އެ ދެ ކުދިންގެ މެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމެކެވެ.
ދެ ކުދިންވެސް ޒުވާނެވެ. ހަށިގަނޑު ރަނގަޅެވެ. ވިސްނުން ތޫނެވެ. ދެ ކުދިންގެ ވިސްނުން ހުންނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. ދެ ކުދިން ވާހަކަ ދައްކަން އެކީގައި އެތައް ވަގުތެއް ހޭދަ ކުރެ އެވެ. ބަހުސު ކުރެއެވެ. ފަލްސަފާ ގެ ވާހަކަ ދައްކައެވެ. އެކަކު އަނެކަކާ ދިމާ އަށް ކަލޭ މިހާރު ތިޔައީ ފަލްސަފާވެރިއެކޭ ވެސް ބުނެއެވެ. އެކަކު އަނެކެއްގެ ގައިގައި ޖަހަން ގޮށްމުށް ކަވައިގެން ފަހަތުން ދުވެ ހަދައެވެ.
އެންމެ ރަނގަޅު ކަމަކީ އެކަކު އަނެކެއްގެ ފަރާތުން ނުރައްކާތެރި ކަމެއް މެދުވެރި ވެދާނޭ ކަމަށް ދެ މީހުން ކުރެ މީހަކު ބިރެއް ނުގަނެއެވެ. އެކަކު އަނެކަކަށް ޖާގަ ދެއެވެ. އެކަކުގެ އިޙްސާސްތަކަށް އަނެކަކު އިޙްތިރާމް ކުރެއެވެ. ނޭވާ ލިޔަ ދެއެވެ. އެކަކު އަނެކެއްގެ ކައިރީގައި ހުންނަ އިރު އުފާ ވެއެވެ. އެ ދެ ކުދިންނަކީ މި ޒަމާނުގެ ޒުވާން ނަސްލުގެ ދެ މަންދޫބުންނެވެ.
ދެ ކުދިން ތިބީ ޗައިނީޒް ރެސްޓޯރަންޓެއްގައެވެ. ކުރިމަތީގައި ޗިކަން ކޯރން ސުޕް ދެ ތަށި ހުއްޓެވެ. އަންހެން ކުއްޖާ ހޫނު ސުޕް ތަށްޓައް އަސޭމިރުސް އަޅައިގެން ގިރަން ފަށައިފިއެވެ.
"އެކަމާމެދު އެއްވެސް ވަރަކަށް ވިސްނައިލިންތަ-؟" ސުޕް ތަށިން އަރަމުން ދިޔަ ދުމުގެ ތެރެއިން އަންހެން ކުއްޖާގެ މޫނަށް ބަލައިލަމުން ފިރިހެން ކުއްޖާ އަހައިލިއެވެ.
"ކޮން ކަމަކާ-؟" އަންހެން ކުއްޖާ ސުޕް ބޯން ފަށައިފިއެވެ.
"އަހަރެމެން ދެ މީހުންގެ އާދަ އާއި ޚިޔާލު ހުންނަ ގޮތް މުޅީން އެއްގޮތެއްނު-؟"
"މީގެ ކުރީގެ ދުވަސްވަރެއްގައި އަހަރެމެން ދެ މީހުން އެހެން ސިފައެއްގައި އެކީގައި ދުނިޔޭގައި އުޅުނީ ކަމަށް ވެދާނެ-" އަންހެން ކުއްޖާ ސަމާސާގެ ރާގަކަށް ބުނެލިއެވެ.
"އާނ- އެ ދުވަސްވަރު އަހަރެމެން ދެ މީހުން އުޅުނީ އެކަކު އަނެކެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށް ވާނީ-" ފިރިހެން ކުއްޖާ މާނައިން ފުރިފައިވާ ގޮތަކަށް އަންހެން ކުއްޖާގެ ވާހަކަ އަށް ތާއީދު ކުރިއެވެ.
"އައްދޭ-" އަންހެން ކުއްޖާ ވަރަށް ބާރަށް ހީނގެންފިއެވެ. ބަސްތައް އެކި ގޮތް ގޮތަށް އަނބުރައިގެން ތަފާތު މާނަތައް ނެރެގެން ވާހަކަ ދެއްކުމަކީ ފިރިހެން ކުއްޖާގެ އާދަ އެކެވެ. އެއީ އަންހެން ކުއްޖާ އަށް ވަރަށް ކަމުދާ އާދަ އަކަށް ވެސް އޮންނަނީ ވެފައެވެ.
"އާނ- އަހަރެން އެއްބަސްވަން- ދެ މީހުން އެކަކު އަނެކެއްގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅަމުން ދިޔައީ ކަމަށް ވާނީ-"
އަންހެން ކުއްޖާ ލަދުން އިސް ޖަހައިލި އެވެ. އެކަމަކު އޭނާ އަކީ ޢާއްމު ގޮތެއްގައި ލަދު ގަންނަ ކުއްޖެއް ނޫނެވެ. އެއީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރު ކުރާ، ތެދުވެރި ކުއްޖެކެވެ. ވާހަކަ ދައްކާނީ ސާފު ސީދާ ތެދު ބަހުންނެވެ. އޭނާ ބޭނުން ވަނީ އިހުގެ އާދަތަކާ ދެކޮޅު ހަދާށެވެ.
