ދިރިހުރުމުގެ ޙައްޤު
ފަރުދުންގެ ޙައްޤުތަކުގެ ތެރެއިން އެންމެބޮޑު އަދި އެންމެ އަސާސީ ޙައްޤަކީ ދިރިތިބުމުގެ ޙައްޤެވެ. އެހެން ހުރިހާ ޙައްޤުތަކެއްގެ ތަރަހައަކީ ދިރިހުރުމުގެ ޙައްޤެވެ. މީހެއްގެ ކިބައިން އޭނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަނެވިއްޖެ ކަމުގައިވާނަމަ، އޭނާގެ އެހެން އެއްވެސް ޙައްޤަކީ މާނައެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ޖުމްހޫރީ ޤާނޫނުތަކެއްގައިވެސް ދިރިހުރުމުގެ ޙައްޤަކީ އިންސާނާގެ ފިޠުރީ ޙައްޤެއްކަން ވަނީ ޤަބޫލުކޮށްފައެވެ. ދިރިހުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ. ހަމައެއާއެކު އެ ޙައްޤަކީ އެއްވެސް ޝަރުޠަކާނުލައި އެންމެންނަށްވެސް ލިބޭންޖެހޭ މުޠުލަޤު ޙައްޤެއްކަންވެސް ވަނީ ބަލައިގެންފައެވެ. ޢަދުލުއިންސާފާ އެއްގޮތްވާ ގޮތުގެމަތީން ޞައްޙަ ޤާނޫނެއްގެ ދަށުން ކޯޓުން ކަނޑައެޅޭ ނިޔާއެއްގެ މައްޗަށް ބިނާކޮށް މެނުވީ ހަމަ އެކެއްގެ ކިބައިންވެސް އޭނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ.
އިސްލާމްދީން ވަނީ އިންސާނާއަށް ދިރިހުރުމުގެ ޙައްޤު ދީފައެވެ. އެ ޙައްޤަށް އަރައިގަތުން ވަރުގަދަޔަކަށް މަނާކޮށްފައެވެ. އެ ޙައްޤު ފުރިހަމަޔަށް ޙިމާޔަތްކޮށް ރައްކާތެރިކޮށްދީފައެވެ. ފަނޑިޔާރެއްގެ ނިޔާގެމަތީން ކަނޑައެޅޭ ޙައްޤު އަދަބެއްގެ ގޮތުން މެނުވީ އެއްވެސް މީހަކު ދިރިހުރުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެކަން އިޢުލާންކޮށްފައެވެ. އިސްލާމްދީން ޤަބޫލުކުރާ ގޮތުގައި ކޮންމެ މީހަކުވެސް އޭނާގެ މައިމީހާގެ ބަނޑުން އުފަންވަނީ ދިރިހުރުމުގެ ޙައްޤު ލިބިގެންނެވެ. އިންސާނާއަށް ދިރުން ދެއްވީ މާތް اللّه سبحانه وتعالى އެވެ. އޭނާގެ ސާހިބުވަންތަ ފަރާތަކީ މާތް اللّه އެވެ. އެއްވެސް މީހަކަށް އިންސާނެއްގެ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަތުމުގެ އިޚްތިޔާރެއް ނެތެވެ. ޚުދު އެމީހާ އަމިއްލަޔަށްވެސް ދިރިއުޅުން ނިންމައެއް ނުލެވޭނެއެވެ. ފުރާނައިގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެއެވެ. އެހެނީ އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ.
މުއުމިނުންގެ ސިފަތައް ބަޔާންކޮށްދިނުމުގެ ގޮތުން އިސްލާމްދީނުގައި އައިސްފައިވާ ސިފަތަކުގެ ތެރެއިން އެންމެ ފާޅުކަންބޮޑު އެއްސިފަޔަކީ ޙައްޤަކާ ނުލައި މީހަކު ނުމެރުމެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ (الفرقان: ٦٨)
މާނައީ: "އަދި اللّه ޙުރުމަތްތެރިކުރައްވައިފައިވާ ނަފްސެއް، ޙައްޤު ގޮތުން ނޫނީ ނުމަރާ މީހުންނެވެ."
