މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑޮކްޓަރ ޙާތިމް ބިން ޙަސަން އަލްމަރްޒޫޤީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ. މިބައްދަލުކޮށްލެއްވުމުގައި ދީނީގޮތުން ހައްދުފަހަނައަޅާދިއުމުގެ ސިޔާސަތުތައް ނައްތާލުމުގެ މުހިންމު ކަމާމެދު ރައީސް ޔާމީންވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ތަޢުލީމީދާއިރާގެ ތެރެއިންވެސް ހައްދުފަހަނައަޅައި ދިއުމަށް ބާރުއަޅާ ސިޔާސަތުތަށް ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރގެ ވާހަކަފުޅުގައި ހައްދުފަހަނައަޅާދިއުން ހިމެނޭ ހިޔާލުތައް ނައްތާލުމަށް އެޔުނިވަރސިޓީން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައިވެސް އެފުރުޞަތު ހަނިކުރެއްވުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އެގޮތުން ހަމައެކަނި ޝަރީޢާ ކިޔަވައިދިނުމުގެ ބަދަލުގައި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކުން ތަޢުލީމާއި ތަރުބިއްޔަތުވެސް މަންހަޖުގެ ތެރޭގައި ހިމެނުމާއިމެދު ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި މިސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާމެދު ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ މިންވަރު ފާހަގަކުރައްވައި އެކަމަށްޓަކައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.