އިންސާނީ ހައްގުތައް ރައީސް ދެއްވުމުން ހާސްކަން ފިލައިފާނެ: ޝުނާނާ

ބަންޑާރަ ނާއިބުގެ އޮފީހުގައި ގާނޫނީ ވަކީލެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ޝުނާނާ، ރައީސް އަބްދުﷲ ޔާމީނަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޝުނާނާ ވިދާޅުވީ ރާއްޖޭގައި އެންމެފަހުން އިއުލާން ކުރެއްވި ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއި) އަށްފަހު ރައީސް މަސައްކަތް ކުރެއްވީ ވަރަށް ހާސްކަމާއި "ބޯގޮވުމުގެ" ތެރޭގައި ކަމަށް ރައީސް ޓީވީގައި ވިދާޅުވި ކަމަށެވެ. އެހެން ވިދާޅުވުމުން އެމަނިކުފާނުގެ ހާލަތާމެދުވެސް ވަރަށް ބޮޑަށް ވިސްނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ވިސްނެވުމަށް ޝުނާނާ ރޭ ވަނީ ވަރުގަދަ ނަސޭހަތެއް ރާއްޖެޓީވީ މެދުވެރިކޮށް ރައީސް ޔާމީނަށް ދެއްވައިފައެވެ.

"އަޅުގަނޑު ރައީސަށް ދެއްވަންއޮތް އެޑްވައިސް (ނަސޭހަތް) އަކީ އެންމެފުރަތަމަ ތިޔަ ހާސްކަމާއި ބޯގޮވުންތައް ފިލައިގެންދާނެޔޭ ހިޔުމަން ރައިޓްސް ނުވަތަ އިންސާނީ ހައްގުތައް ފުރަތަމަ އެމީހުންނަށް (ރައްޔިތުންނަށް) ދޭށޭ. އެމީހުންނަށް އަނިޔާ ނުކުރާށޭ. އެގޮތަށް އަނިޔާވީމައި ރައީސެއްގެ ހައިސިއްޔަތުން ވިދާޅުވެބައްލަވާށޭ ކޮންމެވެސް އެއްޗެއް. އަޅުގަނޑުމެން މިތިބީ އަޑުއަހާށޭ. އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ރައްޔިތެއްގެ ހައިސިއްޔަތުން ދައްކާވާހަކަ،" ޝުނާނާ ވިދާޅުވިއެވެ.

އެސްއޯއީ އޮތް ދުވަސްވަރު އަލްއުސްތާޒާ މަރިޔަމް ޝުނާނާވަނީ އެސްއޯއީ ނެރުމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވީ ޓްވީޓެއް ކުރައްވައިފައެވެ. އޭނާ ބަންޑާރަ ނާއިބުގެ އޮފީހުން އިސްތިއުފާ ދެއްވީ އެ ޓްވީޓަށް ފަހުއެވެ.

ޝުނާނާ ވިދާޅުވީ އެސްއޯއީ އިން ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ނުވަތަ ނުވިނަމަ އޭގައި މާބޮޑު މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް އޭގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ގެއްލުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެސްއޯއީ ގައިވެސް ހަނި ނުކުރެވޭނެ ނުވަތަ ނުހިފެހެއްޓޭނެ ހައްގުތަކެއް ވާކަމަށާއި އެހެންނަމަވެސް އެސްއޯއީ ގައިވަނީ އެފަދަ ހައްގުތަކެއް ހިފަހައްޓާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި އަދުލުވެރި ކަމާއެކު ޝަރީއަތް ކުރުމުގެ ހައްގާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމެނެއެވެ. އެހެންނަމަވެސް އެހައްގުތައްވެސް ވަނީ އެސްއޯއީގައި ހިފަހައްޓާފައި ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު އެފަދަ ހައްގުތައް ހިފެހެއްޓުމަށްފަހު ގަރާރެއް ނެރުއްވީމައި އެއީ ވަރަށްބޮޑު މައްސަލައެއް،" ޝުނާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "އޭރު އަޅުގަނޑުގެ އެންމެ ކަންބޮޑުވީ ރައްޔިތުންނަށް ގެއްލުމެއްވެދާނެ ކަމަށް. ގެއްލުން ނުވާނަމަ އެއީ މާބޮޑު މައްސަލައެއްނޫން. އެކަމަމަކު އެގަރާރު ބޭނުން ކުރުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބުނުތަން ފެނުނު،" ކަމަށެވެ.

އޭނާ ވިދާޅުވީ އެކެއް ފެބުރުއަރީއަށްފަހު ކުރި މުޒާހަރާތައް ރޫޅާލުމުގައި ފުލުހުންވަނީ އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކޮށްފައިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ބަންދުކުރާ މީހުންނަށް ފުލުހުން އަނިޔާކުރިތަނާއި މީހަކު ހިފެހެއްޓުމަށްފަހު ކައިރިން ޕެޕަ ސްޕްރޭ ޖެހިތަން ޓީވީން ފެނުނުކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ކޮށްފައިވަނީ އެސްއޯއިން ބާރުލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ އޭނާ ވިދާޅުވެފައިވަނީ ވަރަށް އާދައިގެ ވާހަކައެއް ކަމަށެވެ. "އަޅުގަނޑު މިދައްކާ ވާހަކައަކީ ގާނޫނީ ވެރިކަން ނަގަހައްޓާށޭ ގާނޫނު ހިމާޔަތް ކުރާށޭ،"

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.