ހުޅުމީދޫ ވެމްކޯ އޮފީސް ވަރަށް ބޮޑަށް އަނދައިފި

އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ވެމްކޯ އޮފީހުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެތަނަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި ރޯވެފައިވަނީ ކަރުދާސް ބަހައްޓާފައިވާ ބައިގައެވެ. އެހެންނަމަވެސް އެތަނުގައި ރޯވާންދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

"ފެނުނީ އަލިފާން ރޯވެގެން ގޮސް ހުޅުގަނޑު ފުރާޅުން ނުކުމެފައި ހުއްޓައި. އެހެންކަމުން ފުރާޅުގެ ލަކުޑިތަކަށް ދާނދޭން ވަނީ ހަލާކުވެގެން ގޮސްފައި. އަދި ފާރަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި،" އެތަނުގެ މުވައްޒަފަކު ބުންޏެވެ.

އެ އޮފީސް އިމާރާތުގައި ހުންނަނީ އޮފީސްބައިގެ އިތުރަށް ކުނި ވަކިކުރުމަށްފަހު ބަހައްޓާ 5 ވަރަކަށް ގޮޅިއާއި މެޝިންތަކެކެވެ. އެތަނުގައި ރޯވުމުގެ ސަބަބުން ކަރަންޓު ވައިރުތައްވެސް ވަނީ އެއްކޮށް ވިރިގެން ގޮސްފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ބަލައި ނުލެވެއެވެ. އެއީ ތަހުގީގު ހިނގަމުންދާތީ އަދި އެތަނަށް އެއްވެސް ބަޔަކަށް ވަދެވޭ ގޮތް ނުވާތީ ކަމަށް ވެމްކޯ މުވައްޒަފު ބުންޏެވެ.

"އަލިފާން ނިއްވާލުމަށްފަހު އެތަން ވަނީ ސީލް ކޮށްފައި. އެއްވެސް ބަޔަކަށް އެތެރެއަށް ނުވަދެވޭ. އެހެންވީމާ މެޝިނަރީޒްތަކަށް ލިބިފައިވާ ގެއްލުންވެސް ބުނަން އަދިއެއް ނޭނގޭ. އެއީ ދަގަނޑު މެޝިންތަކެއް. މަރާމާތު ކުރެވިދާނެ. އެކަމަކު ވައިރުތަކާއި އެޒާތުގެ އެއްޗެހި ހުންނާނީ އަނދައިފައި ކަމަށް ބެލެވެނީ،" އެމީހާ ބުންނެވެ.

މާދަމާ އެތަނަށް ވަދެވި ލިބިފައިވާ ގެއްލުންތައް ބަލައިލެވޭނެ ކަމަށްވެސް އެމީހާ ބުންޏެވެ. އެހެން ކަމުން ލިބިފައިވާ ގެއްލުމުގެ ތަފްސީލް އެނގޭނީ މާދަމާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.