ލޭބޯފަނި (8)

(3 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއްވެސް މީހަކު އަނެކާއަށްޓަކައި މަރެއް ނުވާނެ- އަމިއްލައަށް މަރުވުމަކީ މަޖުނޫނާއި ރާންޖާ ކަހަލަ މީސްމީހުން ކުރި ކަމެއް- އެއީ ހައްތަހާވެސް ހުސްހަށިބައި މީހުން- މިހައި ތަނަކަށް މީހެއްގެ ފިރިއެއް އެހެން އަންހެނަކަށްޓަކައި މަރެއް ނުވޭ- އެމީހުން ބަލާހައިވެސް ކަމަކީ އަމިއްލަ އެދުން ފުއްދުން- މިއީ މީހަކަށް ނޭނގޭ ވަރުގެ ކަމެއް ނޫން- ކޮންމެ މަޖުނޫނަކީވެސް ހުސްހަށިބައި މީހެއްކަން ނުދަންނަ މީހަކު ނޫޅޭ- މީހަކާ އިނދެގެން އުޅޭ މީހަކަށް މަޖުނޫނަކަށް ނުވެވޭނެ-"

"ޔާރައްބީ- ސަރަކައެއްް އެނބުރޭހެން އަނގަ އެބަ ތަޅައެއްނު-؟ މީހަކާ އިނދެގެން އުޅޭ މީހުންގެ ހިތެއް ނޯންނަނީތަ-؟ އެކަހަލަ މީސްމީހުންގެ ހިތުގައި ލޯބީގެ ވިންދު ނުޖަހަނީތަ-؟ އަކްބަރަށް އެންމެ ފުރަތަމަވެސް ފުރިހަމަ އަތްނބެއް ލިބުނު ނަމަ އޭނާގެ މިޒާޖުގެ އެކަހަލަ ޢިޝްޤީ މިޒާޖަކަށް ބަދަލެއް ނުވީސް ކަމަށް ކަލޭވެސް ގަބޫލު ކުރާނެ- އޭނާ ކަލެޔާ އިނދެގެން ވަރަށް އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތު ކުރާނެކަން ގައިމު-"

ފީރޯޒާ ލޯ މަރައިލިއެވެ. އޭނާގެ ޚިޔާލީ ލޮލަށް ފެންނަނީ އަކްބަރާ އިނދެގެން ދިރިއުޅޭނޭ ގޮތެވެ. ކުޑަ ހިނދުކޮޅެއްގެ ތެތޭގައި އެތައް އަހަރެއްގެ ދިރިއުޅުން އެ ގޮތުގައި އޭނާ ވޭތުކޮށްލިއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަރީގެ އަޑަށެވެ. "އަހަންނަށް އެނގޭ ކަލޭ ތިޔަ ވިސްނަނީ އަހަރެންގެ ކޮއްކޮމާ މެދުކަން-"

އޭނާ އުހޫނއޭ ބުނެފައި ބޯ ހޫރައިލިއެވެ. "ނޫން- ވިސްނަން ބޭކާރު ވަގުތު ހޭދަ ކުރާކަށް އަހަރެން ބޭނުމެއް ނޫން-"

ސަލްމާ އޭނާގެ އަތުގައި ހިފަހައްޓައިގެން އިނދެ ވަރަށް ހިތާމަވެރި ރާގަކަށް ބުންޏެވެ. "އޭނާއަށް ކަލޭ ނުލިބިއްޖެއްޔާ އޭނާގެ ދުވަސް ހިނގައިދާނެ- މަރުވެދާނެ- ކަލޭގެ ބޭބެއަކީ މި ޢާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ދަރި- އަހަރެމެންގެ ޢާއިލާގެ ވޮށަކީ އަކްބަރު- ކަލޭމެންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ޞަފޫރާ ނުވަންނާނެ ކަމުގެ ޔަގީންކަން އަހަރެން ދެން- ކަލޭގެ ހުރިހައި ޝަރުޠެއް ކާވެނި ވުމުގެ ކުރިން ފުރިހަމަ ކޮށް ދޭނަން- ހިތުގައި ހުރި ވާހަކަތައް މިހާރު ބަންޑުން ކޮށްލާ- އަހަރެން މިއީ ހަމައެކަނި ފަހަރިއެއް ކަމަށް ނުބަލައި ރަޙްމަތްތެރިއެއް ބަލައިގެން ވާހަކަ ދައްކާ-"

