ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫޖަހަންޖެހޭ ކަމެއްނޫން: އަދުރޭ

އިންޑޮނޭޝިއާއާ ވާދަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީނޫން މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫންކަމަށް ޕީޕީއެމްގެ ނާއީބު ލީޑަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑޮނޭޝިއާ ވާދަކުރި މި ގޮނޑި ރާއްޖެއަށް ގެއްލިފައިވަނީ ވަރަށްބޮޑު ތަފާތަކުންނެވެ. ރާއްޖެއަށް ލިބިފައިވަނީ 46 ވޯޓެވެ. އިންޑޮނޭޝިއާ ގޮނޑި ކާމިޔާބުކުރީ 144 ވޯޓު ހޯދައިގެންނެވެ. މިއީ މި ގޮނޑި އިންޑޮނޭޝިއާ ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.

އަބްދުއްރަހީމް ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ މިފަދަ ގޮނޑިއަކަށް ރާއްޖެ ވާދަކުރުމަކީ ރައީސް ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެން ދިޔަކަމެއް ކަމަށެވެ. އެހެން ނަމަވެސް ގޮނޑި ގެއްލުމަކީ ހަޖޫޖެހުމުގެ ބަދަލުގައި ރައީސް ޔާމީނަށް ތައުރީފް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫޖަހަންޖެހޭ ކަމެއްނޫން. އެއީ ރައީސް ޔާމީނަށް ތައުރީފް ކުރަންޖެހޭ ކަމެއް. އަދި ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެއް،" އަދުރޭ ވިދާޅުވެފައިވެއެވެ.

މި ގޮނޑި ކާމިޔާބުކުރަން ރާއްޖެއިންވަނީ ވަރަށްބޮޑަށް ކެންޕޭން ކޮށްފައެވެ. އެވަރަށް މަސައްކަތް ކުރުމަށްފަހު އެގޮނޑި ކާމިޔާބު ނުކުރެވުމުން ބައެއް މީހުން ގެންދަނީ އެކަމާ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.