ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމުގެ ވިސްނުމެއް އަދިއެއްނެތް: ޢުމަރު

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަނެއްކާވެސް ބަދަލުތަކެއް އަންނަކަމުގެ ކުލަވަރު ފެންނަމުންދާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމުގެ ވިސްނުންފުޅެއް އަދިއެއްނެތް ކަމަށް ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިއެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގެންނެވުމުގެ ފުރުޞަތު ކުޑަކަމަށެވެ. ސަބަބަކީ ރައީސް ޔަމީނަކީ ޢުމަރުގެ ވާދަވެރިއަކަށް ވެފައި ރައީސް ޔާމީންގެ ބައެއް ސިޔާސަތުތައް ޢުމަރަށް ކަމުނުދިޔުމެވެ.

2013 ވަނަ އަހަރު ބޭއްވި ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ޢުމަރުވަނީ ރައީސް ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ. އެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ޖޭޕީއަށް ލިބުނު ސްލޮޓެއްގައި ޢުމަރު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. ޢުމަރު ފަހުންވަނީ ޕީޕީއެމަށް ސޮއިކުރައްވައި އެސަރުކާރު ދިފާޢުކުރައްވައި ވަރުގަދައަށް ވާހަކަފުޅު ދައްކަވައިފައެވެ.

ޢުމަރު ވިދާޅުވީ އެއްވެސް ޕާޓީއަކާ ވެސް އަދި ގުޅިވަޑައި ނުގަންނަވާނެ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ކަންކަން ބައްޓަން ވެގެންދާއިރު އޭގެތެރެއިން ބައެއްކަންކަން އިސްލާޙު ކުރައްވަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތުވެސް އަދި ދަނީ އެންމެ ރަނގަޅަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ކަންކަމަށް ފާޅުގައި ފާޑުވިދާޅުވާން އަދި މާ އަވަސް ކަމަށް ޢުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސަތަށް ތާއީދުކުރާ މީހުންނާއި ނުކުރާމީހުން އުޅޭނެ. ހަމަ ގައިމުވެސް ތާއިދުކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން އަޅުގަނޑަށް ޔަޤީން. ކުރިއަށްވުރެ ގިނަވާނެ އަޅުގަނޑުގެ ސިޔާސަތަށް ތާއިދުކުރާ މީހުން. އެހެން މީހުންނާ އަޅުގަނޑާހުރި ތަފާތަކީ އަޅުގަނޑުގެ ސިޔާސަތު އެއްވެސް ފޮރުވުމެއްނެތި ހާމަކުރުން. އަދިވެސް ހުންނާނީ އެގޮތުގައި،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.