ފީރޯޒާ ކުއްލިއަކަށް އޭނާގެ ފަހަރިއާ ދިމާއަށް އެނބުރިއްޖެއެވެ. އަދި އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އެއީ ބޭނުންވާ ގޮތެވެ. އޭނާ ބޭނުންވަނީ ވާހަކަ ދައްކައިލާނޭ ރަނގަޅު ރަޙްމަތްތެރިއެކެވެ. ފެނުގެ ސައިލަކަށް ވިޔަސް ޖަޒުބާތުގެ އޮއިވަރަކަށް ވިޔަސް ނުކުންނާނޭ ފަސޭހަ މަގެއް ފެނުނީމާ ހިފެހެއްޓުމެއް ނެތި އޮހިގެން ދާނެއެވެ. ޖަޒުބާތަކީ ނުބައި މަގަކުން ހިނގައިގެންފިއްޔާ ގެއްލުން ދެނިވި އެއްޗެކެވެ. ފީރޯޒާ ބޭނުންވަނީ އޭނާގެ ޖަޒުބާތުތައް ރަނގަޅު މަގުން ގެންދާށެވެ. އޭނާ ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެތެރޭގެ ހައިޖާނު މައިތިރިކޮށް ރީތިކޮށް ބޭރަށް ނެރެވޭނޭ ގޮތަކީ ކޮބައި ހެއްޔެވެ؟ ހެޔޮ އެދޭ ރަނގަޅު ވަފާތެރި އެކުވެރިއަކު ހުރިއްޔާ ވަރަށް ގިނަ ކަންތައްތައް އޮމާންކޮށް ޙައްލު ވެގެން ދާނެއެވެ. ސަލްމާ އޭނާގެ އެކުވެރިއަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ހިތްހަމަ ޖެހުމެކެވެ.

އޭނާގެ ހިފެހެއްޓުންތެރިކަން ކޮޅުން ލައިފިއެވެ. ހިތުގެ އުދާސްތައް ބޭރު ކުރާން ފަށައިފިއެވެ. މިހައިތަނަށް ހިފަހައްޓައިގެން، ރައްކާކޮށްގެން ގެންގުޅުނު ސިއްރުތައް ހާމަކޮށްދޭން ފަށައިފިއެވެ. އޭނާ ބޭނުން ވަނީ އަކްބަރާ ދުރުގައި ހުންނާށެވެ. އެކަމަކު ހިތް އެދި ގޮވަނީ އަކްބަރަށެވެ.

ސަލްމާ އޭނާގެ ވާހަކަތައް އަޑު އަހަނީއެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. އޭނާ މަޑު މަޑުން ފީރޯޒާގެ ބުރަކަށީގައި ފިރުމަނީއެވެ. އެންމެ ފަހުން ފީރޯޒާގެ ވާހަކަ ނިމުނީމާ ބުންޏެވެ. "އަހަރެން ގާތު ހުރިހައި ވާހަކައެއް ރަނގަޅަށް ތެދު ބަހުން ކިޔައި ދިން ކަން ރަނގަޅު- މިއަދުން ފެށިގެން ކަލެއަކީ އަކްބަރްގެ މިލްކެއް-"

އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އެ ވަގުތު އިނީ އަކްބަރްގެ ކައިރީގައޭވެސް ހީވިއެވެ. ލޯބީގެ މަސްތުގައި ނަމަވެސް ސަލްމާ ގާތު ހުރިހައި ވާހަކައެއް ދެއްކުނުކަން ރަނގަޅޭ ހިތަށް އެރިއެވެ. އެހެން ނޫން ނަމަ ދުވަހަކުވެސް އެ ވާހަކަތަކެއް ނުދެއްކުނީހެވެ.

