ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭކަށް ނުޖެހޭ؟

ދިވެހި ތާރީޚުގައި ރާއްޖެއިން 25 ބުރީގެ އިމާރާތެއް ބިމުން މައްޗަށް އަރައި އެ ނިމުނީއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. މާލެއާއި ހުޅުލެއާ ދެމެދުން ކަނޑުން ބުރިޖެއް "ތިލަވެފައި" ވަނީ ހަމަ މިވެރިކަމުގައެވެ. ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ހުރިހާ ރަށަކަށް އެމައްސަލަ ހައްލުކޮށް ދެއްވައި ނިންމެވީ މި ސަރުކާރުންނެވެ.

މިއީ ރައީސް ޔާމީން ސަރުކާރުން ހިންގަވާ މަޝްރޫއުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. ލިސްޓް އެމީހަކު ދިގުކުރަން ބޭނުން ވަރަކަށް ކުރަންވީއެވެ. ދޮށީ އުމުރުގެ މީހުންނަށް ކުރިން ދެމުންއައި 3000 ރުފިޔާގެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑު ކުރެއްވީ މިސަރުކާރުންނެވެ. އައިޖީއެމްއެޗުން ކުރިން ނުލިބޭ އެތައް ޚިދުމަތެއް މިހާރު ލިބޭނެ އިންތިޒާމް ހަމަޖައްސަވައި އިތުރު ޚިދުމަތްތަކަށް އެތަން ފައްކާވަމުން އެ އަންނަނީ ވެސް މި ސަރުކާރުންނެވެ. ރައީސް ޔާމީންގެ ސަރުކާރުންނެވެ.

އަދިވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގު ނުވޭހެއްޔެވެ؟ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް އިން ބުނަނީ ނޫނެކޭ އެމަނިކުފާނަށް ދެވަނަ ދައުރެއް ހަގުވާ ކަމަށެވެ. އެކަން ގަބޫލުކޮށް ޕީޕީއެމްގެ ކައުންސިލުން ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދެއްވުމަށް ނިންމައިފައެވެ.

ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓް ދެވޭނެ އުސޫލުވެސް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނާތީ ދިނީއެވެ. ޓިކެޓް ދިނުމުން އެއާ ޚިޔާލު ތަފާތުވާ މީހުންވެސް އެބައުޅެއެވެ. ކޮންމެއަކަސް އެމަނިކުފާނަށް ޕާޓީގެ ރިޔާސީ ޓިކެޓު ދެއްވުމަށް ނިންމައި އެކަން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގަވައިފައެވެ.

ޕާޓީގެ ކައުންސިލުން އެބޭފުޅުންގެ ބައި އެނިންމެވީއެވެ. ދެންއޮތީ ރައްޔިތުންގެ ބައެވެ. މިހާރަށްވުރެ ބޮޑަށް ރާއްޖެ ތަރައްގީ ކުރެއްވުމަށް ދެވަނަ ދައުރަކަށް ރައީސް ޔާމީން ވެރިކަމަށް އިންތިޚާބު ކުރެއްވުމާއި ނުކުރެއްވުން ދެން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯ އަދި ހާމައެއް ނުކުރައްވައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ "ސަޕްރައިޒް" އެއް ކަމަށެވެ. ރައީސް ޔާމީން މިހާރު ކޮށްދެއްވާ ކަންކަމަށް ބަލާފައި އެމަނިކުފާނު އާދައުރަށް ނެރޭ މެނިފެސްޓޯގައި މުޅިންވެސް ހުންނާނީ ހިތަށް ފިނިކަން ލިއްބައިދޭ ތަރައްގީ ކަމާމެދު ޝައްކުކުރަންވީ ސަބަބެއްނެތެވެ.

ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން އަބަދުވެސް ވިދާޅުވެއެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެންދަވަނީ ގައުމީ ތަރައްގީގައި ރެކޯޑު ހައްދަވަމުން ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުންވެސް އެންމެ ކަންބޮޑުވާ އެއްކަންތައް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ދެއްވަންޖެހެނީ އެމަނިކުފާނުގެ ތަރައްގީއަށް ބެލުމަށްފަހު ކަމަށެވެ. ދެވަނަ ދައުރެއް ރައީސަށް ނުދިނުމަށް އެދިކޮޅުން މަސައްކަތް ކުރިޔަސް "ރައްޔިތުން ވޯޓުދޭނީ ތަރައްގީއަށް. ބިނާ ކުރުވަނިވި ފުރިހަމަ ތަރައްގީއަށް. އެކަން ކޮށްދެއްވާ ވެރިއަކީ ރައީސް ޔާމީން،" ޚަލީލް ވިދާޅުވިއެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ހައްގުވާ ސަބަބުތައް ވަރަށްގިނަ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި މިގައުމު ބަދަލުކޮށްލެއްވި ހަމައެކަނި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. ރާއްޖޭގައި މިހާރުއޮތް ސުލްހަވެރިކަމާއި އަމާން ކަން ގާއިމް ކޮށްދެއްވީ ރައީސް ޔާމީނެވެ. ބޭރުގެ ނުފޫޒުތަކުން ގައުމު ސަލާމަތްކޮށް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މި ގައުމު ބޭއްވުމަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ވެރިއަކީވެސް ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއެއް ރާއްޖެއަށް ގެނައުމަށްޓަކައި ދުރުރާސްތާއަކަށް ވިސްނަވާ ވަޑައިގެން ކުރައްވާ މަސައްކަތްތަކަކީވެސް ރައީސަށް ދެވަނަ ދައުރެއް ހައްގުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އޭގެ ތެރޭގައި ސިއްހީ ދާއިރާއަށް ގެންނެވި ހެޔޮ ބަދަލުތައް، އެއާޕޯޓުތައް އިތުރުވެ އެތަންތަނަށް އަންނަ ހެޔޮ ބަދަލް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާކުރުމާއި، ޒުވާނުންނަށް މީގެ ކުރިން ނުލިބޭ ވަރުގެ ފުރުސަތުތަކެއް ހޯދަވައިދެއްވީ ރައީސް. ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ކުޅިވަރުވަރުގެ ގޮތުންވެސް ޒުވާނުންނަށްވަނީ ފުރުސަތު ހުޅުވާފައި. މިހާތަނަށް ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތްތަކުން އެންމެގިނަ ރަންމެޑެލް ލިބިފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައި. އެއީ ރައީސް ޔާމީން ކޮށްދެއްވި މަސައްކަތް،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީންނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ފާޅުކަންބޮޑު ގޮތުގައި ބޭރުގެ ފަރާތްތަކުން ގޮވާލަމުންދާއިރު އެފުރުސަތު ނުދީ މާތްވެގެންވާ އިސްލާމްދީން މަތީގައި މިގައުމު ބޭއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަކީވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާ ކަމެއް ކަމަށެވެ. ރާއްޖޭގެ ތާރީޚުގައިވެސް ބައިނަލް އަގުވާމީ ގުރުއާން މުބާރާތެއްވެސް ފުރަތަމަ ފަހަރަށް ބޭއްވެވީވެސް ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެޔޮއަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަށް ވެސް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެންމެފަހުން މިވެރިކަމުގެ ތެރޭގައި ދޫކުރި ފުލެޓުތަކަކީ ވެސް ވަރަށް ކުޑަ ކުއްޔަކަށް ދޫކުރި ފުލެޓް. އެއީ ގާތްގަނޑަކަށް މީގެ ފަނަރަ ނުވަތަ ވިހި އަހަރު ކުރީގައި މިއަގުތައްހުރި މިންގަނޑަށް ބަލާއިރު ހަހާސް ރުފިޔާއަށް ތިންކޮޓަރީ ދޫކުރުމަކީ ވަރަށްކުޑައަގެއް،" އޭނާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފުލެޓް އަޅަން ފެށުމަކީވެސް މީހުންގެ އުންމީދުތަކަށް ހަގީގަތަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ސަބަބުތަކުގެ ވާހަކައަކީ ދައްކައި ނިމޭނެ ވާހަކައެއްނޫން. ތަރައްގީ ބޭނުންވާ ކަމަށްވާނަމަ ނުވަތަ މުސްތަގުބަލުގައި ފަސޭހަ ދިރިއުޅުމެއް ބޭނުން ކަމަށްވާނަމަ މިހާރުގެ ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް އެއްކޮށް ނިންމުމަށްޓަކައި ވެސް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން އެބަޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.