އަނާ - 5

(26 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަވަސް އަވަހަށް އެސިޓީ ހިފައިގެން އޭނާ ކޮޓަރިން ބޭރަށް ނުކުތެވެ. އަދި އޭނާގެ ބައްޕަ ޚާންއާޞިފުގެ ކޮޓަރިއަށް ހިނގައްޖެއެވެ. ދޮރުގައި ޓަކި ދިނުމާއެކު ޚާންއާޞިފްގެ ބަރުއަޑު އިވުނެވެ.

"ކަމޯން ބޯއީ!"

މާޖިދު ޓަކި ދޭގޮތް އޭނާއަށް ފާހަގަ ކުރެވިފައި ވަނީ ކަންނޭނގެއެވެ. މާޖިދު އެ ކޮޓަރިއަށް ވަންއިރު އޭނާގެ ބައްޕަ ހުރި ބޭރަށް ހުޅުވާލާފައިވާ ކުޑަ ދޮރާ ދިމާއަށް އެނބުރި ނޫސްކިޔާށެވެ.

"ކީއްކުރަން ތިޔަ އައީ؟"

"އަނާ ހިނގައްޖެ...ބައްޕަ!"

"ހިނގައްޖޭ.... ކޮންތާކަށް ދިޔައީ!" ޙައިރާންވެފައި އޭނާ ސުވާލުކުރިއެވެ. އަދި އަތުގައި އޮތް ނޫސް ކައިރީގައި ހުރި މޭޒެއްމަތީގައި ބާއްވާފައި މާޖިދާ ދިމާއަށް ބަލާލިއެވެ.

"މި ސިޓީ ބާއްވާފައި ދިޔައީ" މާޖިދުގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. ޚާން އާޞިފް މާޖިދު އަތުން ސިޓީ އަތުލާފައި ކިޔާލިއެވެ. އޭނާގެ ނިތްކުރިއަށް ރޫއަރުވާލިއެވެ. އަދި މާޖިދާ ދިމާބަލާލާފައި ބުންޏެވެ. "މި ސިޓީގެ ސަބަބުން ކަލޭގެ ޞިއްޙަތަށް ކުރީ ކޮންއަސަރެއްތަ؟"

"އޭނާ ވަރިވާން ބޭނުންނުވަނީ...އޭނާ ލިޔެފައި އޮތީ އެހެންނޫންތޯ؟"

"އޭނާ ލިޔެފައި އެއޮތީ އެހެން ކަމަށްވިޔަސް ތަޤްދީރުގައި ލިޔެފައިވަނީ އެހެނެއްނޫން.... ހަމަމިހާރު އޭނާ ވަރިކުރުމާ ބެހޭ ލިޔުންތައް ތައްޔާރުކުރޭ އަދި އޭނާގެ ގޭގެ އެޑްރެހަށް ފޮނުވާލާ! އެއްޗެތި ސީދާ އޭނާއަށް ލިބިދާނެ ނޫންނަމަ އަހަރެމެންގެ ވަކީލު މެދުވެރިކޮށް އޭނާއަށް އެ ލިޔުން ރައްދުކުރެވިދާނެ..."

މާޖިދު ކުރާނެ ކަމެއް ނެތިގެން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. އަނާގެ ސިޓީގައިވާ އެކިއެކި ލަފްޒު ވަކިވަކިން އޭނާގެ ސިކުނޑި ހަލުވަމުން ގެންދަނީއެވެ.

"ފިނޑި އިންސާނަކާއެކު އަހަރެންނަށް ދިރިއެއް ނޫޅެވޭނެއެވެ. ރޭ ކަލާ އަޅުގަނޑަށް ކުރެއްވި ލޯތްބަށް ޓަކައި ޝުކުރުވެރިވަމެވެ"

އަނާ ދިޔުމުން މާޖިދަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. އެހެން އެވީ ކީއްވެގެންކަން އޭނާއަކަށްވެސް ނޭނގެއެވެ. އަނާ ދޫކޮށްލާފައި ދިޔުމުންއެއީ މާޖިދަށްވެސް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މާޖިދު އޭނާގެ ކޮޓަރިއަށް އައިސްފައި ވިސްނާލިއެވެ.