އޭނާއަށް އަގު ބޮޑު ކާރެއް ލިބުނީކަން މިހާރު ސަލްމާއަށް ޔަގީން ވެއްޖެއެވެ. އޭނާ ބުންޏެވެ. "އަހަރެންގެ ކޮއްކޮ ބޭނުން ކަލެޔާ ބައްދަލު ކުރަން- މާދަމާ އަންނާށޭ ބުނަންތަ-؟"

"މާދަމާ އަހަރެން މަންމަޔާ އެކީ ބޮޑުދައިތަ ދެކިލަން ދާނަން- ބޮޑުދައިތަ އުޅެނީ ވަރަށް ބޮޑަށް ބަލިވެ-"

"ބޮޑުދައިތަ ދެކިލަން މަންމަ ހިނގައިދާނެ- ކަލޭ ކޮންމެވެސް ބަހަނާއެއް ދައްކާފައި ގޭގައި މަޑު ކުރޭ-"

"އަހަރެން ދައްކާނީ ކޮން ބަހަނާއެއް-؟"

"ބަހަނާއާއި ހީލަތެއް މަދެއް ނުވާނެ- އަންހެނަކަށް ދިމާވާ ތަކުލީފުތައް އަންހެނަކަށް ވަރަށް ރަނގަޅަށް އެނގޭނެ- ކޮންމެވެސް ތަދެއް، ވޭނެއްގެ ވާހަކަ މަންމަ ގާތު ބުނެލާ-" މިހެން ބުނެފައި ސަލްމާ ފީރޯޒާގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ.

ފީރޯޒާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އެންމެ ރަނގަޅު- އަހަރެން ތިޔަހެން ބުނާނަން-"

ސަލްމާ އެނދުން ތެދުވެއްޖެއެވެ. އަދި ފީރޯޒާގެ ބޮލުގައި ފިރުމައިލިއެވެ. "މިއަދު އަހަރެން ވަރަށް ބޮޑަށް އުފާ ވެއްޖެ- މިހާރު ގޮސް އަކްބަރަށް ޚަބަރު ދޭނަން-"

އޭނާ ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ގެއަށް ފޯނު ކުރީމާ ނެގީ ނޯކަރެކެވެ. "އަކްބަރަށް އަވަހަށް ގޮވާ- މިއީ ސަލްމާ-"

އިރުކޮޅަކުން އިވުނީ އަކްބަރްގެ އަޑެވެ. "ދައްތާ- ކިހިނެއްވީ-؟ ހާލު ރަނގަޅުތަ-؟"

"ހާލުވެސް ރަނގަޅު- ދޭން އޮތީ އުފާވެރި ޚަބަރެއް-"

"އެހެންތަ-؟"

"ފުރަތަމަ ބުނޭ- އިނާމަކަށް ލިބޭނީ ކޯޗެއް-؟"

"އަހަރެން ވެއްޖެ ވަޢުދެއް ވިއްޔާ ފުއްދާނަން- ދެމަސް ދުވަހުގެ ތެރޭގައި އަހަރެންގެ އާ ކާރު ލިބޭނެ- މިހާރު އޮތް ހޮންޑާ ކާރު ދައްތައަށް ދޭނަން-"

"އަހަރެން ފީރޯޒާގެ ހިތުގައި އޮތް އެއްޗެއް ބޭރު ކޮށްލުވައިފިން- އޭނާ އެއިނީ ކަލެޔާ ހެދި މޮޔަ ވެފައި- މަތިމަތިން ނޫން ކަމަށް ހެދިގެން އުޅެނީ- އަހަރެން ހެދި މަންތަރަކުން ކަލެޔާ ބައްދަލު ކުރަންވެސް އެއްބަސް ކުރުވައިފިން-"

"ހާދަހާ ރަނގަޅޭ- ބައްދަލު ވާނީ ކޮން އިރަކު-؟"

"މާދަމާ ހެނދުނު މަންމަ ބޭރަށް ދާނެ- ބަރާބަރު ނުވައެއް ޖަހާއިރު ބައްޕަ ޝޯރޫމަށް ދުރުވާނެ- އެއް ދުވަހަށް ކަލޭގެ ކާރު ގެނޭ އަހަރެންގެ އަތަށް- އަހަރެން ޖަވާދާ އެކީ މަންގްލާއަށް ދާނަން-"

"ހާދަހާ މޮޅު ރޭވުމެކޭ- އަހަރެން މިރޭ ދިހައެއް ޖަހަން ވާއިރަށް ކާރު ގެންގޮސް ދޭނަން-"

އެރޭ އަކްބަރް އައިސް އެ ގެއަށް ކާރު ލައިފިއެވެ. އަނެއް ދުވަހު ހެނދުނު ސަލްމާ، ޖަވާދުގެ ބޮލަށް އެރިގެން، އޭނާ ގޮވައިގެން ކާރުގައި މަންގްލާއަށް ހިނގައްޖެއެވެ. ޗަވްދަރީ ޢިނާޔަތު ޙުސައިން އޭނާ އާދަ ވެގެން ދާ ގަޑީގައި ޝޯރޫމަށް ހިނގައްޖެއެވެ. ފީރީޒާގެ މަންމަ ހެނދުނު ހަތެއް ޖެހުމާއެކު އޭނާގެ ދައްތަގެ ގެއަށް ހިނގައްޖެއެވެ. ސަލްމާގެ ދެމަފިރިން ބޭރަށް ދާނެކަން އެނގޭނަމަ އޭނާ ނުދިޔައީހެވެ. އެކަމަކު ސަލްމާ ބުނެފައި އޮތީ އޭނާ ފީރޯޒާ ގާތުގައި ގޭގައި މަޑުކުރާނެ ކަމަށެވެ.

ހެނދުނު ދިހައެއް ޖެހި އިރު ފީރޯޒާ ނޫން މީހަކު ގެއަކު ނެތެވެ. ގެ ފޮޅައި ސާފު ކުރާ މީހާވެސް އޭނާގެ މަސައްކަތް ނިންމާފައި ހިނގައްޖެއެވެ. އަކްބަރާ ބައްދަލު ކުރުމުގެ ޚިޔާލު ކުރެވުމާއެކު ފީރޯޒާގެ ހިތް ވަރަށް ބާރަށް ތެޅެން ފަށައިފިއެވެ. އެކަނި އިނދެގެންވެސް ލަދު ގަންނާން ފަށައިފިއެވެ. މަޑުމަޑުން އަމިއްލައަށް ހިނިތުން ވެވޭން ފަށައިފިއެވެ. އެކަމަކު ގޭގައި އެކަނި ހުރިކަން ހަނދާން ވީމާ ބިރުވެސް ގަންނާން ފަށައިފިއެވެ. ހިތަށް އެރިއެވެ. މި ކަހަލަ ރޭވުމެއްގެ ދަށުން ގޭގައި އެކަނި މާއެކަނި އިންދާ އަކްބަރް އައީމާ ވާނީ ކިހިނެއް ބާވައެވެ؟

ސަލްމާ އޮތީ ކުރިން ބުނެފައެވެ. "ބިރު ގަންނާނެ ކަމެއް ނެތް- އަހަރެން ކާރުގައި މިދަނީ ބާޒާރަށް- މާ ދުރަކަށް ނުދާނަން- ކަލޭގެ ބޭބެ މަންގްލާއަށް ދާނީ އަހަރެން ގެނެސް ގެއަށް ލާފައި- އަހަރެން ބައި ގަޑި އިރުގެ ތެތޭގައި އެނބުރި އަންނާނަން-"

އޭނާ ހިތް ހަމަ ޖައްސައިލީ ސަލްމާގެ ވާހަކަ ހަނދާން ކޮށްލައިގެންނެވެ. އެހެން ނޫންނަމަ ލޯބިވެރިޔާއާ މި ކަހަލަ ގޮތަކަށް ބައްދަލުވާ ފުރަތަމަ ދުވަސް ކަމަށް ވާތީ ވަރަށް ބޮޑަށް ހާސް އެބަވެއެވެ.

ޖަވާދު ގެއިން ނުކުންނަމުން ބުންޏެވެ. "ގެޔަކު އެކަކުވެސް ނެތް- ކަލޭވެސް އަހަންނާއެކު ތިޔަ އަންނަނީ- ފީރޯޒާ އިންނާނީ އެކަނި-"

"ދެން ކީއްތަ ވާނީ-؟ އެއީ ތުއްތު ކުއްޖެއްތަ-؟ އޭނާ އެ އިނީ އަމިއްލަ ގޭގެ ހަތަރު ފާރުން އެތެރޭގައެއްނު-؟ މިނިކާވަގު އޭނާ ޖަހައިގަނެގެން ދާނީތަ-؟"

"ނޫނޭ- އަހަރެން މިހެން ބުނީ ބައްޕަ ރުޅި ދުރު ވެދާނެތީ- އަހަރެމެން ދެމީހުން ފީރޯޒާ އެކަނި ބައިންދާފައި ބޭރަށް ދިޔަކަން އެނގިލައްވައިފިއްޔާ ރުޅި ދުރުވާނެކަން ގައިމު-"

"އަހަރެމެން މިދަނީ ދިހަ މޭލު ދުރަށް، މަންގްލާއަށޭ އަހަރެން އެއްވެސް މީހެއް ގާތު ނުބުނަން- އެކަމާ ފިކުރު ނުކުރޭ- ބައްޕަގެ ކަންތައް އަހަރެން ހަމަ ޖައްސައިލާނަން-"

ޖަވާދަކަށް އިތުރަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެހެންވީމާ އަނގައިން ނުބުނެ އަނބިމީހާޔާއެކު ބޭރަށް ދިޔައީއެވެ.

