އިންތިޚާބާ ބެހޭގޮތުން ސުވާލު އުފެދުމުގެ ފުރުސަތެއް ނުދޭނަން: އީސީ

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާނެ ފުރުސަތެއް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނަރު އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. ރިޔާސީ އިންތިޚާބު އެނޫން ގޮތަކަށް ހިނގައިދާނެތީ އެއްވެސް ބަޔަކު ކަންބޮޑުވާންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބުތައް ބާއްވާނެ ގޮތްވެސް އޮންނާނެ ގާނޫނާއި ގަވާއިދުގައި. އެގޮތަށް ކުރިއަށް ގެންދިޔުމުން އެއްވެސް ބަޔަކު ކިޔާނެ އެއްޗެއް އޮވެގެންނުވާނެ. އިންތިޚާބު ދާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އުސޫލާ އެއްގޮތަށް،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްރީ އެންޑް ފެއާ އިލެކްޝަނެއް ބޭއްވޭނީ ވަކި މީހަކު އިލެކްޝަންސް ކޮމިޝަނަރަކަށް ހުރެގެން ނޫންކަމަށެވެ. ކޮންމެ މީހަކު އެމަގާމުގައި ހުއްޓަސް ގާނޫނާއި ގަވާއިދުގެ ތެރެއިން އިންތިޚާބު ބޭއްވުމުން އެއްވެސް ބަޔަކު ކިޔާނެ އެއްޗެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރަން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަންދޫބުން ހަރަކާތްތެރި ވާނެ ކަމަށެވެ. "ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް. އެ ހުރިހާ ކަމަކާއެކު ރާއްޖޭގައި މިފަހަރުވެސް އޮންނާނީ ދެފުށް ފެންނަ އިންތިޚާބެއް. އެކަމުގެ ޔަގީންކަން މިހާރުވެސް އަޅުގަނޑުދެން،" ޝަރީފް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.