ޞަޙީޙު ބުޚާރީގައި عبد اللّه بن عمر رضى اللّه عنهما ގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
" اَلْكَبَائِر: الإِشْرَاكُ باِللهِ وَعُقُوقُ الْوَالِدَيْنِ وَقَتْلُ النَّفْسِ وَالْيَمِينُ الْغَمُوسُ"
"ބޮޑެތި ފާފަތަކަކީ اللّه އަށް ޝަރީކުކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ޙައްޤަކާ ނުލައި އެއްވެސް ނަފްސެއް ޤަތުލުކުރުމާއި، ދޮގުހުވާކުރުމެވެ." (بخارى، كتاب والنذور، باب اليمين الغموس)
އިންސާނަކު އޭނާއަށް ލިބިގެންވާ ދިރިހުރުމުގެ ޙައްޤުން މަޙްރޫމްކުރެވޭނީ ކޮންކޮން ޙާލަތެއްގައިކަން އިސްލާމްދީނުގައި ވަނީ ވަރަށް ޞަރީޙުކޮށް ބަޔާންކުރެވިފައެވެ. އިންސާނަކަށް އޭނާއަށް ލިބިގެންވާ ދިރިހުރުމުގެ ޙައްޤާމެދު ދަޢުވާ ނުކުރެވޭނީ ކޮންކޮން ޖަރީމާތަކެއް ހިންގުމާ ވިދިގެންކަން ވަނީ އަންގައިދީފައެވެ. އިންސާނެއްގެ ވުޖޫދަކީ، މުޖުތަމަޢަށް ބަރުދާސްތު ނުކުރެވޭފަދަ ކަމަކަށް ވަނީ ކިހިނަކުންކަން ބުނެދީފައެވެ. މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا (المائدة: ٣٢)
މާނައީ: "ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފްސެއް މަރައިފި މީހަކު އެންމެހައި މީސްތަކުން މެރިފަދައެވެ. އަދި އެނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ."
މި އަމުރުފުޅަކީ ބަނީއިސްރާއީލަށް ފޮނުއްވި އަމުރުފުޅެކެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައިވެސް މި އަމުރުފުޅު ވަނީ ދަމަހައްޓަވައިފައެވެ. މީހަކު ޙައްޤަކާ ނުލައި މީހަކު މަރައިފިނަމަ ނުވަތަ ދައުލަތުގެ ސަރަޙައްދުގައި ފަސާދަ އުފައްދައިފިނަމަ ނުވަތަ ލޭއޮހޮރުވުން ޢާންމުކޮށްފިނަމަ އެމީހަކު އެވަނީ ތިމާގެ ފުރާނައިގެ ޙުރުމަތް ކަނޑައިފައެވެ. އެފަދަ މީހެއްގެ ވުޖޫދަކީ ބިންމަތީގައި ބަރުދާސްކުރެވޭނެ އެއްޗެއް ނޫނެވެ. އެމީހަކު މަގުން އެއްކިބާކޮށް އަމަންއަމާންކަން ޤާއިމުކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ. ދައުލަތުން އެފަދަ މީހަކު މަގުން އެއްކިބާކޮށްލުމަކީ އެއްވެސް ޙައިޘިއްޔަތަކުން ކުށެކޭ ބުނެވޭނެކަމެއް ނޫނެވެ.
ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.