ދޮރުގެ ރަނގަބީލު ޖެހި އަޑަށް ފީރޯޒާ ދުވެފައި އަތުވެއްޖެއެވެ. ފަހަރި އަންނާނެ ކަމަށް ބުނެފައި އޮތީ ބައިގަޑި އިރު ފަހުންނެވެ. މިހާރު ބަރާބަރު ބައިގަޑި އިރު ވީއެވެ. ދޮރު ހުޅުވުމާއެކު އޭނާގެ ހިތުގެ ހިނގުން އިހަށްވުރެ އަވަސް ވެލިއެވެ. އަތްފައި ފިނިވެއްޖެއެވެ. ދޮރުމަތީގައި ހުރެގެން އެހެރަގެން ހިނިތުން ވަނީ އޭނާގެ ލޯބިވެރިޔާއެވެ.

އޭނާ އަވަސްއަވަހަށް މޫނު އަނބުރައިލިއެވެ.

އަކްބަރު އެތެރެއަށް ވަދެއްޖެއެވެ. "އަދިވެސް މޫނު ފޮރުވަނީތަ-؟"

"ފަ.. ފަ... ފަހަރި އިރުކޮޅަކުން އަންނާނެ-"

އަކްބަރް ހިނިތުން ވެލިއެވެ. "އެމީހުން އަވަހަކަށް ނާންނާނެ- ދެމީހުން ދިޔައީ މަންގްލާއަށް-"

"އެކަމަކު ފަހަރި ބުނީ ވަރަށް އަވަހަށް އަންނާނަމޭ-"

"ދައްތަ އެހެން ނުބުނި ނަމަ، ފީރޯޒާ ގޭގައި އެކަންޏެއް ނުވީސް-"

އަކްބަރް މިހެން ބުނުމާއެކު އަނެއްކާވެސް ފީރޯޒާ ބިރު ގަންނަ ގޮތް ވާން ފަށައިފިއެވެ. ބޮޑު ސިންގާ ގެއެއްގައި މިހާރު އެ ތިބީ ދެމީހުން އެކަންޏެވެ. އެމީހެއްގެ ތަސްވީރު ހިތަށް ގެނެސްގެން މިހައި ތަނަށް ހިތް ހަމަ ޖައްސަމުން ދިޔަ މީހާ މިހާރު އެހެރީ ކައިރީގައެވެ. ހެނދުނުގެ ފިނި ވައިރޯޅި ޖެހެމުން ދަނީ އޭނާގެ ހަށިގަނޑުގެ އެތެރޭގައި ކަމަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ބިރާއެކު އުފާވެރި ކަމުގެ އިޙްސާސްވެސް ދަނީ ކުރެވެމުންނެވެ. އެއީ ބިރު ނޫން ކަމަށްވެސް ވެދާނެއެވެ. އޭނާޔާ ދިމާއަށް ބަލައިލާން ހިތަށް އެރީމާވެސް މުޅި މީހާ ތުރުތުރު އަޅާގޮތް ވަނީއެވެ. ބިރަށް ވުރެ ބޮޑަށް ވާން އުޅޭ ގޮތް ނޭނގޭތީ ހިތުގައި ޝައްކު އުފެދެނީ ކަމަށް ވެދާނެއެވެ.

ފީރޯޒާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އަކްބަރް އޭނާގެ ކުރިމައްޗަށް އަރާފައި ބުންޏެވެ. "ލަދު ގަންނަނީ ކީއްވެގެން-؟ އަހަރެން މިއީ ބީރައްޓެއްސެއް ނޫނެއްނު-؟ އަމިއްލަ ހިތާ ސުވާލު ކޮށްލަބަލަ- މި ވަގުތު އަހަރެން މިއީ އެންމެ ގާތް މީހާ ކަމުގެ އިޙްސާސެއް ނުކުރެވޭތަ-؟ އަހަރެން މިއީ ލޭގެ ގުޅުން އޮންނަ މީހުންނަށްވުރެވެސް ގާތް މީހެއް-"

