ރައީސަށް އެންމެބޮޑު އެހީތެރި ކަމެއް ދެއްވީ ހައްދުންމަތީން: އަދުރޭ

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެބޮޑު ހިއްސާއެއް އަދާކުރެއްވީ ހައްދުންމަތީ ރައްޔިތުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލ. ގައުމުގައި ރޭ ބޭއްވި "މިތިބޫ ރައީސް ޔާމީނާއެކު" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްރުއްރަހީމް ވިދާޅުވީ "ހައްދުން މައްޗަކީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތުގައި ވަރަށްބޮޑު ހިއްސާއެއް އަދާކުރި އަތޮޅެއް. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ ހައްދުންމަތީ ރައްޔިތުން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައްދުންމައްޗަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިންސައްތައިން ބަލައިފި ކަމަށްވާނަމަ ތިންވަނައަށް އެންމެ ގިނައިން ރައީސް ޔާމީނަށް ވޯޓު ދެއްވި އަތޮޅު ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އަތޮޅުކުން ރައީސް ޔާމީނަށް އެންމެބޮޑު އިންސައްތައެއް އަރުވާނީ ހައްދުންމަތީން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑާ ވާދަވެރިން ވަޑައިގަންނަވާ އަޅުގަނޑާ ޖަދަލު ކުރައްވަން ހައްދުންމަތީން ލާހިކު ކުޅަދާނަ ކަމެއްނޫން އިދިކޮޅު މީހުންނަކަށް ޖާގައެއް ހޯދާކަށް. އަޅުގަނޑުމެން އެފުރުސަތު ނުދޭނަން. ހައްދުންމަތީ ރައްޔިތުން މިތިބީ ތަރައްގީއަށް ފެންބޮވައިގަނެފައި. އަޅުގަނޑުމެން ހިތުގައި ޝުއޫރުތަކެއް އެބަހުރި. އިހުސާސްތަކެއް އެބަހުރި. ބޭނުންވާ އުންމީދެއް އެބައޮތް. ދާންބޭނުންވާ މަންޒިލެއް އެބައޮތް. ހާސިލް ކުރަން ބޭނުންވާ ތަރައްގީއާއި ތަހުޒީބާއި ތަމައްދުނާއި ކުރިއެރުމެއް އެބައިއޮތް. އެކަން ކޮށްދެވޭނީ 2018 ވަނަ އަހަރު ރައީސް ޔާމީން ދެވަނަ ދައުރަކަށް ގެނެސްގެން ކަން ހައްދުންމަތީ ރައްޔިތުން ތިބީ ގަބޫލުކޮށްގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއް އަތޮޅަކަށް ބަލާއިރު ތަރައްގީގެ ފުރުސަތު އެންމެގިނަ އެއްއަތޮޅަކީ ހައްދުންމަތި ކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރު ތަކުންވަނީ އެއަތޮޅަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުން ގެންދަވަނީ އެއަތޮޅު ތަރައްގީ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.