވެސް ވާހަކަ ދައްކަމުން ދިޔައީ ހުޅުވިފައިވާ ހިތަކާއިގެންނެވެ.

"އަހަންނަށް ތިޔަކަން އެނގޭ- ވިސްނޭ- ކާވެނި ކަހަލަ ވިޔާނުދާ ގުޅުންތަކާ ޚުދު އަހަރެންވެސް ދެކޮޅު ހަދަން- އެއީ އަންހެންމީހާ އަޅަކަށް، އަދި ފިރިހެންމީހާ ސާހިބަކަށް ހަދާ ގުޅުމެއް- އަހަރެން ބޭނުން ވަނީ އަހަރެންގެ މައިންބަފައިންނަށާއި، މުޅި އަންހެންވަންތަކަމަށް ޚިދުމަތްތަކެއް ކުރަން- އަހަރެން ބޭނުން ވަނީ އަމިއްލަ ފައި މައްޗަށް ތެދުވަން- އަހަރެންނަކީވެސް އަގެއް ހުރި މީހެއްކަން ސާބިތުކޮށްދޭން- ކާވެނީގެ ކަންތައްތަކުގެ ތެރެއަށް ވަންނާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ- އެންޑް އޮފް ރޫބީ ޚާން ގެންނާކަށް ބޭނުމެއް ނުވޭ-"

ރޫބީ އަނެއްކާވެސް ތަޤްރީރު ކުރަން ފެށިއެވެ.

"އެންމެ ރަނގަޅު އަހަރެން މިބުނާ ގޮތަށް ހަދަމާ ހިނގާ-" އޭނާ ވަރަށް ލޯބިން ރިޒާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅު ކޮށްދެމުން ބުނެލިއެވެ. "އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެ ރަޙްމަތްތެރިން- އަހަރެން ރިޒާ ދެކެ ނިހާޔަތަށް ލޯބިވަން- އެހެންވީމާ ރިޒާގެ ކަންތައްތަކާ ވިސްނާއި، ހިތް ހަމަ ޖައްސައި ދިނުމަކީ އަހަރެންގެ ވާޖިބެއް- އެހެންވީމާ މިއަދު ވަކި ކަހަލަ އެއްބަސްވުމަކަށް އަންނަމާ ހިނގާ- ދެ މީހުން އެކަކު އަނެކަކު ދެކެ މިހާރުވެސް މިވާ ވަރަށް ލޯބި ވާނީ- އަހަރެން ދެކެ ހަމަ ތިޔަ ވާ ވަރަށް ލޯބިވޭ- އެކަމަކު ތިޔަ ބުނާ އަނެއް ބޭނުން ފުއްދަން އެހެން ކުއްޖަކު... އެކަމަކު އެއީ ޝަރުެއްގެ މަތިން... އެ ގުޅުމުގައި އެއްވެސް ކަހަލަ ޖަޒުބާތެއްގެ އަސަރު ހުރެގެން ނުވާނެ-" ރޫބީ އޭނާގެ ނިންމުން އިއްވައިލި އެވެ.

"އައްދޭ- ތިޔައީ ކޮން ކަހަލަ ވާހަކައެއް-؟" ރިޒާ ކުޑަ ކުއްޖެއްހެން ބޮޑާ ހާކާ ކަހަލަ ރާގަކަށް ބުނެލިއެވެ. "ތިޔަ ކަމެއް އަހަންނަކަށް ނުވާނެ- އެހެން ހަދާނީ ކިހިނެއް-؟ ލޯބި ވަކި މީހަކު ދެކެ ވެފައި، އެހެން މީހަކާ އެކީ..."

"ރިޒާ ތިޔައީ ހަމަ ފައްކާ މޮޔައެއް- އަހަރެންގެ މި މޮޅު ޚިޔާލާ ތިޔަ ހަދަނީ ދެކޮޅު- މި ކަހަލަ ފުރުޞަތެއްގެ ބޭނުން ހިފަން ވާނެ- އަހަރެން ކަހަލަ އަންޑަރސްޓޭންޑިންގ އަންހެން ކުއްޖަކު ފެންނާނީ ކޮން ތަނަކުން-؟"

   