"ދެ ލޯ ރަތް ކޮށްގެން އަހަރެންނާ ދިމާ އަށް ތިޔަ ބަލަނީ ކީއްވެގެން-؟ އެހެން ދިމާ އަކަށް ބަލާ- އަހަރެން ހާސް ވަނީ-" އޭނާ ފިރިހެން ކުއްޖާ އާ ދިމާ އަށް ބުނެލިއެވެ.
ފިރިހެން ކުއްޖާ ހިނިތުންވެ ހުރެގެން އަންހެން ކުއްޖާ އާ ދިމާ އަށް ބަލަނީ އެވެ. ސުޕް ތަށި އޭނާގެ ކުރިމަތީގައި ހުރެގެން ހިހޫ ވަނީއެވެ.
"އޭތް- އަނެއްކާ އަހަރެން ދެކެ ލޯބި ވާން ފެށީތަ-؟" އަންހެން ކުއްޖާ މަޖާ ވެލާފައި އަހައިލިއެވެ.
"އާނ-" ފިރިހެން ކުއްޖާ ވަރަށް އާދައިގެ ގޮތަކަށް ބުނެލި އެވެ. އޭރުވެސް އޭނާ އިނީ އަންހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެންނެވެ. އާނއެކޭ ބުނެވުނީ ވަރަށް ސީރިއަސް ރާގަކަށް ކަމުގައި އޭނާ އިހްސާސް ކުރެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ އަށް އިހުސާސް ކުރެވުނީ އޭނާ ބުނި އާނ- އަކީ މުޅީން ހިމޭންކޮށް އޮތް ފެންގަނޑެއްގެ ތެރެއަށް އެއްލައިލެވުނު ގާބުރިއެއް ކަމުގައެވެ. އެ ގާބުރި އަޑިއަށް ދިޔައީ ފެންގަނޑުގައި ރާޅުބާނި ތަކެއް އުފައްދާފައި ކަމުގައި އޭނާ އަށް އިހްސާސް ކުރެވުނެވެ. ރެސްޓޯރަންޓްގެ ފާރުތަކުން އާނ- އާނ- އޭ ގޮވަމުން ދާ ކަމުގައި ވެސް އޭނާ އަށް ހީކުރެވެން ފެށި އެވެ. ފެންގަނޑަށް އެއްލި ގާބުރި ގޮސް އަޑީގައި ހަމަޖެހިލައިފި އެވެ. އާނ- މި ބަސް ގޮސް އޭނާގެ ހިތުގައި ހަރުލައިފިއެވެ.
"ނޫން- ނޫން- ތިޔައީ ރަނގަޅު ކަމެއް ނޫން- ތިޔަ ކަމެއް ނުވާނެ- ތިޔަ ލޯތްބަކީ ކޮން ތަނަކުން އައި އެއްޗެއް-؟ އަހަންނަށް ކަމުދަނީ މިހާރު ވެސް މި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން- އެ ގުޅުން ޤުރްބާން ކޮށްލާކަށް އަހަރެން ބޭނުމެއް ނޫން- ތިޔައީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް-" އޭނާ ތަޤްރީރު ކުރަން ފަށައިފި އެވެ. ތަޤްރީރު ކުރުމަކީ އޭނާގެ އާދަ އެކެވެ.
"އަހަރެން ދެކެ ލޯބިވާން ބޭނުން ނޫނިއްޔާ ނުވޭ- މައްސަލައެއް ނެތް- އެކަމަކު އަހަރެން ލޯބި ވާނަން- އެއީ އަހަރެންގެ ކަމެއް-"
ފިރިހެން ކުއްޖާ ވާހަކަ ދެއްކީ ކެތްތެރިކަމާ އެކީގަ އެވެ. ހީވަނީ ވަރަށް އާދައިގެ ވާހަކައެއް ދައްކަނީ ހެންނެވެ.
"ތިޔަހެން ވާނީ ކިހިނެއް-؟ ކަންތައް ވާނީ ކިހިނެއް-؟ ވަރަށް ބޮޑު މައްސަލަ އަކަށް ތިޔަކަން ވާނެ- އަހަންނަށް، އަހަރެންގެ ގޮތް އެނގޭ- ތިޔަހެން ލޯބި ވަންޏާ އެންމެ ފަހުން ގޮސް އަހަންނަށް ވެސް ލޯބި ވެވިދާނެ- ތިޔަ ކަހަލަ މުސްކުޅި ބޯދާ ކަމެއްގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން- އަހަރެން ކުރަން ލައްކަ ކަންތައް އެބަހުރި- އަދި ރަނގަޅަށް ވިސްނައިލާ-" އަންހެން ކުއްޖާ އާދޭސް ކުރާ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
(ނުނިމޭ)