(2 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ މީހުން އެވާހަކަ ދައްކަން ތިއްބައި، އިތުރު އެހެން ބަޔަކުވެސް ވޯރޑްގެ ތެރެއަށް އަތުވެއްޖެއެވެ. އޭގެ ތެރޭއިން އެކަކީ ސަރުކާރުގެ ވަކީލެވެ. ދެވަނަ މީހަކީ ޖަޖެވެ. ތިންވަނަ މީހަކީ ޚާން އާޞިފެވެ. އަދި ހަތަރުވަނަ މީހަކީ އަނާގެ ފިރިމީހާ މާޖިދެވެ. މި މީހުން އަނާގެ އެނދުގެ ކައިރިއަށް އަތުވެއްޖެއެވެ.
ހަމައެވަގުތު ކުއްލިއަކަށް އަނާގެ ވަކީލު ޘަނާއުﷲ އެ ތަނަށް އަތުވެއްޖެއެވެ. އޭނާގެ އަތުގައި ކޭހާ ބެހޭފައިލު އޮތެވެ. އޭނާ އައުމާއެކު ޕްރޮފެސަރ ޒަފަރާ މުޚާޠަބުކޮށް ސުވާލުކުރަން ފަށައިފިއެވެ.
"ޕޭޝަންޓްގެ ޙާލު ކިހިނެއްތޯ ޕްރޮފެސަރ؟"
"ވަރަށް ނުރައްކާ ..އޭނާ ސަލާމަތްކުރެވޭތޯ ކުރެވެން އޮތްހުރިހާ މަސައްކަތެއް އަހަރެމެން މިގެންދަނީ ކުރަމުން"
"އެހެންވިއްޔާ ކަލޭގެ އޯގާވެރި ކަމުން އަޅުގަނޑުގެ މުވައްކިލުގެ ކުރިމަތިން މިސްޓަރ ޚާންއާޞިފާއި މިސްޓަރ މާޖިދު ދުރަށްލައްވާ ދެއްވާ!" އެހެން ނޫނީ ޕޭޝަންޓަށް އެ މީހުން އެނގިގެން ހަޅޭއްލަވަންވެސް ފަށާފާނެ.." އަދި އަނެއްކާވެސް އޭނާއަށް ހާރޓްއެޓޭކްގެ ދަވްރެއް އަތުވެދާނެ"
"އެ މީހުން އެއްގޮތަކަށްވެސް މިތަނަށް އައުން ރަނގަޅެއްނޫން" ޕްރޮފެސަރ ހިސާބަކަށް ނުރުހިފައި ވަރަށް ބާރަށް ބުންޏެވެ.
އަދި ޚާންއާޞިފާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އޯގާތެރިކަމާއެކު ކަލާ މިތަނުން ބޭރަށް ދުރުވެދެއްވާ! ޖަޖް ޞާޙަބްއާއި އޭނާ އާއެކުގައި ދުރުވެ ހުންނެވި ސަރުކާރުގެ ވަކީލު މިތާނގައި ތިއްބަވައިގެން އަޅުގަނޑުގެ ޕޭޝަންޓު ޙާލަތު ބެއްލެވިޔަސް އެންމެ ރަނގަޅު. އެކަމަކު އަޅުގަނޑުގެ ޕޭޝަންޓާ އެއްވެސް ސުވާލެއް ކުރަން އަޅުގަނޑު ހުއްދައެއް ނުދޭނަން. އޭނާގެ ޙާލަތު އެއަށްވުރެ މާ ގޯސް.... ދެން އިހަށް ކަލާމެން ބޭރަށް ނުކުންނަވާ!" ޚާން އާޞިފާއި މާޖިދާ ދިމާއަށް ޕްރޮފެސަރ ބުނެލިއެވެ.
އަނާއަށް އެ މީހުން ފެނެއެވެ. ޖިސްމާނީގޮތުން ޙިއްސުތައް ކެނޑިފައި އަދި ވާގިނެތިފައި އޮތް އަނާއަށް އެ މީހުން ބަލަން އޮތުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވެއެވެ. އަދި އެ މީހުން ވޯރޑުން ނުކުމެގެންދާތަންވެސް އަނާއަށް ފެނެއެވެ. އެ މީހުންގެ ފިޔަވަޅުގެ އަޑުވެސް އޭނާއަށް އިވެއެވެ. ނަމަވެސް އެކަންކަން އޭނާއަށް އިޙްސާސްކުރެވޭހެނެއް ހިޔެއް ނުވެއެވެ.