"ތިން ޖަރީމާއެއްވެއެވެ. މުސްލިމަކު އެއިން ކަމަކަށް އަރައިގެންފިނަމަ އެމީހެއްގެ އަދަބަކަށް ވާނީ ޤަތުލުކުރުމެވެ. އޭގެތެރެއިން އެއްކަމަކީ މުރުތައްދުވުމެވެ. ދެވަނަކަމަކީ ކުށެއްނެތް މީހަކު ޤަތުލުކުރުމެވެ. ތިންވަނަ ކަމަކީ ކާވެންޏެއްގެ މީރުކަން ލިބިގެންފައިހުރި މީހަކު ޒިނޭކުރުމެވެ." (بخارى، كتاب الديات، باب قوله تعالى النفس بالنفس، مسلم كتاب القسامة، باب مايياح به دم مسلم)
މިކަމުގެ ސަބަބެއް ކަމުގައި ބަޔާންކުރެވިފައިވަނީ ޙައްޤަކާ ނުލައި އެންމެ މީހެއްގެ ލޭއޮހޮރުވައިލުމަކީވެސް ވަރަށްބޮޑު ޖަރީމާއެއްކަމެވެ. އެކަމަކީ އިންސާނީ ދަރިފަސްކޮޅު ލޭއޮހޮރުވުމުގެ މަގަށް ނެރުމެވެ. މިއާޚިލާފަށް އަނިޔާ ލިބިފައިވާ މީހެއްގެ ނުވަތަ ކުށެއްނެތް މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ މުޅި އިންސާނީ ނައުޢު ދިރުވުމެވެ. މިކަމަކީ އިންސާނީ ފުރާނައިގެ ޤަދަރާއި އަގު ވަޒަންވާ ކަމެކެވެ. އިންސާނީ ފުރާނައިގެ ޙުރުމަތް ބަޔާންވާ ކަމެކެވެ. އާދަމުގެދަރީންކުރެ ޙައްޤަކާ ނުލައި އެންމެ ފުރަތަމަ ތިމާގެ އަޚާގެ ލޭއޮހޮރުވައިލި މީހާއަކީ އެހެން މީހުންނަށް އެކަމުގެ މަގުދެއްކި މީހާއެވެ. އެހެންކަމުން ބިންމަތީގައި ޙައްޤަކާ ނުލައި މީހެއްގެ ލޭއޮހޮރުވައިލެވޭ ކޮންމެ ފަހަރަކު އެކަމުގައި އޭނާ ބައިވެރިވި ކަމުގައި ބެލެވެއެވެ. އޭނާގެ ޢަމަލުތަކުގެ ފަތުގައި އެ ފާފަ ލިޔެވެމުންދެއެވެ.
عبداللّه بن مسعود رضى اللّه عنه ގެ އަރިހުން ރިވާވެފައިވެއެވެ. މާތް اللّه ގެ ރަސޫލާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.
"لاَ تُقْتَلُ نَفْسٌ ظُلْمًا إِلَّا كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْ دَمِهَا» لِأَنَّهُ أَوَّلُ مَنْ سَنَّ القَتْلَ" (بخارى، كتاب الانبياء، باب خلق ادم وذريته، مسلم كتاب القسامة، بيان اثم من سن القتل)
"ބިންމަތީގައި އަނިޔާވެރި ގޮތުގައި މީހަކު ޤަތުލުކޮށްލެވޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ނުޙައްޤުން މީހަކު ޤަތުލުކުރެއްވި އާދަމުގެފާނުގެ ދަރިކަލުންވެސް އެ އޮހޮރައިލެވުނު ލޭގައި ޙިއްޞާވެއެވެ. އެހެނީ ޙައްޤަކާނުލައި މީހުން މަރަން ދުނިޔެއަށް ދަސްކޮށްދެއްވީ އޭނާއެވެ."
ޙައްޤަކާނުލައި މީހުން މެރުމާ ބެހޭގޮތުން އިސްލާމްދީން ވަނީ އަންނަނިވި އިރުޝާދުދީފައެވެ.
- ޤާތިލުގެ ކިބައިން ޤިޞާސް ހިފުން. މާނައަކީ މީހަކު ޙައްޤަކާނުލައި މީހަކު ޤަތުލުކޮށްފިނަމަ އެ ޤާތިލުވެސް ޤަތުލުކުރާންވާނެއެވެ. އެކަމުގެ ފައިދާއަކީ ދެވަނަ މީހަކަށް އެ ކުށަށް އަރައިގަތުމުގެ ހިތްވަރު ލިބުނަ ނުދިނުމެވެ. އެކަމާ ބެހޭގޮތުން އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ (البقرة: ١٧٩)
މާނައީ: "އަދި ޤިޞާސް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ."
