ހިތަދޫ އައު ސަހަރާގެ ބިން ސާފުކޮށް ނިމިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި އައު ސަހަރާއެއް ހެދުމަށް ކަނޑައަޅައިފައިވާ ބިން ސާފުކޮށް ލެވެލް ވެސް ކޮށް ނިމިއްޖެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބިން ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ހައުސިންއާ ހަވާލު ކުރެއްވީ އިސްލާމިކް މިނިސްޓްރީންނެވެ. ދެ މިނިސްޓްރީގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަން ސާފުކޮށް ލެވެލްކޮށް ނިމިފައިވިޔަސް އެތަން އަދި އިސްލާމިކް މިނިސްޓްރީއާ ހަވާލެއް ނުކުރެއެވެ. އެތަން އެ މިނިސްޓްރީއާ ހަވާލުކުރަނީ ހަދަންޖެހޭ ސާވޭއެއް ނިންމުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ މުހައްމަދު ޖަމްޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ސާވޭ އެންމެ ލަސްވެގެން ކުރިއަށްއޮތް ދެދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސާވޭ ނިމުމުން ސަހަރާގެ ވަށައި ފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ހަވާލުކުރާނެ ބަޔަކު އަދި ހަމަޖެހިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫގައި އަލަށް ހެދުމަށް ހަމަޖެހިފައިވަނީ ފަންސާސް ހާސް އަކަފޫޓުގެ ބޮޑު ސަހަރާއެކެވެ. އައު ސަހަރާ ހަދަނީ އެރަށު މަސްޖިދުލް ބާޤިއާ ހުންނަ މަގުގެ ފުއްޓަރާވީ ފަރާތުގައެވެ. އެތަން ނިމޭއިރު ހިނަވާ ގެއަކާއި، މޯޗަރީއެއް ވެސް ހުންނާނެ އެވެ.

އެ ސަހަރާ ހަދާނީ ގިނަދުހަށް ބޭނުން ކުރެވޭ ގޮތަށް، މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސަހަރާތަކާ އެއް ފެންވަރަށް ކަމަށް އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.