އަނާ އެއޮތްގޮތަށް އޮއްވާ، ޖަޖާއި ސަރުކާރުގެ ވަކީލު އޭނާއަށް ވަރަށް ބޮޑަށް ބެލިއެވެ. އެއަށްފަހު ޕްރޮފެސަރ ގޮވައިގެން ވޯރޑުން ނުކުމެގެން ޕްރޮފެސަރގެ ކޮޓަރިއަށް ހިނގައްޖެއެވެ.
ކުޑައިރުކޮޅަކަށްފަހު ޕްރޮފެސަރ އެ މީހުންނަށް ބުނަމުން ދިޔައެވެ.
"ޕޭޝަންޓުގެ ރިޕޯރޓުންވެސް ތިޔަ ބޭފުޅުން ވިދާޅުވެފައި ވާފަދައިން އަދި ޕޭޝަންޓް ބެއްލެވީމާވެސް ފެނިވަޑައިގަތް ފަދައިން ޕޭޝަންޓްވަނީ ކިހާބޮޑު ހިތްދަތި ބަލިވެފައިކަން ތިޔަބޭފުޅުންނަށް މިހާރު ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭނާއަށް އެއްވެސް މީހަކު ވަކިކުރަންވެސް ނޭނގުނު ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފިނޫންތޯ؟ އޭނާވަނީ ސިކުނޑީގެ ގޮތުންވެސް އަދި ޖިސްމާނީ ގޮތުންވެސް މުޅީން ޕްރެލައިޒްވެފައި. އޭނާ ކޯޓަށް ނުގެންދިޔުމަށް އަޅުގަނޑު އިލްތިމާސްކުރީ މިހެންވީމާ..... ފަހަރެއްފައި ކޯޓަށް ގެންގޮސްގެން އޭނާއަށް އިތުރު ޝޮކެއް ލިބިދާނެ. އަދި އެހެންވެއްޖެނަމަ އޭނާއަށް އިތުރު އެޓޭކެއް އަތުވެއްޖެނަމަ އޭނާގެ ފުރާނަ ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެއް. އަޅުގަނޑުގެ ޕޭޝަންޓް މިހާރު އިނީ ބަލިވެކަމާއި މިދުވަސްވަރު އޭނާއާމެދު ވަރަށް ރައްކައުތެރިވާން ޖެހޭނެކަމުގައި، އަޅުގަނޑު ހައިކޯޓަށް ހުށަހެޅި އިލްތިމާސްގައި ދަންނަވާލައިފައިވާނެ. އަޅުގަނޑުމެގެ ބޮލުގައި މިވަގުތު އެޅިފައިވަނީ ދެ ފުރާނަ ސަލާމަތް ކުރުމުގެ ޒިންމާ މަންމައާ ދަރިފުޅު ސަލާމަތްކުރުމުގެ ޒިންމާ. ޕޭޝަންޓު އެ ވަނީ އޭނާގެ ފިކުރުތައް ބޮޑުވެގެން ގޮސް ހާރޓްއެޓޭކް ޖެހިފައި. އެހެން ކަމުން އަޅުގަނޑަށް ޖެހެނީ އޭނާއަށް އިތުރު ފިކުރުތައް ކުރަން ނުޖެހޭ ވަރަށް ބޭސްދީގެން އޭނާގެ ފިކުރުތައް ކަނޑުވާލަން. އަދި އެގޮތުން އޭނާއަށް އިތުރު ހާރޓްއެޓޭކް އަތުވެދާނެ ކަމުގެ ބިރުން ސަލާމަތްވުމާއެކު އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އާދައިގެ ޞިއްޙަތެއްގައި އޮބެހެއްޓޭނެ"
ޕްރޮފެސަރ ޒަފަރުގެ ވާހަކަ ނިންމާލަމުން ޖަޖް ޞާޙަބް ފުންނޭވާއެއްލާފައި ވަރަށް އަސަރުކޮށްފައިވާ ގޮތެއްގައި ބުންޏެވެ.