އަކްބަރް އަތުގައި އޮތް ކުޑަކުޑަ ފޮށްޓަކުން އަނގޮޓިއެއް ނަގައި ފީރޯޒާ އަށް ފޯރުކޮށްލިއެވެ. "މިއީ އަހަރެމެންގެ ފުރަތަމަ ބައްދަލު ވުން ފާހަގަ ކުރުމުގެ ގޮތުން އަހަރެން ދޭ ހަދިޔާއެއް- ހިފާ-"

އެހައި ލޯބިން ދިން ހަދިޔާއެއް ގަބޫލު ނުކޮށް ހުރުމަކީ އޭނާގެ ހިތް ހަމަ ޖެހޭ ގޮތެއް ނޫނެވެ. އެކަމަކުވެސް ބޭނުން ވަނީ ނޫނެކޭ ބުނާށެވެ. ނޫނެކޭ ބުނެވޭނީ ދޫ ހަލުވައިލެވިގެންނެވެ. އެކަމެއް ނުވިއެވެ. އޭނާ އަތުން ނޫނެކޭ ބުނާ ކަހަލަ އިޝާރާތެއް ކޮށްލިއެވެ. އަކްބަރް އޭނާގެ އަތުގައި ހިފައިފިއެވެ. އަދި އޭނާގެ އިނގިލީގައި އަނގޮޓި އަޅުވައިފިއެވެ. ފީރޯޒާ ދާހިއްލާ ފޯވަނީއެވެ. އޭނާގެ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ނުބަލައި ތިމާގެ އަމިއްލަ މިލްކަކަށް ހަދައި ނިމުނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އަނގޮޓި އެޅުވުމަށް ފަހު އަކްބަރް ޖީބުން ހާރެއް ނަގައިފިއެވެ. ހާރު އަޅުވަން ފީރޯޒާގެ ފުރަގަހަށް ޖެހިލިއެވެ. ފީރޯޒާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އަކްބަރް އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. "އަހަރެންގެ އަތުން ހާރު އެޅުވިޔަދީ- އެހެން ނޫނީ އަހަރެންގެ ހިތް ހަލާކު ވެދާނެ-"

މި ފަހަރު ފީރޯޒާ ކުރިއަކަށް ނުޖެހެއެވެ. ފައިގައި ކަސްތޮޅު އެޅުވުނީ ކަހަލައެވެ. ހާރު އެޅުވުމާއެކު ފީރޯޒާ ދުވެފައި ގޮތް ފެންޑާއަށް ވަދެއްޖެއެވެ. އޭނާގެ ހިތެ ތެޅޭ އަޑު މިހާރު ބޭރަށްވެސް އިވޭނެކަން ގައިމެވެ.

މި ކަހަލަ ދަނޑިވަޅުތަކުގައި ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ އީމާންކަމަށް ގުޑުން އަރަނީއެވެ.

ސިކުނޑިއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އިޙްސާސްތަކުގެ ޠޫފާނުގައި ވިރެމުން ދަނީއެވެ.

ހަށިގަނޑަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ދަނީއެވެ.

ނޭވާ ލެވެއެވެ. އެކަމަކު ނަގަމުންދާ ބޮޑެތި ރާޅުތަކެއް ފަދައިންނެވެ. ލޯބިވާ މީހަކާ ކައިރި ވެވުނީމާ ދެވެނީ މުޅީން އެހެން ދުނިޔެއަކަށެވެ. އެއީ ދެމީހުންގެ އަމިއްލަ ދުނިޔެއެކެވެ.

އަކްބަރް މަޑުމަޑުން ފީރޯޒާގެ ފަހަތުން ހިނގައިގެންފިއެވެ. އޭނާގެ ހިތަށް އެރިއެވެ. "ޝުކުރިއްޔާއެވެ. އަހަރެންގެ މީހަކަށް ވެގެން ކަލޭ އަހަރެން މުޅި ދުނިޔޭގެ ރަސްކަލަކަށް ހަދައިފީމުއެވެ."

(ނުނިމޭ)

1 ޚިޔާލު

  1. މާޝާﷲ ވަރަށް ވަރަށް ރީތި މިވާހަކަ! އުންމީދުކުރަން ވާހަކަ މެދުކެނޑުމެއް ނެތި ކުރިޔަށް ގެންގޮސް ނިންމާލަދޭނެ ކަމަށް!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.