ސަގާފަތާއި ދީނާ ގުޅިފައިވާ ބިނާތައް ގެއްލި ދިޔުމަކީ ކަންބޮޑުވާ ކަމެއް:ސަމީރު

ރާއްޖޭގެ ސަގާފަތާއި އިސްލާމްދީނާ ގުޅިފައިވާ މުހިންމު ބިނާތަކަށް ވާނުވާނޭނގި ގެއްލިގެން ދިޔުމަކީ ގުޅިފައިވާ ސިޔާސި ޕާޓީތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްޖުމްހޫރީ ޕާޓީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ ސަލްޓަންޕާކުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ވީ ތަނެއް މިހާރު އެނގޭ ބަޔަކުނެތް ކަމަށެވެ.

ކަމާބޭހޭ މިނިސްޓްރީއާއި ހެރިޓޭޖު ޑިޕާޓުމެންޓުންވެސް ވިދާޅުވެފައިވަނީ އެމިސްކިތަށް ވީގޮތެއް ނޭނގޭ ކަމަށެވެ. ސަލްޓަންޕާކުން އެ މިސްކިތް ނެގީ ގދ. ތިނަދޫގައި އަލުން ބަހައްޓަން ކަމަށް ބުނެއެވެ. އެހެންނަމަވެސް އަދި އެ މިސްކިތް އެރަށުގައިވެސް ބަހައްޓައިފައި ނުވެއެވެ.

ސަމީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިތުހާދުން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އެބޭފުޅަކަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންނެވުމުން ދީނާއި ސަގާފަތާ ގުޅިފައިވާ އެފަދަ ހުރިހާ ބިނާތަކެއް ހިމާޔަތް ކޮށްދެއްވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ނޭނގޭ ކަޅުވަކަރު މިސްކިތުގައިހުރި ތަކެތި ނުވަތަ ވަކަރުތަކާއި ސާމާނުތައް މިހާރުވީ ކޮންތާކު ކަމެއްވެސް. މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ވިއްކާލައި އޭގެ ނާޖާއިޒުފައިދާ ނޭގީ ނޫންކަމެއްވެސް. ސަބަބަކަށްވަނީ މިދެންނެވި ކަންތައްތައް ކަމާބެހޭ މިނިސްޓްރީން އަންގަނީ ތިމަންނަމެންނަށް ނޭނގެޔޭ ވީތަނެއް، އަދި ހެރިޓޭޖު ޑިޕާޓުމެންޓަށްވެސް އެކަންކަން ވީހާސާބެއް ނޭނގޭ،" ސަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ ސަގާފަތްތައް ގެއްލި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަން ރަމްޒު ކޮށްދޭ "މިދެންނެވި ބީނަތައް ގެއްލިގެންދިއުމަކީ ގުޅިފައިވާ ޕާޓީތަކުން ކަންބޮޑުވާ ކަމެއް" ކަމަށް ސަމީރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.