ޤިޞާޞް ހިފުމުގައި ޤަތުލުވެވުނު މީހާއާއެކު ޤަތުލުކުރި މީހާގެވެސް ފުރާނަ ގެއްލިގެންދެއެވެ. ބޭރުފުށުން ބަލާއިރު މިއީ އިތުރު އެއްއިންސާނަކު ގެއްލިގެންދިޔުމެވެ. ނަމަވެސް މިކަމަކީ މުޅި ޤައުމުގެ ދިރިތިބުމާ ގުޅިފައިވާ ކަމެކެވެ. ޤިޞާޞް ހިފުމުގެ ޤާނޫނަށް ފުރިހަމަޔަށް ޢަމަލުކުރެވެމުން ދާނަމަ ޤަތުލުކުރުމުގެ ޖަރީމާއަށް އަރައިގަތުމުގެ ކުރިން ކޮންމެ މީހަކުވެސް ހާސްފަހަރު ވިސްނާނެއެވެ. ތިމާވެސް ދިރިއުޅުމުން އަތްދޮވެލަންޖެހިދާނެތީ އެކަމާ ފިކުރުކުރާނެއެވެ. ނަތީޖާއަކަށް ވާނީ ޙައްޤަކާނުލައި މީހުން މެރުމުގެ މަގުހަނިވުމެވެ. މިކަމަކީ ހަމައެކަނި ދެމީހެއްގެ ދިރިއުޅުމާ ގުޅޭ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުޅި އިންސާނީ ދަރިފަސްކޮޅުގެ ދިރިދެމިއޮތުން އެކަމަކާ ގުޅިފައިވާ ކަމެކެވެ.
- ޤަތުލުވެވުނު މީހާގެ ވާރިޘުން ބޭނުންކަމުގައިވާނަމަ ޤިޞާޞްގެ ބަދަލުގައި މަރުގެދިޔަ އަތުލެވިދާނެއެވެ. މަރުގެދިޔަ އެކަށް އަތުލުމާއި، އޭގެ ބައެއް މަޢާފުކުރުމުގެ ޙައްޤުވެސް ވާރިޘުންނަށް ލިބިގެންވެއެވެ. ވާރިޘުންނަށް ޤާތިލަށް މަޢާފުވެސް ދެވިދާނެއެވެ. މަޢާފުކުރުމަކީ އިސްލާމްދީން ރުހުމުގެ ލޮލުން ބަލާ ކަމެކެވެ. އެއީ މާތް اللّه ދެއްވި ލުޔެކެވެ. ރަޙްމަތެކެވެ.
- ޤަތުލުގެ މުޢާމަލާގައި ޤިޞާޞް ހިފުން ނުވަތަ މަރުގެދިޔަ ޤަބޫލުކުރުން ނުވަތަ މަޢާފުކުރުން ފަދަ ހުރިހާ ކަމެއްގެ އިޚްތިޔާރު ވަނީ ޤަތުލުވެވުނު މީހާގެ ޢާއިލާއަށެވެ. އިސްލާމްދީން ވަނީ ރިޔާސަތުގެ އިޚްތިޔާރުން އެކަންތައް ބޭރުކޮށްފައެވެ. ސަރުކާރުގެ މަސްއޫލިއްޔަތަކީ ވާރިޘުންނަށް އެމީހުންގެ ޙައްޤު ލިބިގަތުމުގައި މަދަދުވެރިވުމެވެ. ހަމައެއާއެކު ޤާތިލާމެދު ޤާނޫނާ ޚިލާފު ނުވަތަ އިންސާނިއްޔަތާ ޚިލާފު ކަމެއް ކުރަން ބަޔަކު އުޅޭނަމަ އެކަން ހުއްޓުވުމެވެ. ޤަތުލުވެވުނު މީހާގެ ވާރިޘުން ޤާތިލުގެ ޢާއިލާގެ އެހެން ބަޔަކު ބަދަލުހިފުމުގެ ނިޝާނަކަށް ހަދާން އުޅެފިނަމަ ނުވަތަ އެނޫންވެސް ބާވަތެއްގެ އިންސާފުން އެއްކިބާވެފައިވާ ކަމެއް ކުރަން އުޅެފިނަމަ އެކަމަކަށް ހުރަސްއެޅުމެވެ. ޤާނޫނީގޮތުން އެކަމެއް މަނާކުރުމެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَ مَنْصُورًا (الإسراء: ٣٣)
މާނައީ: "އަދި ތިޔަބައިމީހުން اللّه ޙުރުމަތްތެރިކުރައްވައިފައިވާ ނަފްސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ. އަދި އަނިޔާވެރި ގޮތުގައި މަރައިލެވޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހާގެ ވަލީވެރިޔާއަށް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އެ ވަލީވެރިޔާއަކީ ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ."