"ޕްރޮފެސްރ ޒަފަރު! ކަލާގެ ކުޅަދާނަ ކަމުގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން ކަލާގެ ޕޭޝަންޓް ދެކެން މިއައީވެސް ކަލާކުރެއްވި އިލްތިމާސްގެ ސަބަބުން. މިހާރު ސަރުކާރުގެ ވަކީލުވެސް ކަންތައް އޮތްގޮތް ރަނގަޅަށް ދެކިލައްވައިފި. މިކޭސްގައި ވަކާލަތު ކުރައްވާ ޘަނާއުﷲ އޭނާގެ ބަޔާނުގައި ބުނުއްވާފައިވަނީ އޭނާގެ މުވައްކިލާ މެދު އޭނާގެ ފިރިމީހާ ނުވަތަ ފިރިމީހާގެ ބައްޕަ އެއްވެސް ކަހަލަ އިލްޒާމެއް އަޅުއްވާފައި ނުވާކަމަށް. ހަމައެކަނި އޭނާއަށް ކުއްޖަކު ނުލިބޭކަމަށް ބުނެފައި ވަރިކުރަން އުޅުނީކަމަށް. މި ޕޮއިންޓުތަކުގެ އަލީގައި މިހާރު މި ކޭސް އޮތްގޮތް ހަމަރަނގަޅަށް ސާފުވެއްޖެ. އަދި މި ކަމުގެ ފުރިހަމަ އިންޞާފު ހޯދާދެވޭނެ ކަމުގެ އުއްމީދު އަޅުގަނޑުމެންނަށް އެބައެތް. ނަމަވެސް ޕޭޝަންޓް އެއްފަހަރު ކޯޓަށް ޙާޟިރުކުރަން ބޭނުންވާނެ. އަދި އެ ތާނގައި އޭނާ ބަޔާނެއް ދޭންޖެހޭނެ. މި ކަމުގައި ޕްރޮފެސަރ އަޅުގަނޑުމެންނާ އެހީވެދެއްވާނެ ކަމުގެ އުއްމީދުވެސް އަޅުގަނޑުމެން ކުރަމު."
"ޝައްކެއްނެތް. ޕޭޝަންޓަށް ކިރިޔާވެސް ރަނގަޅުވެލާއިރަށް އޭނާ ކޯޓަށް ފޮނުވާދޭނަން. އަޅުގަނޑު މި ފުރުޞަތުގައި ނަންގަންނަން ބޭނުން އެހެންވާހަކައެއް އެބައޮތް. އެއީ މިސްޓަރ ޚާންއާޞިފާއި މިސްޓަރ މާޖިދު ޕޭޝަންޓް ކައިރިއަށް އަޔަނުދެއްވުން. އަދި އޭނާއާ ދުރުގައި އެ މީހުން ބައިތިއްބަވައި ދެއްވުން. އަޅުގަނޑުމެން އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއްނުވޭ."
"ކޯޓުން އެ މީހުންނަށް އެކަން އަންގާނަން. ޖަޖް ތެދުވަމުން ބުންޏެވެ. އަނާ އޮތް ޙާލު ފެނިފައި އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޑޮކްޓަރުގެ ކޮޓަރިން ނުކުމެގެން އަދިވެސް އެއްފަހަރު އެ އެންމެން އަނާގެ އެނދުގެ ކައިރިއަށް އައެވެ. އޭރުވެސް އަނާ އޮތީ މަތި ބަލަހައްޓައިގެން އުއްޑުންނެވެ. ޙިއްސުތައް ކެނޑިފައި މުޅީން ހިމޭންކޮށެވެ. ނަމަވެސް އޭނާގެ ވިސްނުން މުޅީން ރަނގަޅެވެ. ހުރިހާ ވާހަކައެއް އޭނާއަށް އިވެއެވެ. އިޙްސާސް ކުރެވެއެވެ. ވިސްނެއެވެ.
އަނާގެ ރީތި ކަމުންވެސް ޖަޖް ޞާޙަބްއަށް އަސަރުކުރިއެވެ. އޭނާ އެނދުކައިރިއަށް ޖެހިލާފައި އަނާގެ ނިތްކުރީގައި އަތްޖައްސާލާފައި ޕްރޮފެސަރާ ދިމާއަށް ބުންޏެވެ.
"މި ޙައްސާސް ކުއްޖާފުޅު ސަލާމަތް ކޮށްދެއްވާތި ޑޮކްޓަރ!"
"ތިޔައީ އަޅުގަނޑުމެންގެ ވާޖިބު ސަރ... އަޅުގަޑުމެންގެ އެންމެން ރެޔާދުވާލު މިކުރަނީ ތިޔަ މަސައްކަތް"
ކުޑައިރުކޮޅެއް ފަހުން ބޭރުން އައި އެންމެން ގޮސް ނިމިއްޖެއެވެ. އެތާނގައިތިބި ވަކީލު ޘަނާއުﷲ އާއި ޕްރޮފެސަރ ޒަފަރުއާއި އޭނާގެ ބައިވެރީންނެވެ.
ޕްރޮފެސަރާއި ވަކީލްގެ މޫނުމަތީން ޢަޖައިބުވާފަދަ އުފާވެރި ހިނިތުންވުމެއް ފާޅުވެގެން ދިޔަތަން އެވަގުތި އަނާއަށް ފެނުނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަނާ ކައިރީގައި ހުރީ ހަމައެކަނި ޡަނާއުﷲއެވެ.
"އަޅުގަނޑުގެ ވާހަކަ ވިސްނުންތެރިކަމާއެކު އައްސަވާއަނާޖީ! ޘަނާއުﷲ އަނާއާ ދިމާއަށް ގުދުވެލާފައި ބުންޏެވެ. އަޅުގަނޑު މި ކޭހުގައި ކްލައިމް ކުރަމުން މިދަނީ 3 މިލިޔަން ރުފިޔާއަށް. މިހާރު ދެން ހަމަކޮންމެ ހިނދުކޮޅަކުވެސް ކަލާ ދާނީ ރަނގަޅުވަމުން. ކަލާ އެއްގޮތަކަށް ވެސް ބައްޔެއްނުވޭ. ކަލާގެ ހިތުން މިޚިޔާލު މުޅީން ދޫކޮށްލައްވާ. އަޅުގަނޑު މިނަންގަތް އެއްޗެއް ވިސްނިލައްވައިފިތޯ؟"
އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެއްޗެއް ބުނާހާ ވަރުވެއް އޭނާގެ ގަޔަކު ނެތެވެ. އަނެއްކާވެސް ޘަނާ ބުންޏެވެ.
"އެ މީހުން އެންމެންގެ ރޭވުންތައް ބައްދާލުމަށް ޕްރޮފެސަރ ޒަފަރުގެ ރިޕޯރޓްތައް ފުދޭ. މިހާރު ދެން ކަލާ އެއްގޮތަކަށްވެސް ހާސްވެ ނުލައްވާ. މިއަދު އަޅުގަނޑުމެން ހަމަޤަސްދުގައި ކަލާ ކޯޓަށް ނުގެންދިޔައީ. އިރާދަކުރެއްވިޔާ މިއަންނަ ހަފްތާގެ ތެރޭގައި ކަލާ ކޯޓަށް ގެންދެވޭވަރު ވާނެ. އަދި އޭރުން ހުރިހާ ކަމެއްވެސް އޮންނާނީ ކަލާ ދެއްވާ ބަޔާނެއްގެ މައްޗަށް ނިމޭގޮތަށް."
އަނާ ހަމަ އެތްގޮތަށް ހިމޭނުން އޮތީއެވެ. އޭނާ ޘަނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ޘަނާއުﷲ މަޑުމަޑުމަޑުން އޭނާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ހީނލާފައި އެ ތަނުން ނުކުމެގެން ޕްރޮފެސަރ ޒަފަރުގެ ކޮޓަރިއަށް ހިނގައްޖެއެވެ.
އަނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އިޙްސާސެއް ނެތް ގޮތެއްގައި އެނާއަށް ރޮވެނީއެވެ. އެހެންނަމަވެސް އެ ކަރުނައަކީ ވަރަށް އަގުބޮޑު ކަރުނައެކެވެ. އެ ކަރުނައިގެ އަގު ވަޒަން ކުރެވޭނީ ހަމައެކަނި ޡަނާއުﷲއަށެވެ. އޭނާވަނީ އަނާގެ ކުރިމަތީގައި އޭނާގެ ހުރިހާ ކަމެއް ޤުރުބާން ކޮށްލުމަށް ތައްޔާރުވެގެންނެވެ.
ފަޤީރެއް ކަމުގައިވިޔަސް ނުވަތަ މުއްސަންޖެއް ކަމުގައިވިޔަސް އަންހެނުންނަކީ ބުންޔާދީ ގޮތުން ލޯބި ހޯދުމަށް އުޅޭ ބަޔެކެވެ. އެމީހުންގެ ލޭގެ ތިކިތަކުގައި ލޯބި ރަނގަޅަށް އަށަގެންފިނަމަ ދެން ބަހާރު މޫސުމާއި ވާރޭވެހުން ފިޔަވައި އެހެން އެއްވެސް މޫސުމެއް އެ މީހުންނަކަށް ނާންނާނެއެވެ.
އަނެއްކޮޅުން އަންހެނުން ނުބައި މިޒާޖަކަށް ބަދަލުވެއްޖެނަމަ އެކަންވާނީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމަކަށެވެ. ބަދަލު ހިފުމުގެ ގޮތަށް ހިނގައްޖެނަމަ ޒަހަރުލާ ހަރުފައަށްވުރެ ދެރައެއް ނުވާނެއެވެ. އިންސާނުން ހަލާލުކޮށް ވިއްސިވިހާލި ކޮށްލައެވެ.
މިހާރު އަނާއަށް ވެސްވަނީ އެފަދަ ޙާލެއްގައެވެ. އޭނާއަކީ ކުރީން ހަމައެކަނި ލޯބިކުރަން ދަންނަ ކުއްޖެކެވެ. އޭނާ ދުވަހަކުވެސް މީހަކާ ދޭތެރޭ ނަފްރަތުވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާގެ އަމިއްލަ ޝަޚްޝިއްޔަތު އެހާބޮޑަށް ދަށްކޮށްލިތަން ފެނިފައި ވަރަށް ބޮޑަށް މަސައްކަތް ކުރުމާއެކުވެސް މިހާރު އޭނާވަނީ އޭނާއަށް އޮޅިފައެވެ. އޭނާވަނީ އޭނާގެ ފިރިމީހާއަތުން، އަދި ކީއްކުރަންތޯ އޭނާގެ ފިރިމީހާގެ ބައްޕަގެ އަތުންވެސް ބަދަލު ހިފަން ބޭނުންވެފައެވެ. އޭނާގެ ހިތުގައި މިހާރު ވަނީ ނަފްރަތާއި ބަދަލު ހިފުމުގެ ވަރުގަދަ އަލިފާންގަޑެކެވެ. އެ އަލިފާންގަނޑުން ޚުދް އޭނާވެސް ދަނީ އަދަމުންނެވެ. އެކަން އަނާއަށްވެސް އެނގެއެވެ. އެއާއެކު އޭނާ އެދެނީ އެ އަލިފާންގަޑުން އެހެން މީހުންވެސް އަންދާލާށެވެ.
ވަކީލު ޘަނާއުﷲ އާމެދު އަނާ ހީކުރި ވަރަށްވުރެވެސް އޭނާ މާ މޮޅެވެ. އޭނާ ސަހާރަންޕޫރުގެ ކުޑަކުޑަ ކޯރޓް މުޅީން ގުޑުވާލައިފިއެވެ. ސަހާރަން ޕޫރުގައި ނުކުންނަ ދުވަހުނޫސް "ވަޤްތު"ގައާއި އެހެންނޫސްތަކުގައި އަނާގެ ވާހަކައާއި އޭނާއާ މެދު އޭނާގެ ފިރިމީހާގެ ޢާއިލާއިން ކަންތައްކުރި އަނިޔާވެރިގޮތްތައް ލިޔެފައި ހުއްޓެވެ.
(ނުނިމޭ)
varahves reethi shukuran