އޭނާ އެގޮތަށް ދިޔަކަން އެއީ ރަނގަޅަށް ވީކަމެކެވެ. އޭނާ ހޭލާ ހުއްޓާ ކުރިމަތީން ނުކުމެން ދިޔަނަމަ އޭނާއަށް އަނާ ދާތަން ބަލަންވެސް ނުހުރެވުނީކަން ނޭގެއެވެ. އޭނާއަށް އެކަމަށް ކެތްކުރެވޭނެކަމެއް ނުވަތަ ނުކުރެވޭނެ ކަމެއް އޭނާއަށް ޔަޤީނެއް ނޫނެވެ.

އަނާގެ ނަޞީބުގައި މިގޮތުގައި އުޅެން ކަނޑައެޅިފައި އޮތީ މިހާދުވަސް ކޮޅަކަށް ކަންނޭނގެއެވެ.

އަނާ ޝަހަރުން ގެއްލުނީއެވެ. ދުވަހަކުވެސް އުޅުނުމީހެއްހެން ހީނުކުރެވޭ ފަދަ ގޮތެއްގައެވެ. އެގޮތަށް އޭނާ ގެއްލުމުގެ ސަބަބަކީ ވަރި ކަންނޭނގެއެވެ. އޭނާ އެއްވެސް ޙާލެއްގައި ވަރިވާން ނޭދެނީ ކަންނޭނގެއެވެ.

ޚާން އާޞިފް އަނާގެ ބައްޕަ އަމީރުއްދީނުގެ ގެއަށް ހިނގައްޖެއެވެ.

"ކަލާގެ ދަރިފުޅު ކޮބައިތަ! އަމީރުއްދީން!" ޚާންއާޞިފް ވެސް އަމީރުއްދީނާ ދިމާއަށް ކަޅިއަޅާފައި ބުންޏެވެ. "އަޅުގަނޑު ކަލާ ކުރެންއަހަން މިއުޅެނީ ހަމަތިޔަހެން؟ އަޅުގަނޑުގެ ދަރިފުޅު ކޮބައިތޯ. ނިކަން ބުނުއްވަބައްލަވަ!"

"ހަމަހޭގައި ހުންނަވައިގެން ވާހަކަ ދައްކަވާ އަމީރުއްދީން! އަހަރެން މިއައީ މާޖދު އޭނާ ވަރިކުރި ކަމުގެ ޚަބަރު އޭނާއަށް ދޭންވެގެން އަން ސިޓީ އޭނާއަށް ރައްދުކޮށްދީ! އޭނާ މިގެއަކަށް ނާދޭ ޚާން އާޞިފް އަދި އަހަރެމެންގެ ދަރި މަރާލީކަމުގެ ދައުވާ އަހަރެންކަލޭގެ މައްޗަށް ކުރާނަން!" އަމީރުއްދީންވެސް އިޙްތިރާމް ކުރުމުގެ ގޮތްދޫކޮށްލައިފިއެވެ. އޭނާގެ ވާހަކަތައް ކަލާއިން ކަލެއަށް، އަޅުގަނޑުމެން އަހަރެންނަށް ބަދަލު ކޮށްލައިފިއެވެ. އޭނާއަކީ އަންހެން ދަރިފުޅުގެ ބައްޕައެވެ. އޭނާގެ އަންހެން ދަރިފުޅަށް އެވަރުގެ ނިކަމެތިކަމެއް ދޭއިރު އޭނާގެ ހިތަށް ވާނީ ކިހިނެއްތޯއެވެ.އޭނާ ޚާންއާޞިފަށްވުރެ ނިކަމެއްޗެވެ. ނަމަވެސް އޭނާގެ އަންހެން ދަރިފުޅު އޭނާ ކުރިމަތީގައި އެހާ ނިކަމެއްޗެއްނޫނެވެ. އެހެން ކަމުން ޚާންއާޞިފާ ދިމާއަށް ކަޅިއަޅާލާފައި އަނެއްކާވެސް އަމީރުއްދީން ބުންޏެވެ.