ރިޒާ އޭނާގެ އެދުންތަކަށް ރޫބީ ބޯ ލަނބާތޯ ލައްކަ ދުވަހު މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރޫބީގެ ޚިޔާލު ބަދަލު ކުރެވޭ ގޮތެއް ނުވިއެވެ. އެއީ ދެކުދިންގެ ފައިނަލް އިމްތިޙާން ކައިރި ވެގެން އައި ދުވަސްވަރެވެ. ރިޒާ އޭނާގެ ލޯބީގައި ކޮޅު ފައިން ޖަހާފައި ގޮސް އެހެން މީހަކާ އެކު އެއްވެސް ގުޅުމެއް ނުހިންގާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ރޫބީގެ ހިތުގައި ވަރަށް ބޮޑަށް އޮވެއެވެ. އޭނާގެ ލޯބީގެ ކަނޑަށް ރިޒާ ަރަޤު ވެގެން ދާނޭ ކަމުގެ ޔަޤީންކަން ހިތުގައި އޮވެއެވެ. ކިތަންމެ ފުނަކަށް ގެނބިގެން ދިޔަޔަސް އަތްފައި ތަޅުވައި، ސަލާމަތް ވާން އެއްވެސް މަސައްކަތެއް ނުކުރާނޭކަން އެނގެ އެވެ. އެހެން އެއްވެސް މީހެއްގެ ކައިރިއަކަށް ރިޒާއެއް ނުދާނެއެވެ. ޚުދު ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވުރެ ބޮޑު އިތުބާރެއް ރިޒާގެ މައްޗަށް އޮވެއެވެ. އޭނާ ބޭނުން ވަނީ ލޯބީގެ އަރާމާއި، އުފާ ލިބިގަންނާށެވެ. އެހެން ނަމަވެސް ޖިސްމާނީ ގުޅުމެއް ހިންގާކަށް ބޭނުމެއް ނުވެއެވެ. ރޭގަނޑު ނިދާ ވަގުތު ރިޒާ ކައިރީގައި ނެތަސް އޭނާ ނިދަނީ ނުލާހިކު އުފަލުން އޮވެއެވެ. އެއީ ހުވަފެނުގައި ރިޒާ އާ ބައްދަލު ކުރެވޭތީއެވެ. އޭނާ ހެނދުނު ތެދުވެ ރިޒާއަށް ހުވަފެން ކިޔައި ދެއެވެ. ރިޒާވެސް އޭނާއަށް ފެނުނު ހުވަފެން ރޫބީއަށް ކިޔައި ދެއެވެ. ރޫބީ ބުނެއެވެ. "ދެ މީހުންގެ ހުވަފެން އެއްކޮށްގެން އެއް ހުވަފެނަކަށް ހަދަމާ ހިނގާ- އެއަށް ފަހު އެ ހުވަފެން ބޭރު ފެންނަ ފުޅިއަކަށް ލައި، ރަނގަޅަށް ބަންދު ކޮށްފައި ބޭރުގައި ހޭންޑްލް ވިތް ކެއަރ ޖަހާފައި ވަރަށް ރީތިކޮށް ހަރުގަނޑުގައި ބަހައްޓާނީ- ކޮންމެ ދުވަހަކު އެއް ފަހަރު އެ ހުވަފެނަށް ބަލާނީ-"

"އެހެން ބަހައްޓާފައި ހުއްޓާ އެ ފުޅި ވެއްޓި ތެޅިއްޖެއްޔާ އަހަރެމެންގެ ހުވަފެން ވިއްސިވިހާލި ވެގެން ހިނގައިދާނެ- އެކި ކުލަ އަރާ ސައިބޯނި ބޮކި ތަކަކަށް ވެގެން ހިނގައިދާނެ-" ރިޒާ ބުނެލިއެވެ.

"އެހެން ވެއްޖެއްޔާ އަނެއްކާވެސް އައު ހުވަފެންތަކެއް ދެކޭނީ-" ރޫބީ ފުރިހަމަ ޔަޤީންކަމަކާ އެކު ބުނެލިއެވެ.

   

ރިޒާ އެއް ދުވަހަކު އޭނާގެ ރައްޓެއްސެއް ކަމަށްވާ ޝަކީލް ގެ އޮފީހަށް ހިނގައްޖެއެވެ. އޮފީހަށް ވަންތަނުން އޭނާއަށް ފެނުނީ ކުރީއްސުރެ އޭނާ ދަންނަ ރައްޓެއްސެއް ކަމަށްވާ ޒުބައިދާ ފައިލުތަކެއް ހިފައިގެން ގޮސް ކޮޓަރިއަކަށް ވަންނަ ތަނެވެ. އޭނާ ފެނުނީމާ ރިޒާ ޙައިރާން ވިއެވެ. ޒުބައިދާ މި އޮފީގުގައި ސެކްރެޓަރީއެއްގެ ވަޒީފާ އަދާ ކުރަން ފެށީއޭ އޭނާގެ ހިތަށް އެރިއެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ޒުބައިދާ އާއި އޭނާޔާ ދެމެދު ވަރަށް ފުން ގުޅުމެއް އޮތެވެ. މިހާރު އަޑު އިވޭ ގޮތުގައި ޒުބައިދާ މީހަކާވެސް އިނދެފިއެވެ. އަދި ރަށް ދޫކޮށް ގޮސް އެހެން ރަށެއްގައި ދިރިއުޅެން ފެށި ވާހަކަވެސް އޮތީ އިވިފައެވެ.

"ޒުބައިދާ- މިތާނގައި... މި އޮފީހުގައި ކީއްކުރަނީ...؟" ރިޒާ ސުވާލު ކޮށްލިއެވެ.

"އަހަރެން އަނެއްކާވެސް މި ރަށަށް އައީ- ގޭގެ ޙާލަތު މިހާރު ހުރި ގޮތުން ވަޒީފާއެއް އަދާ ކުރަން މަޖުބޫރުވީ- ނުކައެއް ނޫޅެވޭނެއެއްނު ދޯ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.