ހަމަހަމަކަމުގެ ޙައްޤު
ހަމަހަމަކަން ނުވަތަ މުސާވާތަކީ ހަމައެކަނި އިންސާނާގެ އަސާސީ ޙައްޤެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ވަކި ހަމަޔަކުން ބަލާއިރު އެއީ ހުރިހާ ޙައްޤުތަކެއްގެ ބިންގަލެވެ. އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ޗާޓަރ (Universal Declaration of Human Rights) ގައި ބަޔާންކުރެވިފައިވާ ހުރިހާ ޙައްޤުތަކާ ބެހޭގޮތުން ބުނެފައިވެއެވެ. އެ ޙައްޤުތައް ލިބެން ޖެހޭނީ އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައެވެ. ނަސްލުގެ ނުވަތަ ކުލައިގެ ނުވަތަ ޖިންސްގެ (އަންހެން ފިރިހެން ކަމުގެ) ނުވަތަ ބަހުގެ ނުވަތަ ދީނުގެ، ނުވަތަ ސިޔާސީ ކަންކަމުގައި ގެންގުޅޭ ފިކުރެއްގެ ނުވަތަ އެނޫންވެސް ޚިޔާލުގެ ތަފާތެއް ނުވަތަ އިޖުތިމާޢީ، އިޤްތިޞާދީ ޙައިޘިއްޔަތުގެ ނުވަތަ އުފަންވީ ތަނެއްގެ ބިންގަލުގެ މައްޗަށް ބިނާކޮށް އެއްވެސް ފަރަގެއް ނުވަތަ ތަފާތެއް ކޮށްގެން ނުވާނެއެވެ. ހަމަ މިމޭރުމުން މި ވާހަކަ ވަނީ ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދި ސިޔާސީ މުޢާހަދާ (International Covenant on Civil and Political Rights) ގައިވެސް ބަޔާންކުރެވިގެންނެވެ.
މިދެންނެވި ޙައްޤުތައް ނައްތައިލެވުނަނުދީ ޙިމާޔަތްކުރުމާއި އެ ޙައްޤުތަކާ ގުޅޭ އެއްވެސް ކަމަކަށް އެއްވެސް މުޢާމަލާއެއްގައި އަސަރުފޯރިޔަނުދީ ރައްކާތެރިކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
Human Rights International Challenges Volume one p.p 79-84
އިންސާނީ ހަމަހަމަކަމުގެ ތަޞައްވުރަށް ދުނިޔެ މިހާރު މިދޭ އަހަންމިއްޔަތަށްވުރެ މާބޮޑު އަހަންމިއްޔަތެއް އިސްލާމްދީން ވަނީ ދީފައެވެ. އިންސާނީ އެއްބައެއްވަންތަކަމާއި އިންސާނީ ހަމަހަމަކަމުގެ ތަޞައްވުރަކީ އިސްލާމްދީނުގެ މައިގަނޑު އުނގަންނައިދިނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އިސްލާމްދީން އެކަންކަން ހާމަކޮށް ފާޅުކުރީ ދުނިޔެ އެކަންކަމުގެ ވާހަކަ އަޑުއެހުމުގެވެސް ކުރިންނެވެ. ދުނިޔެއަށް އެކަންކަން ރޭކާވެސް ނުލަނީހެވެ.
