ގައުމީ ކުޅިވަރު ޓީމުތަކުގެ ކުޅުންތެރިންގެ މުސާރައަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން މިދޔައަހަރު 9.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ޔޫތުމިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ އަދަދު ޚަރަދު ކޮށްފައިވަނީ 243 ކުޅުންތެރިންނަށް ކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކައިފައެވެ. ގައުމީޓީމުތަކުގެ ކުޅުންތެރިންގެ ގޮތުގައި 2015 ވަނަ އަހަރު ތިބި 207 ކުޅުންތެރިންގެ މުސާރައަށްވަނީ 7.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ. 2016 ވަނަ އަހަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އަދަދު 231 އަށް އިތުރުވެ އެކުޅުންތެރިންގެ މުސާރައަށް 8.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޕްރޮގްރާމް ބަޖެޓާއި ބައިނަލް އަގުވާމީ މުބާރާތްތަކަށް ދޫކުރެވޭ ފައިސާ ވެސް ޚަރަދުކުރަނީ ޔޫތު މިނިސްޓްރީގެ ބަޖެޓުންނެވެ. އޭގެ އިތުރަށް ކްލަބް ތަކާއި ކުޅިވަރު ޖަމްއިއްޔާތަކާއި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާއަކީވެސް އެ ބަޖެޓުން ދެއްވާ އެއްޗެއް ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުގައި ވަނީ 15 ގައުމީ ކުޅިވަރު އެސޯސިއޭޝަނަށް 21 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި 674،325.72 ރުފިޔާ ވަނީ 33 ކައުންސިލަކަށް ޚަރަދުކޮށްފައެވެ. އޭގެ އިތުރަށް ޖުމްލަ 29 ކްލަބް ޖަމްއިއްޔާއަކަށްވަނީ 7 ލައްކައަށްވުރެން ގިނަ ރުފިޔާ ދެއްވައިފައި ކަމަށްވެސް ތާފާސް ހިސާބުތަކުންވަނީ ދައްކައިފައެވެ.
ޖެހިގެންއައި 2015 ވަނަ އަހަރުވަނީ ގައުމީ 17 ކުޅިވަރު އެސޯސިއޭޝަނަކަށް 29 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދު ކޮށްފައެވެ. އަދި 56 ކައުންސިލަކަށް އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ އިތުރަށް 44 ކްލަބް ޖަމްއިއްޔާއަކަށްވަނީ 4 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިއެވެ. އޭގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2015 ގެ މެޑަލް ހާސިލްކުރި ފަރާތްތަކަށް ދެއްވި އިނާމުގެ ފައިސާގެ އަދަދު 695،000.00 އަށް އަރައެވެ. އެފަހަރު ރާއްޖެއިން ވަނީ 22 މެޑެލް ހާސިލް ކޮށްފައެވެ. 2016 ވަނަ އަހަރު ވަނީ ގައުމީ 19 ކުޅިވަރު އެސޯސިއޭޝަނަށް 34 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 8 ލައްކައަށްވުރެން ގިނަ ރުފިޔާ ކައުންސިލްތަކަށް ޚަރަދުކޮށްފައިވެއެވެ. 30 ކްލަބް ޖަމްއިއްޔާއަކަށްވަނީ 1.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ކަމަށްވެސް ހިސާބުތަކުން ވަނީ ދައްކައިފައެވެ.
ފާއިތުވި އަހަރު ގައުމީ 19 ކުޅިވަރު އެސޯސިއޭޝަނަކަށްވަނީ ސާޅީސް ހަތަރުމިލިޔަށް ބާރަލައްކަ ނުވަދިހަ ހަތްހާސް ރުފިޔާ ފަސްދޮޅަސް އެއްލާރި ޚަރަދު ކޮށްފައެވެ. އޭގެ އިތުރަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ އިން މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވި އޭ.އެފް.ސީ ކަޕަށް ދެމިލިޔަން އެއްލައްކަ ހަތްދިހަހާސް ތިންސަތޭކަ ސާޅީސް ނުވަރުފިޔާ ފަންސާސްއަށްލާރި ޚަރަދުކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެވެ.
ފާއިތުވި އަހަރު ދެވަނަ ޑިވިޝަނުގައި ފުޓުބޯޅަ ކުޅުނު 8 ޓީމަކަށްވަނީ އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަސަތޭކަ ރުފިޔާ ދެއްވައިފައެވެ. ހަމަ އަހަރު 1ވަނަ ޑިވިޝަންގައި ހިމެނުނު 8 ޓީމަށްވަނީ އެއްމިލިޔަން ނުވަލައްކަ އަށްޑިހަހާސް ރުފިޔާ ދެއްވައިފައެވެ. ފުރަތަމަ ޑިވިޝަނުގެ 8 ކްލަބްގެ ކޯޗުންނާއި އެސިސްޓެންޓް ކޯޗުންނަށް އަށްލައްކަ ފަސްދޮޅަސް ހަތްހާސް ރުފިޔާ ދެއްވައިފައިވާ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވަނީ ދައްކައިފައެވެ.