ރޯދަމަޖާ: ދަތް ބިންދައިގެން ދިއުން

އޮޅުންއެރުން

މަގުމަތީން ހިނގާފައި ދަމުން މީހަކު އޮޅިގެން އޭނާގެ އަނބިމީހާ ކަމަށް ހިތައި އެހެން މީހަކުގެ އަތުގައި ހިފައިފިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އެއީ އޮޅުމެއްކަން އެނގިގެން އަތުން ދޫކޮށްލާފައި ބުންޏެވެ. "އަޅުގަނޑަށް މާފުކުރައްވާށެވެ. ވައްތަރުގޮތެއް ހުރީމާ އޮޅިގެން އަތްޕުޅުގައި ހިފުނީއެވެ."

އަންހެންމީހާ ރުޅި އައިސްފައި ބުންޏެވެ. "ކޮން މާފެއް ކުރާކަށް ހެއްޔެވެ؟ ހަމަ ގޮތް ކުޑައީއެވެ. މަގުމަތީން އަންހެނަކު ފެންނައިރަށް ހުންނަނީ ހޭބަލިވެފައެވެ. ސިފައަކުން ކުރެ ސިފައެއް ހުރި މީހެއް ނޫނެވެ. ހީވަނީ ކަޅު އެންދެރިގަނޑެއް ހެންނެވެ."

ފިރިހެންމީހާ ހައިރާންވެފައި ބުންޏެވެ. "ޔާރައްބީ... އަޅުގަނޑުގެ އަންހެނުންނާ ކަމަނާ ވައްތަރީ ހަމައެކަނި ސިފަޔަކުންނެއް ނޫނެވެ. މިޒާޖުފުޅާއި ވާހަކަފުޅުވެސް ހަމަ ހާދަހާ ވައްތަރެވެ."

ދަތް ބިންދައިގެން ދިއުން

ދެ އެކުވެރިއަކު ބައްދަލުނުވާތާ ގިނަ ދުވަސްތަކެއް ވެފައި ބައްދަލުވެއްޖެއެވެ. ދެ މީހުންގެ ތެރެއިން އެކަކުގެ މަތީ ދަތްޕިލާގެ ދެ ދަތް ހުރީ ބިންދައިގެން ގޮސްފައެވެ. އޭނާގެ އެކުވެރިޔާ އަހައިފިއެވެ. "ތިޔައީ މީގެ ކުރިން ބައްދަލުވީއިރު ހުރި ގޮތެއް ނޫނެވެ. އަނެއްކާ ކިހިނެއް ވީހެއްޔެވެ؟"

އޭނާ ބުންޏެވެ. "އަހަރެންގެ އަންހެނުން ހެނދުނު ފިހުނު ރޮށި މާ ހަރީއެވެ."

އެކުވެރިޔާ ބުނެފިއެވެ. "އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟ އެ ރޮށި ކާން ދެކޮޅުހެދިނަމަ ނިމުނީއެއް ނޫންހެއްޔެވެ؟"

އޭނާ ބުންޏެވެ. "މިއީ ތިޔަހެން ހެދީމާ ވީ ގޮތެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.