ޔޫއޭއީންދެ 50.4 މިލިއަން ޑޮލަރުގެ އެހީގައި މޫސަލްގެ 8 ގަރުނަށްވުރެ ގިނަ ދުވަސްވީ ބޮޑު މިސްކިތް އަލްޖާމިޢު އަލްކަބީރު އަންނޫރީ އަލުން ބިނާކުރުމުގެ މަޝްއޫއެން ފަށަށް ނިންމާފައިވާ ކަަމަށް އދ.ން ބުނެފިއެވެ.
އައްނޫރީ މިސްކިތާއި އެ މިސްކިތުގެ އަރިއަޅާލާފައި ހުންނަ 'އަލްހަދްބާ" މުންނާރު އަލުން ބިނާކުރުގެ މަޝްރޫއަކީ ޔުނެސްކޯއާއި، އިރާގުގެ ސަގާފަތާއި ބެހޭ މިނިސްޓްރީއާއި، އިންޓަނޭޝަނަލް ސެންޓާ ފޯ ދަ ސްޓަޑީ އޮފް ދަ ޕްރިޒަވޭޝަން އެންޑް ރެސްޓޮރޭޝަން އޮފް ކަލްޗަރަލް ޕްރޮޕަޓީ (އައިސީސީއާރުއޯއެމް) ގުޅިގެން ހިންގާ މަޝްރޫއެކެވެ.
މޫސަލްއިން އިސްލާމިކް ސްޓޭޓް ބޭރުކޮށް އެރަށް ހިފަން ފާއިތުވި އަހަރު ޖުލައިމަހު، އެމެެރިކާގެ އެހީތެރިކަމާއެކު އިރާގު ސިފައިން ކުރި ހަނގުުރާމައިގައި އެ މިސްކިތް ވަނީ މުޅިން ސުުންނާފަތިވެފައެވެ. އަދި އެ މިސްކިތުގައި ހުރި މަޝްހޫރު އަލްހަދްބާ މުންނާރުވެސް ވަނީ ވެއްޓިފައެވެ. އިރާގުން ބުނަނީ މިސްކިތަށް ހަމަލާދީ މިސްކިތް ހަލާކުކުރީ އިސްލާމިކް ސްޓޭޓް ކަމުގައެވެ.
ޕެރިހުގައި މައި މަރުކަޒު ހުންނަ ޔުނެސްކޯއިން ބުނި ގޮތުގައި މިސްކިތް އަލުން އިމާރާތްކުރުމަށް 5 އަހަރު ހޭދަވާނެއެވެ. ފުރަތަމަ 12 މަސް ހޭދަވާނީ މިސްކިތް ހުރި ތަނާއި މިސްކިތުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމަށެވެ.
އިސްލާމިކް ސްޓޭޓްގެ 'ޚަލީފާ' އަބޫބަކްރު އަލްބަޣްދާދީ އޭނާގެ ފުރަތަމަ ޚުޠުބާ 2014 ވަނަ އަހަރު ދިނީ އައްނޫރީ މިސްކިތުގެ މިންބަރު މަތިންނެވެ.
އަލްޖާމިޢު އަލްކަބީރު އައްނޫރީ އަކީ މީލާދިން 1173 ވަނަ އަަހަރު، މަޝްހޫރު އިސްލާމީ އަމީރު އަދި ކޮމާންޑަރު ނޫރުއްދީން ޒިންކީ އިމާރާތްކުރެއްވި މިސްކިތެކެވެ. ޒިންކީ އަކީ ޞަލާޙިއްދީން އަަލްއައްޔޫބީގެ ކުރިން ޞަލީބީންނާ ހަނގުރާމަކުރެއްވި ކޮމާންޑަރެވެ.
އައްނޫރީ މިސްކިތުގެ ހަތަރު މުންނާރުގެ ތެރެއިން އެއް މުންނާރު ހުންނަނީ އިރުމައްޗަށް އަރިއަޅާލާފައެވެ. އެ މުންނާނު އެގޮތަށް އަރިއަޅާލާފައި ހުންނަތާ އެތައް ގަރުނެއް ވެއްޖެއެވެ. މީލާދީން 14 ވަނަ ގަރުނުގައި މަޝްހޫރު ސައްޔާހު އިބްނު ބަޠޫޠާ މޫސަލަށް ޒިޔާރަތްކުރެއްވި އިރުވެސް އެ މުންނާރު ހުރީ އަރިއަޅާފައި ކަމުގައި އޭނާ ލިއުއްވާފައި ވެއެވެ. 148 ފޫޓު އުސް އެ މުންނާރަކީ އިރާގުގައި ހުރި އެންމެ އުސް މުންނާރެވެ.
ފާއިތުވި ޖުލައި މަހު މޫސަލް ހިފަން ކުރި ހަނގުރާމައިގެ އެރަށުގެ އާސާރީ އަވަށް މުޅިންހެން ވަނީ ސުންނާފަތިވެފައެވެ. މޫސަލް އަލުން ބިނާކުރަން 2 ބިލިއަނެއްހާ ޑޮަލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެެވެ.