(11 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ހިއްސާއިންކަމަށް ނަމަވެސް ޙަޤީޤަތުގައި އެހުރިހާ ކުންފުންޏަކީ ހަމައެކަނި އޭނާގެ ތަންތަން. އަނާޖީ! މިކަންތައްތަކަކީ ޚާންއާޞިފްގެ މަރުއެތިފަހަރު އޭނާ އަމިއްލައަށް މަރުވެސް ވެދާނެ. މި ކަންތައްތައް އަޅުގަނޑު ކުރީ އެންމެ ދިހަ ހާސްރުފިޔާއަށްޓަކައި އެއްނޫން. ކަލާގެ ވަކީލަކީ ވިކޭނެ މީހެއް ނޫން އަދި އެހެންމީހަކަށް ގަނެވޭނެ މީހެއްވެސްނޫން."
"އަނާޖީ...ނަމަވެސް ކަލާ އަޅުގަނޑާމެދު ކުރެއްވި ނަފްރަތުން އަޅުގަނޑަށް ވަރަށް އަސަރުކުރި، ފުރިހަމަ އެއްއަހަރު މިދިޔައީ އެ އަސަރުގެ އަލިފާނުގައި އަނދަމުން...އެއް އަހަރުދުވަސް މި ވޭތުކުރި ނިކަމެތިކަމާއި ހިތްދަތިކަން އެނގޭނީ ހަމައެކަނި އަޅުގަނޑުގެ ހިތަށް.... އެންމެފަހުން އަޅުގަނޑަށް ޝައްކުކުރެވުނީ ޙަޤީޤަތުގައި ޚާންއާޞިފަކީ ފެންނަން އެހެރަ އިންސާނާއެއް ނޫންކަން. އެހެންކަމުން އަޅުގަނޑު މަސައްކަތްކުރީ އޭނާގެ ޙަޤީޤަތް ބޭޒާރުކުރަން. އެ ކަމަށްޓަކައި ދުޝްމަނަކާ ދިމާއަށް ސަރ ނުވަތަ ޞާހިބާ ފަދަ ބަސްތަކުން މުޚާތަބް ކުރަންޖެހުނު. މި ހުރިހާ ކަމެއްވެސް އަޅުގަނޑުކުރީ ހަމަ ކަލާގެ ކޭސް ކާމިޔާބުކުރުމަށްޓަކައި...."
"ޘަނާ..ޘަނާ.." އަނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. "އަމުރުކުރައްވާ..އަނާޖީ ...މޭމަތީގައި އަތްޖައްސާލާފައި ޘަނާއުﷲ ބުނެލިއެވެ. މިހާރު ބޭނުންވެލައްވަނީ ކޮންކަމެއްތޯ؟"
"ހަމައެކަނި ކޭސް ކުރިއަށް ގެންދިއުން"
"ހަމައެކަނި ކޭސް" އަނާ ބުނެލިއެވެ.
"އެހެންވިއްޔާ ކަލާ އަމުރުކުރައްވިގޮތެއް"
"ދުރުވޭ... ދެން އިހަށް އަރާމުކޮށްލައްވާ! ކަލާ ތިޔަދުރުވީ ވަރަށް ދިގު ދަތުރެއް ކުރައްވާފައި ނޫންތޯ؟ ފަހުން އަދި ވާހަކަ ދައްކާލާނީ" "ދަރިފުޅު ދެކެލަންތޯ؟" ޘަނާ އުއްމީދާއެކު ބުނެލިއެވެ.
"އެ އޮތީ އެހެރަ ކުޑައެނދުގައި." އަނާ އިނގިލި ދިއްކޮށްލިއެވެ. އެއާއެކު އަނާވެސް ތެދުވެގެން ކުޑައެނދުގެ ކައިރިއަށް އަތުވެއްޖެއެވެ. ޘަނާއުﷲ އެނދުގައި އޮތް ކުޑަދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައޮ ބުނެލިއެވެ.
"ޔަޤީންކުރޭ ދަރިފުޅާ! އަޅުގަނޑު ކަލާގެ މަންމައަށްޓަކައި ބަދަލު ހިފައިދޭނަން. ޚާންއާޞިފް ކަށްވަޅުގައިވެސް ހިމޭނުން ނޯވެވޭފަދަ ގޮތަކަށް ބަދަލު ހިފައިދޭނަން."
އަނާ ޙައިރާންވެފައި ހުރެގެން އޭނާގެ ކުރިމަތީގައި ހުރި އިންސާނާ އާދިމާއށް ބަލަމުންދިޔައެވެ. އެވަގުތު އޭނާގެ ދުލުން އެބަސްތައް ނުކުންނަމުން ދިޔައިރު އޭނާގެ މޫނު މަތިންވެސް ފެންނަނީ ބިރުވެރި މަންޡަރެވެ. އަނާއަށް ވަރަށް ގިނައިރު އޭނާއާ ދިމާއަށް ބަލަން ހުރެވުނެވެ. ޘަނާއުﷲ އެ ތަނުން ނުކުމެގެން ދިޔައިރުވެސް އަނާއަށް ހުރެވުނީ އެއްޗެއް ނުބުނެ އޭނާއާ ދިމާއަށް ބަލާށެވެ.
"....... ކަލެއަކީ ކޮންފަދަ މީހެއް ހެއްޔެވެ؟...އަދި ކަލޭ އަހަރެންގެ ކިބައިން އެދެނީ ކޮންއެއްޗަކަށް ހެއްޔެވެ..؟" އޭނާ ހިތަށް އެރިއެވެ. ނަމަވެސް ޖަވާބުދޭންވީ މީހާ ގޮސް ނިމިއްޖެއެވެ.
"އެ ކުއްޖާފުޅު އެ ދިޔައީ ސައިވެސް ނުބޮއިތަ! އަނާ ދަރިފުޅާ...މާއަވަހަކަށް ދާންވެގެން އެ ދިޔައީދޯ؟" އާންޓީ ޒައިތޫން ސައިތަށި ހިފައިގެން ގޭތެރެއަށް އައިސްފައި ބުންޏެވެ. އަނާ ސިއްސައިގެން ދާގޮތްވެފައި އާންޓީ ޒައިތޫންއާ ދިމާއަށް ބަލާލިއެވެ. އަދިތުރުތުރު އަޅައަޅާއޮތް އަޑަކުން ބުންޏެވެ.
"އާންޓީ....މިއީ އާދަޔާޚިލާފު އިންސާނެއް .އޭނާގެ ތެރޭގައި ފޮރުވިފައިވާ ޠޫފާނަކާއިގެން އުޅޭ އިންސާނެއް. އޭނާ އެއައީ ޚާންއާޞިފްގެ މަރުގެ ޚަބަރު ދިނުމަށް އޭނާ ބަރުބާދުވެގެން ދިޔަކަމަށްޓަކައި މުބާރަކްބާދު އަދާކުރުމަށް"
"ކީކޭ ތިޔަކިޔަނީ ދަރިފުޅާ" އާންޓީ ޒައިތޫން ޙައިރާންވެލާފައި ސުވާލު ކުރިއެވެ. އަނާ ދެންމެ އޭނާއަށް އިވުނު ހުރިހާ ވާހަކައެއް އާންޓީ ޒައިތޫންއަށް ކިޔާދީފިއެވެ.
"މާތްކަލާނގެ ކުޅަދުންވަތަކަން! މި ޙަޤީޤަތުގައިވެސް ހާދަ ބިރުހުރި އިންސާނެކޭދޯ؟" ދަރިފުޅަށް ޓަކައި އޭނާ ކުރަމުން އެދަނީ ކޮންފަދަ މަސައްކަތްތަކެއް؟ ދަރިފުޅު އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން އިނދެ އޭނާއާ ދިމާއަށް އެއްޗެތިކީ ދުވަސްވެސް އަހަރެން ހަނދާން އެބަހުރި... އެ ދުވަހު އެ ވަގުތު އަހަރެންނަށް އެތަނަށް ނާދެވުނުނަމަ ދަރިފުޅު އޭނާގައިގައި ތަޅާވެސް ހެދީސް.."
"އާނ...އާންޓީ އެ ދުވަހަކީ އެހާ ގޯސްދުވަހެއް. އަހަރެންނަށް އެ ކޭސް ކާމިޔާބު ނުވިނަމަވެސް އެހާ ދެރައެއް ނުވަން. އެކަމަކު އަހަރެންނަށް އެމީހުން އެ ދިން ހުތުރު އަދި އަހަރެންގެ ބޮލުގައި އެ މީހުން އެ އެޅުވި ފާފައިގެ އިލަޒާމުން އަހަރެންގެ ބުއްދި ފަސްވާގޮތްވީ"
"އެންމެ ރަނގަޅު ދަރިފުޅު. މިހާރު އޭނާ އެއުޅެނީ ކީއްކުރަންތަ؟"
"އޭނާ ރާވަނީ ވަރަށް ބިރުވެރި ކަމަކަށް އާންޓީ. އޭނާ ކުރަނީ ކީއްކަމެއް އަދި ނޭނގެ. އަހަރެން މި މަސައްކަތް ކުރަނީ އެކަމެއް ވިސްނޭތޯ އަދި ހަމައެއާއެކު އޭނާއާއި މެދު އަހަރެންނަށް ވަރަށް ކުށްހީތައްކުރެވި އޭނާ ބޭޢިއްޒަތްތެރި ކުރެވިފައި ވުމާއެކުވެސް އޭނާ އަހަރެންނަށްޓަކައި މަސައްކަތް ކުރަމުން ފުރިހަމަ އެއްއަހަރު ވޭތު ކުރިކަމާމެދުވެސް އަހަރެން މިދަނީ ވިސްނަމުން... ޙަޤީޤަތުގައި އަހަރެންނާ ބައްދަލުވާން ދެން ނާންނާށޭވެސް އަހަރެން އޭނާއާ ދިމާއަށް ބުނިން ނަމަވެސް އާންޓީ! އޭނާ ފަހަރެއްގައިވެސް އޭނާގެ މަސައްކަތް ހަނދާން ނައްތައެއްނުލި. އަހަރެންގެ މަތިން އޭނާ ހަނދާން ނައްތައެއްނުލި އެއްހަރު ދުވަސްވަންދެން ނައިސް ހުރެފައި އެ އައީ އޭނާގެ ކަންތައް ފުރިހަމަ ކޮށްގެން."
"އޭނާއަކީ ވަރަށް މަތިވެރި އިންސާނެއް ދަރިފުޅާ! އާންޓީ ޒައިތޫން ބުންޏެވެ. "ޢަޤީދާގެ ކުރިމަތީގައި މީހުންނަށް ޖެހޭނީ އިސްޖަހާލަން"
"އެކަމަކު އާންޓީ އަހަންނަކަށް އޭނާގެ ކަންތައްތަކެއް ނުވިސްނޭ. އޭނާ އެހާވަރުން އެމަސައްކަތް ކުރަނީ ކީއްވެގެންތަ؟ އަޅެ ކީއްވެގެންތަ؟ އެކަމުން އޭނާއަށް އޮތީ ކޮން ފައިދާއެއްތަ؟"
"އާނ..ދަރިފުޅާ! އަހަރެންވެސް އެކަމާމެދު ވިސްނައިފިން." އެކަމަކު އޭނާގެ ތުނަފަތްމަތިން ހިނިތުންވުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. އެހިނިތުންވުމަކީ އޭނާއަށް ކާމިޔާބުވުމުގެ ހިނިތުންވުމެވެ. ޘަނާ އޭނާއަށް ދެންމެއަކު ގެނެސްދިން ޚަބަރަކީ ތެދުވާހަކައެއް ކަމުގައި ވާނަމަ ވަރަށް އަވަހަށް ޚާންއާޞިފް ސަހާރަންޕޫރަށް އަތުވެދާނެއެވެ.
އަނާއަށް މާގިނައިރު އިންތިޡާރުކުރާކަށް ނުޖެހުނެވެ. ގޭގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކިދިން އަޑަށް އާންޓީ ޒައިތޫން ދޮރުހުޅުވާލީ އަނެއްކާވެސް ޘަނާ އައީކަމަށެވެ. ނަމަވެސް ދޮރުމަތީގައި ޚާންއާޞިފް ހުއްޓާ ފެނުމުން އޭނާގެ ސިކުނޑިއަށް އެނބުރުން އަރައިގެން ދިޔަ ކަހަލައެވެ.
"އަހާނ... ޚާން އާޞިފްތޯ އަދި މިގޭދޮރުމަތީގައި. އަވަހަށް ވަންނަވާ. މިއީ ނޯކަރުންލައްވާ އިންސާނުން ދަމާ ބޭރުކޮށް ހަދާ ޚާންއާޞިފްގެ ގެއެއްނޫން އިނގޭތޯ؟"
ޚާންއާޞިފް ކަޅިއަޅާލާފައި އާންޓީ ޒައިތޫންއާ ދިމާއަށް ބަލާލިއެވެ. އަދި ގޭތެރެއަށް ވަދެއްޖެއެވެ.
"އެހެރަ ކުރިމަތީގައި ހުރި ކޮޓަރިއަށް ދުރުވަންނަވާ!" ޒައިތޫން ތުންފަތަށް ގޮތެއް ހަދާފައި ބުންޏެވެ. ޚާންއާޞިފް އޭނާއާ ދިމާއަށް ބަލަންހުރެގެން ކުރިއަށް ދިޔައެވެ. އޭނާގެ އަތުގައި ބްރީފްކޭސް އެއްއޮތެވެ.
އަނާއޭރު ހުރީ ކޮޓަރިތެރޭގައެވެ. އާންޓީ ޒައިތޫން ދައްކަމުންދާ ވާހަކަ ތަކުގެ އަޑު އޭނާއަށް އިވެއެވެ. އަދި އާންޓީ ދައްކަމުންއެދަނީ ކާކާކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ހުރީ ޚާން އާޞިފާ އިސްތިޤްބާލް ކުރުމަށްޓަކައި ހުރިހާ ގޮތަކުން ތައްޔާރުވެގެނެވެ.