"އަށްޑުވަހުގެ ތެރޭގައި އަހަރެންގެ ދަރިފުޅު ގެނެސްނުދީފިނަމަ ކަލެއަށް ޝަރީއަތުގެ މަޖިލީހަށް ދާންޖެހޭނެ. ކަލޭ އަހަރެންގެ ދަރިފުޅާމެދު ޢަމަލުކުރަމުންދާ އަނިޔާވެރި ގޮތްތަކާއި އޭނާ ކަލާގެ ދަރިފުޅު ގާތުން ވަރިކުރުމަށް ކަލޭމެން ރާވަމުންދާ ރޭވުންތަކުގެ ޚަބަރުތައް ލިޔެފައި އޭނާ އަހަންނަށް ފޮނުވާފައިވާ ސިޓީއެއް  އަހަރެން އަތުގައި އެބައޮތް........އެ ސިޓީގައި ލިޔެފައި އޮތް އެއްޖުމުލައަކީ "އަހަރެން އަހަރެންގެ ފިރިމީހާގެ ގެއިން ނުކުންނާނީ މަރުވެގެންނެވެ. ނަމަވެސް ވަރިވުންފަދަ ހުތުރު ލައްގަޑެއް އަހަރެންގެ ޙަޔާތުގެ ފަސްބައިގައި ޖައްސައިގެން މިގެއަކުން ނުދާނަމެވެ."

 "މިއީ..ޚާންއާޞިފް! ޝަރީއަތުގެ މަޖްލިސްގައި މިބަސްތަކުގެ އަގު ވަރަށް ބޮޑުވާނެ. ކަލޭ ފައިސާގެ ދަހިވެތިކަމުގައި މުދާތަކުގެ ވާރިސެއްގެ ބޭނުމުގައި ނިކަމެއްޗެއްގެ ގޭގެ ބައްތިތިޔަ ނިއްވާލީ. ކަލޭ ކުށެއްނެތް މަޢުޞޫމް ކުއްޖެއްގެ ހިތް މަރާލީ ... ކަލޭ އަހަރެންގެ ދަރިފުޅުގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ ޚާންއާޞިފް...ރަނގަޅަށް އަޑުއަހާ..ކަލެއަށް އަހަރެން މާފެއް ނުކުރާނަން...އަދި ޤުދްރަތުވެސް މާފެއް ނުކުރައްވާނެ....."

ޚާންއާޞިފް ރުޅިއައިސްގެން ގޮސް މޫނުމަތި ރަތްވެއްޖެއެވެ. އޭނާ އަމީރުއްދީނާ ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ. "ކަލޭ މޮޔަވާގޮތް ވަނީތަ! ވިޔާނުދާ ވާހަކަ ނުދައްކާ! ފަހަރެއްގައިވެސް މުއްސަނދިންގެ މިކަހަލަ ކުދިކުދި އާދައިގެ ކަންތައްތަކުގައި ވަގުތު ނަގައެއް ނުލާނެ. ކަލޭމެން ސީދާ ސާދާގޮތެއްގައި  ވަރި ކުރުމުގެ ކަންތައް ޤަބޫލު ކުރަން ނެތިއްޔާ ޚާން އާޞިފަށް އެހެން ގޮތްގޮތުންވެސް އެކަން ކުރެވިދާނެ. ކަލޭ  ދެނަހުރިންތަ....އަހަރެމެން އެ ކުއްޖާ ވަރިކުރާއިރު އިއްދައިގެ ޚަރަދަށް ފަންސާސްހާސް ރުފިޔާ ދޭނަމޭ. އެއީ ކަލޭމެން ހުވަފެނުންވެސް ދެކިފައިވާނޭ ޢަދަދެއްނޫން. ކަލޭމެންނަށް ފައިދާ ހުރި ގޮތަކަށްވާނީ އެފައިސާ ކޮޅު ޤަބޫލުކޮށްފައި ކަލޭގެ ދަރިފުޅުގެ މުސްތަޤްބަލް އާބާދު ކުރެވޭތޯ ބެލުން. ބުއްދިވެރި ގޮތަކަށްވެސް ވާނީ އެގޮތް."

