ރަޒާންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

ހުކުރު ދުވަހު ޣައްޒާގެ ޚާންޔޫނުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްޠީނުގެ ޒުވާން ނަރުސް ރަޒާން އައްނައްޖާރުގެ ޖަނާޒާ އިއްޔެ ޣައްޒާގައި ބާއްވައިފިއެވެ. އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. ފަލަސްޠީނުގެ ސިއްހީ ވުޒާރާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ 21 އަހަރުގެ ޒުވާނާގެ މެއަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖެހީ މުޒާހަރާއެއްގައި ޒަޚަމްވި މީހަކަށް އޭނާ ފަރުވާ ދެމުން ދަނިކޮށެވެ.

ބައިނަލް އަޤްވާމީ ޤާނޫނު ބުނާ ގޮތުން ހަނގުރާއިގެ މައިދާނުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރާ މީހުންނަށް ގަސްތުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. އެހެންނަމަވެސް، ރަޒާން މަރާލި މައްސަލައިގައި ބައިނަލް އަޤްވާމީ އެއްވެސް ޖަމާއަތަކުން އެއްޗެކޭ ބުނެފައި ނުވެއެވެ.

ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވީ އިސްރާއީލާ މެދު އެބައިމީހުން ހިތްތަކުގައި އޮތް ރުޅިވެރިކަން ފާޅުކޮށް އަޑު އުފުލުމަށެވެ. "ރަޒާން! ލެއާއި ފުރާނައިން އަހަރުމެން ތިބާގެ ހައްގުގައި ފިދާވާނަން"، ބަދަލު ހިފާ، ބަދަލު ހިފާ" ފަދަ އަޑުތައް ޖަނާޒާގެ ބައިވެރިން އުފުލަމުން ދިޔައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އިސްރާއީލާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ނުހުއްޓައި ކުރިއަށް ގެންދާނެ ކަމުގެ އަޒުމު އާކޮށް، ރަޒާންގެ މަރުގެ ބަދަލު ހިފުމަށް ޙަމާސް ޖަމާއަށް އެމީހުން ގޮވާލާފައި ވެއެވެ.

އިސްރާއީލާ ދެކޮޅަށް ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ދިހަވަނަ ދުވަހު ރަޒާންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލިއިރު، އިސްރާއީލުގެ އުދުވާނީ ސިފައިންވަނީ ފަލަސްޠީނުގެ އެތައް ސަތޭކަ ބައެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައެވެ.

ރަޒާން އައްނައްޖާރުގެ މަރާއެކު، ސިލްސިލާ މުޒާހަރާތަކުގައި މިހާ ތަނަށް މަރުވި ފަލަސްޠީނު މީހުން އަދަދު ވަނީ 123 އަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.