ދަންމަރު: ދަތިކަމުގައި ފަސޭހަކަން

މީހަކު ރަށެއްގައި އައިނު ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ. ފިހާރައަށް އަންމަ މީހުންގެ ފަސޭހައަށްޓަކައި މި ފިހާރައިގައި ލޮލުގެ ނަންބަރު ނެގުމުގެ އިންތިޒާމުވެސް އޮތީ ހަމަޖައްސައިފައެވެ. އެއީ ނަންބަރު ނަގާން އެހެން ތަނަކަށް ދާން ޖެހޭތީ އުނދަގޫވާނެތީއެވެ. އެކަމަކު ފިހާރަ ވެގެން ދިޔައީ މި ދެ ޚިދުމަތް ދެވޭވަރަށްވުރެ ތަންކޮޅެއް ކުޑަ ފިހާރައަކަށެވެ. ނަންބަރު ނަގާން ވެގެން އަށާރަ ވަރަކަށް ފޫޓު ދުރުގައި ހުންނަ ލިޔުން ކިޔާން ޖެހެއެވެ. މި ފިހާރައިގައި އެ ލިޔުން ބެހެއްޓޭން އޮތީ އޭގެ ދެބައިކުޅަ އެއްބައި ވަރުގެ ދުރުމިނެއްގައެވެ. އެއީ ގާތްގަނޑަކަށް ނުވަވަރަކަށް ފޫޓުގެ ދުރުމިނެވެ.

"ނުވަ ފޫޓު ދުރުގައި ލިޔުން ބަހައްޓައިފައި ބޮޑު ލޯގަނޑެއް ބަހައްޓާނީއެވެ." އެހައި ކުޑަ ތަނެއްގައި ނަންބަރު ނެގުމުގެ އިންތިޒާމުކުރާނީ ކިހިނެއް ހެއްޔޭ އެކުވެރިޔަކު ސުވާލުކުރީމާ، ޖަވާބުދެމުން ފިހާރައިގެ ވެރިމީހާ ބުންޏެވެ. އިތުރަށް އޮޅުންފިލުވައިދިނުމުގެ ގޮތުން ފިހާރަވެރިޔާ ކިޔައިދިނެވެ. "ކިޔާން ޖެހޭ ލިޔުން ފާރުގައި ތަތްކޮށްލާނީއެވެ. ދެން އެ ލިޔުމާ ދިމާވާގޮތަށް ކުރިމަތީގައި ހުރި ފާރުގައި ބޮޑު ލޯގަނޑެއް ހަރުކޮށްލާނީއެވެ. ނަންބަރު ނަންގަން އަންނަމީހާ ކިޔާނީ ލޯގަނޑުން ފެންނަ އަކުރުތަކެވެ. މިހެން ހެދީމާ އެ ކިޔާ އަކުރުތަކުގެ ދުރުމިން އަމިއްލައަށް އަށާރަ ފޫޓަށް ބަދަލުވެގެން ދިޔައީއެވެ. އެންމެ ފުރަތަމަ ކަމަކަށް ނަންބަރު ނަންގާ މީހާއަށް ލޯގަނޑު ފެންނާނީ ނުވަ ފޫޓު ދުރުންނެވެ. ދެން އެ ލޯގަނޑުން ފެންނަ ލިޔުން ފެންނާނީ ނުވަ ފޫޓު ދުރުންނެވެ. މި ދެބައި އެއްކޮށްލީމާ އަށާރަ ފޫޓަށް ބަދަލުވީއެވެ."

މިހެން ހެދީމާ ނުވަ ފޫޓުގެ ކުޑަތަނެއްގައި، އަށާރަ ފޫޓުގެ ތަނެއްގައި ކުރަން ޖެހޭ ކަމެއް ފަސޭހަކަމާއެކު ކުރެވުނީއެވެ. އެއް ގޮތަކުން ބަލާއިރު ނުވަ ފޫޓުގެ ފިހާރައެއް އަށާރަ ފޫޓުގެ ފިހާރައަކަށް ބަދަލުވީއެވެ.

ދިރިއުޅުމުގެ ހުރިހައި މުޢަމަލާތެއްގައިވެސް ކަންތައް އޮންނަ ގޮތަކީ މިއީއެވެ. ފުރުސަތުތައް މަދުވެފައި ކުރިއަށްދާން އޮތް މަގު ނުތަނަވަސްވުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. ބުއްދީގެ ބޭނުންކޮށްގެން "ނުވަ ފޫޓު"، "އަށާރަ ފޫޓަށް" ބަދަލުކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ.

ކުޑަ ބިންކޮޅެއް އޮތިއްޔާ ދެ ބުރިއަށް ގެ އެޅީމާ ބޮޑުވީއެވެ. އެއީ މިޒަމާނުގެ އުސޫލެވެ. ވިޔަފާރިއަށް ޚަރަދުކުރާނޭ ފައިސާ މަދުނަމަ، އަތުގައި ހުރި އެއްޗަކުން ޚަރަދުކޮށްގެން ފައިސާ ގިނަކުރާނޭ ގޮތެއް ހޯދާށެވެ. ކިޔެވިފައިހުރި އެއްޗަކުން ނުވާނަމަ ރީތި އަޚްލާގާއި މަޑުމައިތިރިކަން ބޭނުންކޮށްގެން ކުރިއަށް ހިނގައިގަންނާށެވެ. މުގާބިލާކޮށްގެން ކުރިއަށް ދާން ދަތިވެއްޖެނަމަ ޙިކުމަތުގެ ބޭނުންކޮށްގެން މަގު ހޯދާށެވެ. ހަތުރު، މިތުރަކަށް ބަދަލުކޮށްލާށެވެ. ސިޔާސީ މައިދާނުން ބޭނުންވާ ދަރަޖަ ނުލިބިއްޖެނަމަ އެހެން ދާއިރާއަކުން ކުރިއަށް ދާން ފިޔަވަޅު އަޅާށެވެ. ތިމާ އުޅޭން ޖެހެނީ އަގުލިއްޔަތާއެކީގައި ކަމުގައި ވަނީނަމަ އެކުވެރިކަމާއި ރަނގަޅު އިންތިޒާމެއްގެ ބޭނުންކޮށްގެން އަޣުލަބިއްޔަތު ހޯދާށެވެ.

ކޮންމެ "ކުޑަ ފިހާރަ"އެއް ބޮޑު ފިހާރައަކަށް ބަދަލުކޮށްލެވިދާނެއެވެ. ފިހާރަވެރިޔާ އެ ފިހާރަ ބޮޑުކުރުމަށްޓަކައި ޙިކުމަތުގެ ބޭނުން ނުކުރާނަމަ ކުޑަ ފިހާރަ އަބަދުވެސް ހުންނާނީ ކުޑަ ފިހާރައެއްގެ ގޮތުގައެވެ. ބޮޑުކުރުމުގެ ޙިކުމަތުގެ ބޭނުންކޮށްފިއްޔާ ދުނިޔޭގެ އެއްވެސް ފިހާރައެއް ކުޑަ ފިހާރައެއްގެ ގޮތުގައެއް ނުހުންނާނެއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.