ސަރުނަ ކުރިއެރުވުމަށް އެންމެންގެ އެހީތެރިކަން ބޭނުން: ހުސައިން

 ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތައް އެއްތަނަކުން ލިބޭނެގޮތް ހެދުމަށް  ގައުމީ ޔުނިވަރސިޓީމް އެކުލަވާލައިފައިވާ ޑޭޓާބޭސް "ސަރުނަ" މުއްސަނދި ކުރުމަށް ބޭނުންވާ ލިޔުންތައް ފޮނުވައި ދިނުމަށް ޔުނިވަރސިޓީގެ ޗީފްލައިބްރޭރިއަން ހުސައިން ހަލީމް އެދިވަޑައިގެންފިއެވެ.

އެ ޑޭޓާބޭސް އިފްތިތާހު ކުރެއްވީ 1500 ލިޔުމާއެކުގައެވެ. އެ އަދަދު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ޑޭޓާބޭސްގެ ލިޔުންތައް ވަނީ 1581 އަށް އަރައިފައެވެ.

އެފަދަ ޑޭޓާބޭސް އެއް ހެދުމުގެ މަގުސަދަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ގައުމުގެ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ތަރައްގީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ އިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމަށް އެހީވެދިނުމެވެ. އެތަން ވެގެންދާނީ "ޔުނިވަރިސިޓީގެ މައިގަނޑު މަސައްކަތް ކަމުގައިވާ އުނގެނުމާއި، އުގަންނައިދިނުމާއި އަދި ދިރާސާ ކުރުމަށް ކުރާ މަސައްކަތުގައި އެހީ ވެދިނުމުގެ ގޮތުން އެއްތަނަކުން އޮންލައިންކޮށް މައުލޫމާތު ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގާއިމްކުރި" ޑޭޓާ ބޭސްއަކަށެވެ.

ސަރުނައަކީ މައިގަނޑު 6 ޖަމާއެއް (ކަލެކްޝަން) ގެ މައްޗަށް ބިނާކޮށް މައުލޫމާތު ހިމަނާފައިވާ ޑޭޓާބޭސް އެކެވެ. އޭގައި ހިމެނެނީ އިލްމީ ލިޔުންތަކުގެ ޖަމާ، އީބުކްސްގެ ޖަމާ، މަންޒަރުގެ ޖަމާ، ދިވެހިބަހުގެ ލިޔުންތަކުގެ ޖަމާ، ތީސީސް އަދި ޑެސިޓޭޝަން ތަކުގެ ޖަމާ  އަދި މަޖައްލާތަކުގެ ޖަމާ ކަމުގައި ހުސައިން ހަލީމް ވިދާޅުވިއެވެ. އެއިން ކޮންމެ ޖަމާއެއްވެސް ވަނީ އެދާއިރާތަކާ ގުޅޭ ޖަމާތަކަކަށް ބަހާލެވިފައެވެ.

އގެ ތެރޭގައި ދިވެހި ފަންނީ މަސައްކަތްތެރިކަން، ބިނާވެށި، ތައުލީމް، ސައިންސް، ދީން، ބަސް، ސިޔާސީ އިލްމް، އިޖްތިމާއީ ކަންކަމާއި ޚިދުމަތްތައް، މަސްވެރިކަން، ފަތުރުވެރިކަން، ޝަރީއަތާއި ގާނޫނު، ދަތުރުފަތުރާއި މުވާސަލާތް، ގުދުރަތީ ރީތިކަން، ސިއްހަތާއި ބޭސްވެރިކަން، ދަނޑުވެރިކަން، ދިވެހި ތާރީޚް، އާދަކާދަ އަދި ވިޔަފާރިއާއި އިގްތިސާދު ހިމެނެއެވެ.

ހުސައިން ހަލީމް ވިދާޅުވީ ސަރުނަ އަކީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި އަދި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް ދިވެހިން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެފައިވާ މައުލޫމާތު ދަތިކަމެއްނެތި ބަލާލެވޭނޭ ޑޭޓާބޭސްއެކެވެ. "ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭ ކަމަށްވާނަމަ ބޭރުގެ ލިޔުންތެރިންގެ ލިޔންތައް ވެސް މިއަށް ލެވޭނެ. ދިވެހިބަހާއި އިނގިރޭސި ބަހުން ހުންނަ ލިޔުންތައްވެސް ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭކަމަށްވާނަމަ މިއަށް ލެވޭނެ،" އޭނާ ވިދާޅުވިއެވެ.

"މި ޑޭޓާބޭސްއަކީ ވަރަށްކުޑަ އެއްޗެއް. އެކަމަކު ލިޔުންތެރިންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މި ފުޅާވެ ބޮޑު އެއްޗަކަށް ވެގެންދާނެ. ލިޔުންތައް އެއަށް ފޮނުވަން ބޭނުންވާ އެންމެނަށްވެސް އެފުރުސަތު އޮންނާނެ. މިއީ ގައުމީ ޔުނިވަރސިޓީގައި ދިރާސާ ކުރާ ދަރިވަރުންނަށްވެސް ވަރަށް މުހިންމު އެއްޗެއް. ކުރިއަށްއޮތްތާގައި މީތި ފުޅާވެ ފުރިހަމަ އެއްޗަކަށްވެގެންދާނެ،" ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިބަހުގެ މިފަދަ ޑޭޓާ ބޭސްއެއް ހެދުމުގެ ވިސްނުން އައީ ދަރިވަރުންގެ ލާފާގެ މަތިން ކަމަށެވެ. ދިރާސާއެއް ހަދަން ޖެހުންނަސް މައުލޫމާތު ހޯދަން ބޭރުގެ މިފަދަ ޑޭޓޭ ބޭސްގެ އިތުރަށް ދިވެހިބަހުން ހުންނަ މިފަދަ މައުލޫމާތުގެ ޚަޒާނާއެއް ހުރުމުގެ ފިކުރު އައީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފަރާތުން ކަމަށް ހުސައިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.