ސްޕެއަރ ނެތިގެން ޚިދުމަތް ލަސްވުމަކީ ގަބޫލުކުރާ ކަމެއް ނޫން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދޭ ރަށްރަށުގެ އިންޖީނުތަކަށް މައްސަލަ ދިމާވެ ސްޕެއަރ ނެތިގެންނާއި ޓެކްނިކަލް މީހަކު ނެތިގެން ޚިދުމަތް ނުދެވި ލަސްވުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް ފެނައިން ވިދާޅުވެއްޖެއެވެ.

އެކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވެފައިވަނީ އެއްވެސް މީހަކު ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ ރައީސް ޔަމީންގެ ސިޔަސަތެއް ނޫން ކަމަށެވެ. އެހެން ކަމުން އިންޖީނުތަކަށް ދިމާވާ މައްސަލަތައް ރަނގަޅު ކުރެވެންއޮތް ގޮތަކަށް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ.

އޭނާ ވިދާޅުވެފައިވަނީ ރަމަޟާން މަހު ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ކަމަށްވާނަމަ އެކަން އެއީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައެއް ދިމާނުވެ ވޭތޯ ފެނަކައިން ވަރަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަމަޟާން މަސް ނޫނަސް އެހެންމަސްމަހުގައި ވެސް އެފަދަ ކަމެއް ދިމާވިޔަނުދިނުމަށް އިސްކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހިނގާ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަސްތެރޭގައި އެކަނި ވެސް ރާއްޖޭގެ ފަސް އަތޮޅަކަށް ޖަނަރޭޓަރުތައް ފޮނުވައި އިންސްޓޯލް ކުރުމަށްފަހު ޚިދުމަތްދޭން ފަށައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެގޮތުން ދ. މީދުއަށް 240 ކިލޯ ވޮޓުގެ ޖަނަރޭޓަރަކާއި، ތ. ގުރައިދުއަށް 600 ކިލޯ ވޮޓުގެ ޖަނަރޭޓަރަކާއި، ޅ. އޮޅުވެލިފުށްޓަށް 160 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، ގއ. ނިލަންދުއަށް 240 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ވަނީ ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.