ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން މަޝްވަރާ ކޮށްފި

ރާއްޖޭގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމާބެހޭ ގޮތުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިކަމަށް ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެގޭ މުޢައްސަސާތަކުގެ އެންނެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފުން މަޝްވަރާ ކުރެއްވި މުޢައްސަތަކުގެ ތެރޭގައި ޑިފެންސް މިނިސްޓްރީގެ އިތުރަށް ފުލުހުންނާއި، ހޯމްމިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ ހިމެނެއެވެ.

މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރާއި، ޗީފްއޮފް ޑިފެންސް ފޯހާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާއި، ޓޫރީޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ހިމެނިވަޑައިގަންނަވެއެވެ.

"ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އަދި ކުރިމަތިވެދާނެ އިމަޖެންސީއަކަށް ޙަރަކާތްތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ އެންމެ އިސްވެރިންނާއެކު" މިއަދު ބައްދަލު ކުރައްވައިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހުސްވިމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާއަށްފަހު ޓެރަރިސްޓުންގެ އަމާޒަކަށް ރާއްޖެ ވެދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. މިއަދުގެ ބައްދަލުވުން ބޭއްވީ ރާއްޖެއަށް އެކަހަލަ ނުރައްކަލެއް އޮވެގެންތޯ ނޫންތޯ އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.