އިންސާނުންގެ ތެރެއިން، ކުލައާއި، ނަސްލާއި، ބަހާއި، ދިރިއުޅޭވެއްޓާއި، ޖިންސާއި، މަޤާމާއި، ދަރަޖައާއި، ޢިލްމާއި، ހުނަރާއި މިނޫންވެސް އެތައް ކަމެއްގެ ފަރަޤު ފިޠުރީ ގޮތުން ފެނެއެވެ. އިންސާނާ ވަނީ މި ތަފާތުތަކަކީ ޙަޤީޤީ ތަފާތުތަކެއް ކަމުގައި ޤަބޫލުކޮށްފައެވެ. އޭނާގެ ވިސްނުންކޮށިކަމުގެ ސަބަބުންނެވެ. އަދި ކީއްތޯއެވެ؟ އެ ތަފާތުތަކަކީ މޮޅުދެރަ ބެލުމުގެ މިންގަނޑެއް ކަމުގައިވެސް ވަނީ ބަލައިގެންފައެވެ. ބައެއްފަހަރު އޭނާ ވަނީ ދޮންމީހުން ކަޅުމީހުންނަށްވުރެ މޮޅުކޮށްފައެވެ. އެއްނަސްލެއްގެ ބަޔަކަށްވުރެ އަނެއް ނަސްލެއްގެ ބަޔަކު މަތިވެރިކަމުގައި ބަލައިފައެވެ. އެއްބަހަކުން ވާހަކަދައްކާ މީހުންނަކީ އަނެއް ބަހެއް މޮށެއުޅޭ މީހުންނަށްވުރެ އަރާތިބި ބަޔެއް ކަމުގައި ޤަބޫލުކޮށްފައެވެ. ދަރިކޮޅާއި އުފެދިފައިވާ ގޮތުގެ ތަފާތެއް އެބައިމީހުންގެ ގާތުގައި ވަނީ މަތިވެރިވުމުގެ ސަބަބެއް ކަމުގައި ވެފައެވެ. އަންހެނުންނަށްވުރެ ފިރިހެނުން މޮޅުވާހަކަ ވަނީ ނުހުއްޓުވޭފަދަ އަރާރުމަކަށްވެފައެވެ. ހަމަހަމަކަމުގެ އެތަކެއްހާސް ދަޢުވާތަކަކާއެކުވެސް މިއަދުވެސް އެ ވާހަކައެއް ނުހުއްޓުވުނެވެ. އިންސާނުންގެ މެދުގައި ތަފާތު ލައްވައިފައިވަނީ މިވެނި މީހަކީ އެވެނި ޤައުމެއްގެ މީހަކުކަން ދެނެގަތުމަށެވެ. އޭނާ ވާހަކަދައްކަނީ މިވެނި ބަހަކުންކަން ފާހަގަކުރުމަށެވެ. މީނާގެ ޖިންސަކީ ކޮބައިކަން އޮޅުންފިލުވުމަށެވެ.
ޝައްކެއްނެތް ގޮތުގައި މިއީ ތަޢާރުފުވުމާއި، އެކަކު އަނެކަކު ދެނެގަނެ ފާހަގަކުރެވުމުގެ ޒަރީޢާއެކެވެ. އެންމެހައި އިންސާނުން އެއްކުލަޔަކަށް އެއްސިފަޔަކަށް އެއްބުރުސޫރަޔަކަށް އެއްއިސްކޮޅަކަށް ތިބޭކަމުގައިވެފައި އެންމެން އެއްބަހަކުން އެއްލަހުޖާއަކުން ވާހަކަދައްކާނަމަ އެކަކު އަނެކަކު ވަތްކެއް ނުކުރެވުނީހެވެ. އިންސާނުންގެ މެދުގައިވާ މި ބައިކުރެވުމަކީ މާތް اللّه ގެ ޤުދުރަތްތެރިކަމުގެ ނިޝާނެކެވެ. ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. މިހުރިހައި ބައިކުރެވުމަކާއި ކުލަކުލަޔަކާއެކުވެސް އިސްލާމްދީން އިންސާނީ އެއްބައިވަންތަކަން ވަނީ ދަމަހައްޓައިފައެވެ. އިސްލާމްދީން ބުނާގޮތުގައި މިއީ ގިނަ ބަޔެއްގެ މެދުގައިވާ އެއްބައެއްވަންތަކަމުގެ ދަލީލެކެވެ. ޚިލާފުވެގަތުމާއި، ދެކޮޅުވެރިވެގަތުމާއި، ކޯޅިގަތުމަށް އޮތް ދަލީލެއް ނޫނެވެ.
އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (الحجرات: ١٣)
މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން اللّه ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން اللّه އީ މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
ކައުސާހިބާ صلّى اللّه عليه وسلّم މައްކާ ފަތަޙަކުރެއްވުމަށްފަހު ދެއްވި ޚުޠުބާގައި ވަނީ ޤައުމާއި ނަސްލުގެ މާތްކަމާއި މަތިވެރިކަމުގެ ސަބަބުން ފަޚުރުވެރިކަމުގެ އިޙްސާސްތައް ތާއަބަދަށްޓަކައި ނިމުމަކަށް ގެންނަވައިފައެވެ. ނަސްލީ އިމްތިޔާޒުގެ ކިބުރުވެރިކަން އެކަލޭގެފާނުގެ ފައިތިލަފުޅު ދަށުގައި ޗިސްކޮށްލައްވައިފައެވެ. އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވި ގޮތުގައި އެންމެހައި އާދަމުގެދަރީންނަކީ އެއްޙައިޘިއްޔަތެއްގެ ބަޔެކެވެ. ޝައްކެއްނެތެވެ. ތަޤުވާވެރިކަމާއި މާތް اللّه އަށް ބިރުވެތިވުމާއި، ޚުލްޤުގެ މާތްކަމަކީ އިންސާނާ ޢިއްޒަތާއި ޝަރަފުގެ އުސްމަޤާމަށް އުފުލައިލާ ސަބަބެކެވެ. އެހެން މީހުންގެ އިޙްތިރާމް ލިބުން ޙައްޤުވުމުގެ ވަސީލަތެވެ. އިތުރު ސާހިބާ ވިދާޅުވެފައިވެއެވެ.
