ތޫފާން "މެކުނު" ގެ ބާރު ވަނީ ގަދަވެފައި، ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓު

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު މިމަހުގެ 22 ވަނަ ދުވަހު ވަނީ ތޫފާނަކަށް ބަދަލުވެފައި ކަމަށާއި، "މެކުނު" ގެ ނަމުން ނަންދީފައިވާ މިތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

މިތޫފާން މިހާރުހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 2050 ކިލޯމީޓަރު ދުރުގައެވެ. ތޫފާން މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާ ފެއަށް މެދުއިރުމައްޗާ ދިމާއަށް ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވިއެވެ.

ކުރިއަށްއޮތް 6 ގަޑިއިރުތެރޭގައި "މެކުނު" ގެ ބާރު ގަދަވާނެ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު އޮމާނާއި ޔަމަން ގުޅޭ ސަރަހައްދުގެ އައްސޭރި ހުރަސް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

މި ތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރި ކަމަށްވިޔަސް މިސަރަހައްދުގެ ކަނޑުތަކުގައި ބާނި ބޮޑުވެ ކުރިއަށްއޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުގައި އާންމުކޮށް އުދައެރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވިފައެވެ.

މީގެ އިތުރަށް މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ދުވަސް ވަރަކަށްވާތީ އާންމުކޮށް އެންމެން މިކަމަށް ސަމާލުވުމަށް ވެސް މޫސުމާބެހޭ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޚާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.