ޚާންއާޞިފް ކޮޓަރިއަށް ވަންއިރު އަނާއިނީ ކޮޓަރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަވަގުތު ވާހަކަ ދައްކަން ފެއްޓީ ޚާންއާޞިފްއެވެ.
"ޙަޤީޤަތުގައި އަހަރެން މިތަނަށް އަންނާކަށް ބޭނުމެއްނޫން. އަދި ކަލޭގެ ސޫރަދެކެންވެސް އަހަރެން ބޭނުމެއްނޫން...އެކަމަކު މިގެއިން އެ ނުލަފާ ވަގު، އަދި ބަކަމޫނުގެ ދަރި ޘަނާއާ ބައްދަލުވެދާނޭ އެ މުސްކުޅިމީހާ ގަޑު ބުނީމާ މިތަނަށްއައީ."
އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ޚާންއާޞީފާ ދިމާއަށް ބަލަން އިނީއެވެ.
" ކޮބައިތަ އެ ނުލަފާ ހަރުފަގަނޑު" ޚާންއާޞިފް ހަޅޭއްލަވައިގަތެވެ. އަނާގެ ލޮލުގެ ތެތްކަން އިތުރުވެގެން ދިޔައެވެ. އަދި ތުންފަތުގައި ދަތްއަޅާލާފައި ބުންޏެވެ.
"ކަލާގެ ކާފަ ދަރިފުޅާ ބައްދަލެއް ނުކުރައްވާނަންތޯ؟ ޚާންއާޞިފް"!
"ކޮންހާ ވިޔާނުދާ ވާހަކައެއް ތަތިޔަދައްކަނީ އަންހެންކުއްޖާގަނޑު" ޚާންއާޞިފްގެ މޫނު ރަތްވެގެން ދިޔައެވެ.
ކުރިމަތީގައި އެ ހެރަ ކުޑައެނދުގައި އެ އޮތީ ކަލާގެ ކާފަދަރިފުޅު. ކަލާގެ ހުރި ހަމައެންމެ ދަރިފުޅުކަމުގައިވާ ޚާން މާޖިދުގެ އަންހެން ދަރިފުޅ.ު އޭނާ ދެކެވެސް ނުލައްވާނަންތޯ؟"
"ވިޔާނުދާ ވާހަކަ ނުދައްކާ ދުނިޔޭގެ އެއްވެސް ތަނެއްގައި ޚާންއާޞިފްގެ ލޭ ހުރި ކުއްޖަކު ބޮޑުވާނަމަ އެ ކުއްޖަކު ބޮޑުވާނީ ގަނޑުވަރުގައި. މިކަހަލަ ހަނިގޯޅިގޯޅީގައި ހުންނަ ޖިފުޓީގައެއްނޫން"
"އަހަރެން މިއައީ ޘަނާ ހޯދަންވެގެން. ހަމައެކަނި އޭނާގެ ވާހަކަދައްކާ އޭނާގެ މުސްކުޅި ބައްޕަ ބުނީ މިގެއިން އޭނާޔާ ބައްދަލުވެވިދާނޭ އޭނާ ވީ ކޮންތާކު އަވަހަށް ބުނޭ!"
އަނާގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ގެނައެވެ.
"ކަލާއަށް ކުރިމަތިވެފައިވާ ނުރައްކައުތެރި ޕޮޒިޝަނާމެދު ކަލާއަށް ޚިޔާލު ނުކުރެއްވެނީ ކަންނޭނގެ. މިސްޓަރ ޚާންއާޞިފް.! ކަލާ މިހާރުތިޔަ ހުންނެވީ މުޅީން ބަރުބާރުވުމގެ ދޮރުމަތީގައި"
"ތިޔަބުނީ ކީކޭ" ޚާންއާޞިފް ސިއްސައިގެންދިޔައެވެ.
"މިހާރު ކަލާ ދިރިހުންނެވުމާއު ބަރުބާދުވެ ދިޔުމުން ޚިޔާރު ކުރައްވާ ގޮތެއް އަޅުގަނޑު އަތުން ބައްލަވައި ގަންނަވާ! އަޅުގަނޑަކީ ޘަނާ ކަމުގައި ހީކުރައްވާ ބުއްވާ ކަލާ ބޭނުމީ ކޮންގޮތެއްތޯ؟"
"ކަލޭ....ކަލޭ" ޚާންއަޞިފް އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.
"ލައްބަ ބުނުއްވާ ކަލާ ބޭނުންވެ ލައްވަނީ ކޮންއެއްޗެއްތޯ؟
"އެ ލިޔުންތަކުގެ ބަދަލުގައި ބޭނުންވަނީ ކޮންއެއްޗެއްތަ؟"
(ނުނިމޭ)
varah reethi vvkiyaahiyvaa hisaabakun mibai minimunee