ދެހާހަށްވުރެ ގިނަ މީހުންނަށް ލައިސަންސް ދީފި

"އެއްލަކިން މަށް ލައިސަންސް" ނެގޭ ޕްރޮގްރާމުގައި 2،252 މީހަކަށް ލައިންސަންސް ދޫކުރައްވައިފި ކަމަށް އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިއަދަދަށް ލައިސަންސް ދޫކޮށްފައިވާއިރު 9،191 ހަރަކާތެއް ނުވަތަ ޚިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާޑަށް ފައިސާ ބަލައިގަތުމާއި، ތިއަރީ ޓެސްޓާއި، ޑްރައިވިން ޓެސްޓް ހެދުން ފަދަ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ ދަށުން ސައިކަލް، ކާރު، ޕިކަޕްގެ ލައިސަންސް ދޫކުރުން ވެސް ހިމެނޭ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު މި ޕްރޮގްރާމް ފެށީ ތިން ދުވަހަށް އަމާޒު ކޮށްގެންނެވެ. އެހެންނަމަވެސް މީހުންގެ ތަރުހީބު ލިބުނު ބޮޑު ކަމުން 7 ދުވަހަށް ޕްރޮގްރާމް ދަންމާލީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ދަށުން މާލޭގައި ހިންގި ހަރަކާތް މުޅިން ނިމޭނީ މާދަމާރޭ. އެރޭ އަޅުގަނޑުމެން އެއްވެސް ޓޯކަންއެއް ދުލެއް ނުކުރާނަން. މާދަންރޭ ޚިދުމަތްދޭނީ ކުރިން ޚިދުމަތްތަކަށް ފައިސާ ބަލައިގެންފައި ޚިދުމަތް ނުދެވިފައިވާ ފަރާތްތަކަށް. ތިއަރީ ހަދަން ފައިސާ ބަލައިގަނެފަ ނުވަތަ ކެޓަގަރީ އިތުރުކުރަން ފައިސާ ބަލައިގެންފައި، ނުތަ ހުރިހާ އެއްޗަކުން ފާސްވެފައި ކާޑަށް ފައިސާ ބަލައިގެންފައިވާ ފަރާތްތަކަށް އެކަނި މާދަންރޭ ޚިދުމަތްދޭނީ،" އަބްދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ހުރިހާކަމެއް ކުރިއަށް ގެންގޮސްފައިވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް އާންމު އުސޫލުން ލައިސަންސް ނެގުމަށްވުރެ ހުރިހާ ގޮތަކުންވެސް މިޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްލަކިން މަށަށް ލައިސަންސް" ޕްރިގްރާމު ދެން ހިންގާނީ ހުޅުމާލޭގައެވެ. އެކަން ފަށާނީ ރޯދަމަހަށް ފަހު ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެހެން ރަށްރަށުގައި މި ޕްރްގަރާމް ހިންގުމަށް ރާވައިފައިވާ ތަރުތީބު ފަހުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.