" ކަލޭ ތިޔަ ވާހަކަ ދައްކާ ފައިސާއަކީ އަހަރެގެ ދަރިފުޅުގެ ފައިސާއެއް. އެފ ައިސާ ޤަބޫލު ކުރަންޏާވެސް އޭނާ އެކުއްޖާފުޅުވީ ތަނެއް އަހަރެމެންނަށް ނޭނގެ.އޭނަ ވީތަނެއް އަޅެ ކަލޭ ބުނެދީބަލަ!"

"އެންމެ ރަނގަޅު" ޢުމުރުގެ ގޮތުން ކަލޭ އަހަރެންނަށްވުރެ ދޮށި...އެކަމަކު ކަލެއަށް އަދި ޚާންއާޞިފެއް ނޭނގެ. މިހާރު ދެން އަހަރެމެން އެހެން މަގެއް ހޯދާނީ...."

ޚާންއާޞިފް އެހެން ބުނެފައި، އޭނާގެ ކަޅުކުލައިގެ ބިޔޫކް ކާރަށް އަރައިގެން ހިނގައްޖެއެވެ. އަމީރުދީނު ރުޅީންނާއި ނަފްރަތުން ފުރިފައިވާ ގޮތެއްގައި ޖުޅެއްޖަހާފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އަނެއްކޮޅުން ޝަހަރާވަރަށް ދުރުގައި، ސަހަރަން ޕޫރު ކިޔާ ވިލެޖެއްގައި އަނާ ކޮންމެވސް ޚިޔާލެއްގައި ގެއްލިފައި އިނެވެ. އޭނާގެ ހިތަށް އަރަމުންދަނީ އޭނާގެ ފިރިމީހާގެ ގޭގެ އެންމެން މިހާރު އެ މީހުންގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާނެގޮތެވެ. މޮޔަވެފައިވާ ކުއްތާތަކެއްހެން އެމީހުން އޭނާ ހޯދާންވެގެން އުޅެމުންދާނޭ ގޮތެވެ.

ޚާންއާޞިފްގެ ގޭގައި އޭނާއަށް އުޅެވެން އޮތް މުއްދަތު ހަމަވެއްޖެކަން އަޞްލުގައިވެސް އޭނާއަށް ވިސްނިއްޖެއެވެ. އެހެންކަމުން އޭނާ އެގެއިން ނުކުމެގެން އައިސް އޭނާގެ ބައްޕައާ ބައްދަލުކޮށް އޭނާއާ މެދު އެ ގެއިން ކަންތައްކުރިގޮތް ވަރަށް ސާފުކޮށް ކިޔާ ދިނެވެ. އަދި އެއަށްފަހު އޭނާ އައީ ސަހާރަން ޕޫރަށެވެ. އެއީ ވިލެޖްގައި އިންނަ އޭނާގެ ދުރުތާ ތިމާގެ އަންހެނެއްގެ ކައިރިއަށެވެ. އެމީހަކީ އާންޓީ ޒައިތޫންއެވެ.

ސަހާރަން ޕޫރަކީ ޝަހަރާއި އަށްޑިހަވަރަކަށް މޭލު ދުރުގައި އޮންނަ ތަހުޒީބު ވަމުން އަންނަ ވިލެޖެކެވެ.  އާންޓީ ޒައިތޫން ބުނާގޮތުގައި އޭނާ އެ ވިލެޖްގެ މީހަކާ އިނދެގެން އެތަނަށް އައިއިރު އެއީ ވަރަށް އާދައިގެ ރަށްފުށު ދިރިއުޅުމެއް އުޅޭ ތަނެކެވެ. ނަމަވެސް ޒަމާން ބަދަލުވަމުން އައި އައިހެން ޒަމާނުގެ ތަރައްޤީތައް ވެސް ވަނީ ވިލެޖަށް އައިސްފައެވެ. މިހާރު އެތާނގައި ހޮސްޕިޓަކަކާއި ޕޯސްޓް އޮފީހެއް ވެސް އެބަހުއްޓެވެ. ޓެލެފޯންގެ ވަސީލަތާއި އިލެކްޓަރިކްވަނީ ލިބިފައެވެ. ރަނގަޅަށް  ހަދާފައިވާ ފުޅާ މަގުތައްވެސް މިހާރު އެބަހުއްޓެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.