ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ދެ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއަކީ ރައީސު ވްލާޑިމީރް ޕުޓިން އަވަހާރަކޮށްލަން ޔުކްރޭންއިން ދިން ހަމަލާއެއް ކަމަށް ރަޝިޔާއިން ތުހުމަތުކުރި ނަމަވެސް، ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީ އެކަން ދޮގުކުރައްވައިފިއެވެ.
މިހާރު ފިންލޭންޑަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޒެލެންސްކީ އިއްޔެ ހެލްސިންކީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިގޮތުގައި އޭނާގެ އެންމެ މުހިއްމު އަމާޒަކީ ޕުޓިން އަވަހާރަކޮށްލުމެއް ނޫނެވެ. ރަޝިޔާއިން ހިފާފައިވާ ޔުކްރޭންގެ ބިންތައް މިނިވަންކުރުމެވެ.
"އަހަރުމެން ކުރެމްލިންއަކަށް ނުވަތަ މޮސްކޯއަކަށް ހަމަލާނުދެން. އަހަރުމެން ހަނގުރާމަކުރަނީ އަހަރުމެންގެ ސަރަހައްދުގެ ތެރޭގައި." ޒެލެންސްކީ ވިދާޅުވިއެވެ.
"ތިއީ ވަރަށް ފަސޭހައި އެނގޭ ކަމެއް. ރަޝިޔާއަށް ކާމިޔާބީތަކެއް ލިބިފައި ނެތް. އޭނާ (ޕުޓިން) އަށް އޭނާގެ ރައްޔިތުންގެ މެދުގައި (ހަނގުރާމައަށް ތާއީދުކުރުމުގެ) ޖޯޝު އުފެއްދިފައެއް ނެތް. އޭނާގެ ސިފައިން މަރުވާން ފޮނުވޭކަށް އޭނާއަށް ނެތް.... އެހެންކަމުން އޭނާގެ ރައްޔިތުންގެ ތާއީދު ހޯދޭނެ ކޮންމެވެސް ކަމެއް ކުރަން އޭނާ ބޭނުންވޭ." ޕުޓިން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމުތު ރަޝިޔާއިން ޔުކްރޭނަށް ކުރަނީ ކީއްވެތޯ ދެންނެވުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސު ޒެލެންސްކީ ވިދާޅުވިއެވެ.
ކްރެމްލިންއަށް ޑްރޯން ހަމަލާދިންކަމުގެ ތުހުމަތަކީ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަފެށި ފަހުން މިވީ 15 މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރި އެންމެ ބޮޑު ތުހުމަތެވެ.
ރަޝިޔާ ރިޔާސީ ކޮމްޕްލެކްސް، ކްރެމްލިންގައި ރައީސު ޕުޓިން ދިރިއުޅުއްވާ ގަނޑުވަރާ ދިމާއަށް މަތިން ޑްރޯންއެއްގައި ރޯވެ އަނދާ މަންޒަރު ފެންނަ ވީޑިޔޯއެއް ރަޝިޔާގެ މީސް މީޑިޔާގައި އާއްމުވެފައިވާއިރު، ކްރެމްލިން ކައިރީގައި ދިރިއުޅޭ ބައެއް މީހުން އާއްމުކޮށްފައިވާ މަންޒަރުތަކުން، ގަނޑުވަރު ކައިރިން ދުންއަރާތަން ވެސް ފެނިފައި ވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރަޝިޔާއިން ހިފާފައިވާ ޔުކްރޭންގެ ބިންތައް ހިފުމަށް ޔުކްރޭނުން ވަރުގަދަ ރައްދު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. ޔުކްރޭނުން ބުނާގޮތުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާ ސިފައިން އެގައުމުން ބޭރުކޮށް، ޔުކްރޭންގެ ބިންތައް މިނިވަންކުރާނެއެވެ.