އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ފޯރުކޮށްދޭނަން: އުމަރު

ދިވެހިރާއްޖޭގެ ވެރިކަން ރައްޔިތުން ދެއްވައިފި ކަމަށްވާނަމަ ދިވެހިންނަށް މަތީތައުލީމް ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"މިހާރު މަތީ ތައުލީމުގެ ފުރުސަތު ހަމަހަމަކޮށް ރައްޔިތުންނަށް ނުލިބޭ. އެފުރުސަތު މިލިބެނީ ހަމައެކަނި އެފޯޑު ކުރެވޭ ނުވަތަ ތަނަވަސްކަން ހުންނަ އާއިލާތަކަށް އެކަނި. އެއީ ޔުނިވަރސިޓީ، ކޮލެޖަށް ފައިސާ ދައްކަންޖެހޭތީ. ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުތަކާ ހަމައަށް ނުގެންދެވޭނެ މަތީ ތައުލީމް ހިލޭ ދީގެން ނޫނިއްޔާ. އެހެންވީމާ އަހަރެންގެ އެއް ވައުދަކީ މަތީތައުލީމް ހިލޭ ފޯރުކޮށްދޭނަމޭ. އޭރުން ރާއްޖޭގެ އެންމެ ނިކަމެތިމީހާގެ ފެމިލީއަށްވެސް އޮންނާނެ ލޯޔަރަކު އެކައުންޓެންޓަކު އިންޖިނިއަރަކު އުފެއްދުމުގެ ގާބިލްކަން،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ގައުމަށް ވަރަށްބޮޑު ހެޔޮބަދަލެއް އަންނާނެ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނެ ކަމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވައި އިސްލާމިކް އައިޑެންޓިޓީ ދެމެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ. "ދައުލަތުގެ ހިމާޔަތުގެ ދަށުގައި އިސްލާމްދީން ބާއްވައިގެން ދީން ހިމާޔަތް ކުރުމަކީ ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑު އެންމެ އިސްކަން ދެއްވާނެ ކަންތައް،" އުމަރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށް ދެއްވުމަށް "ހެޔޮ ހިޔާ" ގެ ނަމުގައި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. " ހެޔޮ ހޮޔާގެ ދަށުން އެ މީހެއްގެ މުސާރައާ އެކަށީގެންވާ އަގަކަށް ބޯހިޔާ ވަހިކަން ހަމަޖައްސައިދެވޭނެ. އޭގޮތުން ސަރުކާރުން ދޫކުރާ ފުލެޓަށް އެ މީހަކު ދައްކަން ޖެހޭނީ އެމީހަކަށް ލިބޭ މުސާރައިގެ 25 އިންސައްތަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ސަރުކާރަކުން ގެދޮރު ދޫކުރުމުގައި މިހާތަނަށް މީހުންނަށް ލިބޭ މުސާރައަށް ބަލައިފައި ނުވާ ކަމަށެވެ. "މުސާރަ ކިތަންމެ ބޮޑަސް ކުޑަޔަސް އެއް އަގެއް ފުލެޓަށް ދައްކަން މިޖެހެނީ. އެކަން އަޅުގަނޑު ބަދަލުކޮށްލާނަން،" އުމަރު ވިދާޅުވިއެވެ.

އޭނާގެ އަނެއް ވައުދަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުނުކޮށް ޚަރަދުކުޑަ ލުއިލުއި ސަރުކާރެއް ހިންގުމެވެ. "މިހާރު ޓެކްސްތަކާއި، ފީތަކައި، ޖުރިމަނާ އެއްޗެހި ބޮޑުކުރަންޖެހޭ ސަބަބަކީ ސަރުކާރުގެ ޚަރަދުތައް ބޮޑުވެ އިސްރާފު ބޮޑުވެ ކޮރަޕްޝަން ބޮޑުވީމާ ސަރުކާރު ބޮޑުވަނީ ބޮޑު ބަނބުކެޔޮގަހެއްހެން. އެހެންވީމާ ސަރުކާރަށް ހޭދަކުރަންޖެހޭ ހޭދަ ބޮޑުވީމާ މަޖުބޫރުވަނީ އިތުރަށް ޓެކްސްނަގަން ނުވަތަ ފީތަކާއި ޖުރިމަނާތައް ބޮޑު ކުރަން. އޭގެ ބުރަ އުފުލަން މިޖެހެނީ ރައްޔިތުން،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރު އޮވެގެން ބޮޑުވާ ކަމަށް ވާނަމަ އެހުރިހާ އެއްޗެއް އަންނާނީ ބޮޑުވެގެން ކަމަށެވެ. "އެހެންވީމާ އަހަރެންގެ އަނެއް ވައުދަކީ ޓެކްސް ބޮޑުނުކޮށް މިހާރުއޮތް ސަރުކާރު ތިރީސް ޕަސެންޓަށް ކުޑަކުރުން. ކުޑަކޮށްލީމާ ޓެކްސްގެ ބުރައެއް ރައްޔިތުންނާ ހަމައަށް ނާންނާނެ މިހާރު އަންނަ ވަރަކަށް،" އުމަރު ވިދާޅުވިއެވެ.

ސަރުކާރު ކުޑަކުރާނީ ދައުލަތުގެ އެއްމުއައްސަސާ އަނެއްމުއައްސަސާއާ މާޖުކުރުމާއި، އައުޓުސޯސް ކުރުމާއި ސަރުކާރުގެ މަސައްކަތްތައް ޕްރައިވެޓައިޒް ކުރުމާއި މިހެން ގޮސް މުޅިސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނެސްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް ހެދުމުން ރައްޔިތުން ދައްކަންޖެހޭ ޓެކުހާއި ފީއާއި، ޖުރިމަނާތައް މަދުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަނެއް ވައުދަކީ ޑުރަގާއި ކޮރަޕްޝަން ނައްތާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރައްވާނީ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އަމަލު ކުރެއްވި ގޮތަށް ކަމަށް އޭނާވިދާޅުވިއެވެ.

އަނެއް ވައުދަކީ ބިދޭސީ މަސައްކަތްތެރިން ގެ މައްސަލަ ހައްލު ކުރުމެވެ. އެކަން 4 އަހަރު ތެރޭ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މިއޮތީ ތޮއްޖެހިފައި. މިކަން ހައްލު ކުރެވުނު އެއްވެސް ސަރުކާރެއްނައި. އެހެންވީމާ އަހަރެންގެ ވައުދަކީ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެސްދިނުން. އެކަން ހައްލުކޮށް މެދުފަންތީގެ ހުރިހާ މަސައްކަތެއް ދިވެހިންގެ އަތްމައްޗަށް ނަގާނަން. ދިވެހިންނަށް ވަޒީފާދޭ ފަރާތްތަކަށް ސަރުކާރުން ދޭނެ އިންސެންޓިވް ތަކެއް. ދިވެއްސަކަށް ވަޒީފާ ދިނީމައި ލިބޭ ބެނެފިޓްތަކެއް ދޭން ފެށީމައި ދިވެހިންނަށް ވަޒީފާ ލިބޭނެ،" އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.