ހއ. އިންނަފިނޮޅުގެ ފަރަށް އެރި ރާއްޖެއިން ބޭރުގެ ބޯޓެއްގައި ތބި ފަޅުވެރިން އޭގައި ރޯކޮށްލުމަށްފަހު ފިލަން އުޅެނިކޮށް އެމީހުން ބަންދުކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ބޯޓުގައި ތިބި 8 ފަޅުވެރިން ކަނޑަށް ފުންމައިލުމުން އެމީހުން މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ. އެމީހުން ކަނޑަށް ފުންމާލީ އެމްއެންޑީއެފްގެ ރެސްކިޔު ޓީމެއް އެދިމާއަށް ދާން ފެށުމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ބޯޓުން ފުންމާލި މީހުން ގެންގޮސްފައިވަނީ ހއ. އިހަވަންދުއަށެވެ. ބޯޓު އަންދާލުމުން އޭގެ ބައިތައް އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ މީހުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.
އެބޯޓަކީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ. ފުލުހުންގެ މީޑިއާއިން ވިދާޅުވީ ބޯޓާބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި ފަހުން އެމައުލޫމާތު ހިއްސާ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.