އިންތިޚާބުގެ ކުރިން ފޭދޫގައި ފުލެޓް އަޅަން ފެށޭނެ: އައިބީ

ރިޔާސީ އިންތިޚާބުގެ ކުރިން ސ. ފޭދޫގައި ފުލެޓް އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފޭދޫގައި ހިއްކާފައިވާ ބިމުގައި ފުލެޓު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ފުލެޓް އެޅުމަށް ބޭނުންވާ ޕްލޭން މިހާރުވަނީ ނިމިފައި ކަމަށެވެ. "އުންމީދު ކުރަނީ މާ ލަސްތަކެއް ނުވެ ނުވަތަ ރިޔާސީ އިންތިޚާބުގެ ކުރިން އެ ސަރަހައްދުގައި ފުލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް،" އައިބީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށުގައި ބިންހިއްކައި ފުލެޓް އެޅުމުގެ މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން ފޭދޫ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮދެއްވި ކަންކަމުގެ ތެރެއިން ވަރަށް މުހިންމު އެއްކަން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަތައް އެއްކޮށް ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހިއްކި ބިން މިހާރުވަނީ ޕްލޭންކޮށް ނިމިފައި. ޕްލޭނުގައި ހިމެނޭ ފުލެޓް އެޅުމުގެ މަސައްކަތް މާދުވަހެއްނުވެ ފެށޭނެ އިރާދަކުރެއްވިއްޔާ،" އައިބީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ގެންދަވަނީ އެރަށުގައި ނަރުދަމާއި، ފެން ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ކަމަށެވެ.

އަސާސީ އެފަދަ ޚިދުމަތްތަކަކީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުން ކޮށްދެއްވަމުން ގެންދަވާ ވަރަށްމުހިންމު ޚިދުމަތެއް ކަމަށްވެސް އައިބީ ވިދާޅިވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.