ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫގެ އަތްޕުޅުގައި އޮތް ސުޕަރޕަވަރު މަޑުމަޑުން ގެއްލެމުން ގޮސް އަތްޕުޅުގައި މިހާރުއޮތީ "ބަޑި ގުދަނުގެ ތަޅުދަނޑި އެކަނި" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ހުރިހާ ބާރެއް ހިތަކަށް ލިބިވަޑައިގެން ކަމަށެވެ. އެހެންނަމަވެސް އެބާރު މަޑުމަޑުން ނެތެމުންގޮސް އެމަނިކުފާނުގެ ބާރުގެ ދަށުގައި މިހާރުތިއްބެވީ ސިފައިންނާއި ފުލުހުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ސިފައިނާއި، ފުލުހުންނާއި، ކޯޓުތަކާއި، ރައްޔިތުންގެ މަޖިލީސް ވެސް އޮތީ އެމަނިކުފާނު ހިތަކަށް ލިބިވަޑައިގެންފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމުން ކޯލިޝަންގެ ތާއީދާއި މަދަދު އެމަނިކުފާނަށް އޭރުއޮތް ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް 4 އަހަރު ފުރުނުއިރު ހުރިހާ ބާރެއް ގެއްލި ވަޑައިގެންފައިވާ ކަމަށެވެ. އަރިހުގައި ތިއްބެވި ތަޖުރިބާކާރު ސިޔާސީ ބޭފުޅުންވެސް މިހާރު އަރިހުގައި ނެތްކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ވެސް ގެއްލިފައިވާ ކަމަށެވެ.
މިހާރުވެސް ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް މަޖިލީހަށް ވަދެ ވަޑައިގެން މަސައްކަތް ކުރެއްވޭނެ ގޮތްވެއްޖެ ކަމަށްވާނަމަ މިސަރުކާރު ވެއްޓޭނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އޭހާވެސް ބޮޑަށް މިސަރުކާރު މިހާރުވަނީ ބަލިކަށި ވެފައި ކަމަށާއި ސަރުކާރު މިހާރުވެސް ހިފަހައްޓައި ދެއްވަމުން ގެންދަވަނީ ސިފައިންނާއި ފުލުހުން ކަމަށް އުސްތާޒު ހަސަން ލަތީފް ވދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނޫ ހުކޫމަތު މިސަރުކާރުން ނަގަހައްޓަވާ ތަނެއް އެއްގޮތަކަށްވެސް ނުފެންނަކަމަށާއި ކަންކަން ކުރައްވަމުން ގެންދަވަނީ ބޭނުންފުޅު ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު އުފުލަމުން ގެންދަނީ ސަރުކާރު ގާނޫނީ މަގަށް ރުޖޫއަ ކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.