" يَا أَيُّهَا النَّاسُ أَلا إِنَّ رَبَّكُمْ وَاحِدٌ، أَلا وَإِنَّ أَبَاكُمْ وَاحِدٌ، أَلا لا فَضْلَ لِعَرَبِيٍّ عَلَى عَجَمِيٍّ، أَلا لا فَضْلَ لأَسْوَدَ عَلَى أَحْمَرَ إِلا بِالتَّقْوَى" (مسند أحمد 5/411)
"އޭ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެއްކައުވަންތައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެއްބައްޕައެކެވެ. އެއްވެސް ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް މާތްކަމެއް ނުވެއެވެ. އަދި އެއްވެސް ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަކަށްވެސް މާތްކަމެއް ނުވެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށްވެސްމެއެވެ. ތަޤުވާވެރިކަމުން މެނުވީއެވެ." (މާތްކަން އިތުރުވަނީ ތަޤުވާވެރިކަން އިތުރުވި ވަރަކަށެވެ.)
ޝައްކެއްނެތް ގޮތުގައި، އިތުރު ސާހިބާގެ މި ޚުޠުބާއަކީ އިންސާނީ މުސާވާތުގެ އެންމެ ޞަރީޙު ޗާޓަރެވެ. ޑެކްލަރޭޝަނެވެ. އެއްވެސް މީހަކަށް، އޭނާއަކީ ކޮންމެ ޤައުމެއްގެ ކޮންމެ ނަސްލެއްގެ މީހެއް ކަމުގައި ވިޔަސް، އެހެން ކުލައެއްގެ އެހެން ނަސްލެއްގެ އެހެން ޤައުމެއްގެ މީހެއްގެ މައްޗަކަށް ކުޑަވެސް މާތްކަމެއް ނެތެވެ. މާތްކަމާއި މަތިވެރިކަމުގެ މިންގަނޑަކީ ހަމައެކަނި ތަޤުވާވެރިކަމެވެ. ދީންވެރިކަމެވެ. ދީންވެރިވީ ވަރަކަށް އެމީހަކީ އިޙްތިރާމާއި ކަމޭހިތެވުން ޙައްޤު މީހެކެވެ.
އިންސާނުންގެ މެދުގައި ތަފާތުކުރުމާއި، އިމްތިޔާޒު ގެންގުޅުމާއި، އެބައިމީހުންނަށް އަނިޔާކޮށް ގަދަބަދަވިކަން ދެއްކުމަކީ މާތް اللّه ގެ ކޯފާގެ އަލިފާންގަނޑު ވަރުގަދަޔަށް އަނދަން ފަށާ ކަމެކެވެ. މި ބަލި ޖެހިއްޖެ ޤައުމެއްގެ އާޚިރު ނަތީޖާއަކަށް ވާނީ ހަލާކުވެ ސުންނާފަތިވުމެވެ.
ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންނަކީ ނަސްލީ ތަޢައްޞުބާއި މަތިވެރިކަމުގެ އިޙްސާސުގައި ހައްޔަރުވެފައި ތިބި ބަޔެކެވެ. އެބައިމީހުން ތިބީ ބަނީއިސްރާއީލު އަޅުވެތިކޮށްގެންނެވެ. ބަނީއިސްރާއީލަށް އެބައިމީހުންނާ އެއްދަރަޖައެއް ދޭކަށެއް އެބައިމީހުން ނުރުހުނެވެ. ބަނީއިސްރާއީލާމެދު އެމީހުން ބެލީ ހަމައެކަނި ނޯކަރުން ކަމުގައެވެ. ނަސްލު ނައްތައިލުމުގެ (ފިރިހެންދަރީން މެރުމުގެ) ޒަރީޢާއިން އެބައިމީހުން ގެންދިޔައީ ބަނީއިސްރާއީލުގެ އަފްރާދީ ބާރު ހުލިކުރަމުންނެވެ. ބަނީއިސްރާއީލު ބަލިކަށިކޮށް ނިކަމެތިކޮށްލުމަށް އަބަދާއަބަދު މަސައްކަތްކުރަމުންނެވެ. ފިރުޢައުނުގެ ޤައުމުގެ މީހުން ތިބީ ބަނީއިސްރާއީލަށް ކުރިޔަށްދެވޭނެ ހުރިހާ މަގުތަކެއް ބަންދުކޮށްގެންނެވެ. ޤައުމެއްގެ އެއްވެސް ގިންތިއެއް މިގޮތަށް އޮބައިގަނެގެން އުޅުމާއި ޗިސްޗިސްކުރުމަކީ ވަރަށް ނުބައި ޖަރީމާއެކެވެ.
ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި މި އަނިޔާވެރިކަމުގެ ވާހަކަ ވަނީ ގެންނަވައިފައެވެ. މާތް اللّه ވަނީ ފިރުޢައުނާއި އޭނާގެ ޤައުމުގެ އެ އަނިޔާވެރި ޢަމަލުގެ ކުރިމަތީގައި ބަނީއިސްރާއީލުފަދަ ބަލިކަށި ދެރަވަރު ޤައުމެއް މަތިވެރިކުރައްވައިފައެވެ. ފިރުޢައުނާއި އޭނާގެ ޤައުމަށް އެބައިމީހުންގެ ޢިބްރަތްތެރި، ނުބައި ނިމުން ދައްކަވައިފައެވެ.
އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ إِنَّهُ كَانَ مِنَ الْمُفْسِدِينَ * وَنُرِيدُ أَنْ نَمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ * وَنُمَكِّنَ لَهُمْ فِي الْأَرْضِ وَنُرِيَ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا مِنْهُمْ مَا كَانُوا يَحْذَرُونَ (القصص: ٤ - ٦)
މާނައީ: "ހަމަކަށަވަރުން، ފިރުޢައުނު، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެބިމުގެ އަހުލުވެރީން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެންދަރީން ޤަތުލުކޮށް، އެއުރެންގެ އަންހެންދަރީން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއީ ފަސާދަކުރާ މީހުންގެ ތެރެއިންވީ މީހެކެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް ނިޢުމަތްދެއްވުމަށެވެ. އަދި އެއުރެންނީ (އެހެން މީހުންނަށް މަގުދައްކާ) އިމާމުން ކަމުގައި ލެއްވުމަށެވެ. އަދި (ފިރުޢައުނުގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި ފިރުޢައުނާއި ހާމާނާއި، އެ ދެމީހުންގެ ލަޝްކަރަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ."
މިއީ ވެރިކަމާއި ބާރުގެ މަޤުޞަދަކީ ވަކި ގިންތިއެއް ނުވަތަ ފަންތިއެއް އަޅުވެރިކުރުމެއް ނޫންކަމުގެ ޞަރީޙު އިޢުލާނެކެވެ. ދައުލަތުގެ ކޮންމެ ފަރުދަކީވެސް، ކޮންމެ ޖަމާޢަތަކީވެސް ޙައްޤުތަކެއް އޮންނަ ބަޔެކެވެ. އެއްވެސް ހީލަތަކުން ނުވަތަ ބަހަނާއަކުން ނުވަތަ މަތިވެރިކަމާއި ނިކަމެތިކަމުގެ އިޙްސާސެއްގެ ދަށުން އެ ޙައްޤުތަކެއް ނައްތައެއް ނުލެވޭނެއެވެ. އަރަހުށި މާތް اللّه ގެ ޤާނޫނު އެފަދަ އަނިޔާވެރިކަމާއި، ބާރުގެ ބޭނުންކުރުމާއި، ފިރުޢައުނިއްޔަތެއް ބަރުދާސްތެއް ނުކުރައްވާނެއެވެ. (ނުނިމޭ)