ދަންމަރު: ކުރެވޭން ހުރި ކަންތައްތައް ހުހެއް ނުވާނެ

ހުޅަނގު ފަރާތަށް ފެތުރިފައިވާ ފަރުބަދަތަކުގެ މަތީން އިރުއޮއްސޭން ދަނީއެވެ. ޖައްވީ ބޯޅައިގެ ދެބައިކުޅަ އެއްބައި ފަރުބަދައިގެ ނިވަލަށް ވަދެ ގެއްލިއްޖެއެވެ. އަނެއް ބައި އިރުކޮޅަކު ފެންނާން ހުރެފައި ފަރުބަދަތަކުގެ ބިއްދޮށަށް ވަދެ މުޅީން ގެއްލިއްޖެއެވެ.

މިހާރު މި އޮތީ މުޅި ތަނަށް އަނދިރިކަން ފެތުރޭން ފަށައިފައެވެ. އިރު އެ ގެންދަނީ އޭގެ އަލިކަން ހިފައިގެން ގޮސް އޮބައިލާން ހިފަމުންނެވެ. އަލިކަން ފަނޑުވާން ފަށައިފިއެވެ. އިސާހިތަކު މުޅި ތަނަށް އަނދިރިކަން ފެތުރިގެން ހިނގައިދާނެއެވެ. މި ހުރިހައި ކަމެއް ހިނގަމުންދާއިރު އުޑިމަތީގެ އެހެން ދިމާއަކުން އަލިކަން ފާއްދަމުން ދެއެވެ. އެއީ ހަނދުމަހުގެ ބާރަވިލޭރޭގެ ހަނދުގެ އަލިކަމެވެ. ހުޅަނގުފަރާތަށް އިރު އޮއްސުމާއެކު، އިރުމަތީފަރާތުން އެ ވިދައިބަބުޅާން ފެށްޓި ހަނދެވެ. މާ ގިނަ އިރުތަކެއް ނުވެ މުޅި ދުނިޔެއަށް އަލިކަން ވެރިވެއްޖެއެވެ. އިރުގެ އަލިކަން ގެއްލިގެން ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް ހަނދުގެ އަލިކަން ވެރިވީއެވެ.

"މިއީ ގުދުރަތުގެ އިޝާރާތެކެވެ." އަޅުގަނޑުގެ ހިތަށް އެރިއެވެ. "ކުރެވޭން އޮތް ކަމެއްގެ މަގު ބަންދުވުމާއެކު، ހަމަ އެ ވަގުތު އެހެން ކަމެއްގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެއެވެ. އިރު އޮސްސުމާއެކު ހަނދު އައިސް ދުނިޔެ އަލިކޮށްލައިފިއެވެ."

ހަމަ މި ބީދައިން ފަރުދުންނާއި ގައުމުތަކަށްވެސް ކުރެވޭން ހުންނަ ކަންތައްތަކުގެ ފުރުސަތުތައް ދުވަހަކުވެސް ހުހެއް ނުވާނެއެވެ. ޒަމާނުގެ އޮޔާއި ވައިގައި ޖެހި ވެއްޓޭގޮތް މެދުވެރި ކުރެއްވި ނަމަވެސް މާޔޫސްވުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އައު ފުރުސަތުތަކެއްގެ ބޭނުންކޮށްގެން ކޮންމެ މީހަކަށްވެސް އަލުން ތެދުވެވިދާނެއެވެ. ހަމައެކަނި ޝަރުތަކީ ބުއްދީގެ ބޭނުންކުރުމާއެކު ގަދައަޅައި މަސައްކަތްކުރުމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މި ދުނިޔެ ހައްދަވައިފައި ވަނީ އަޖައިބުވާފަދަ ފުރުސަތުތަކަކާއެކުގައެވެ. މާއްދާ ހަލާކުވެ ފަނާވެގެން ދިއުމާއެކު އުފެދެނީ ހަކަތައެވެ. އަނދިރިކަން ފެތުރުމާއެކު އޭގެ ބަނޑުން އައު އަލިކަމެއް އުފަންކުރުވައެވެ. ޢިމާރާތެއް ވެއްޓުމާއެކު ނުވަތަ ވައްޓައިލުމާއެކު އައު ޢިމާރާތެއް އަޅަން ބިން ހުސްވީއެވެ. މިއީ އިންސާނާގެ ދިރިއުޅުމުގެ ކަންތައްތަވެސް އޮންނަ ގޮތެވެ. ކޮންމެ ނާކާމިޔާބެއްގައި، ކާމިޔާބީގެ އައު ފުރުސަތެއް ފޮރުވިފައި އޮވެއެވެ. އެއް ގައުމަކަށްވުރެ އަނެއް ގައުމެއް ކުރިއަރައިގެން ދިއުމަކީ ހުރިހައި ކަމެއްގެ ނިމުމެއް ނޫނެވެ. މިފަދައިން ކަންތައް ވުމާއެކު ކުރިއަރައިގެންދާ ގައުމުގެ ތެރޭގައި މުނިފޫހިފިލުވުމާއި، އަރާމުކުރުމުގެ ސަގާފަތެއް އުފަންވެގެން ހިނގައިދެއެވެ. ފަހަތަށް ޖެހުނު ގައުމުގައި ގަދައަޅައި މަސައްކަތްކުރުމާއި ކުރިއެރުމުގެ ޖަޒުބާތު އުފެދިގެން ހިނގައިދެއެވެ.

މި ދެންނެވި ވާހަކަތަކުން އެނގުނީ ﷲ ތަޢާލާގެ މި ދުނިޔޭގައި ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް ފުރުސަތު ބަންދުވެގެން ދިއުމަކީ ވާނޭ ކަމެއް ނޫންކަމެވެ. މާޔޫސީއަކީ އޮންނަ ކަމެއް ނޫންކަމެވެ. ހާލަތު ކިތަންމެ ނޭދެވޭ ގޮތަކަށް ބަދަލުވެގެން ދިޔަ ކަމުގައި ވިޔަސް އިންސާނާއަށް ލިބިފައިވާ ކާމިޔާބީގެ ފުރުސަތު ބަންދުވެގެންނެއް ނުދާނެއެވެ. ކާމިޔާބީ ފުރުސަތު އަބަދުވެސް ހުޅުވިފައި އޮންނާނެއެވެ. އިންސާނާއަށް ޖެހޭނީ އައު ފުރުސަތުތައް ދެނެގަނެ އެ ފުރުސަތުތަކުގެ ބޭނުންކޮށްގެން، ބަލިވީބަލިވުން މޮޅުވުމަކަށް ބަދަލުކޮށްގަންނާށެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.