ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ތަގުރީރުތައް އެގައުމުގެ ސެޓެލައިޓް ޓީވީ ޗެނެލްތަކުން ދުރަށް ދެއްކުން އިލެކްޓްރޯނިކް މީޑިޔާއާ ބެހޭ އިދާރާއިން މަނާކޮށްފިއެވެ. ޕާކިސްތާން އިލެކްޓްރޯނިކް މީޑިޔާ ރެގިއުލޭޓަރީ އޮތޯރިޓީން ރޭ ބުނެފައި ވަނީ މި ފިޔަވަޅު އަޅަންޖެހުނީ އިއްޔެ ފުލުހުން ޢިމްރާން ޚާން ހައްޔަރުކުރަން އުޅުމުން އޭނާ ފުލުހުންނަށް "ފިއްލަވައިގެން" ހުންނެވުމަށް ފަހު، އިއްޔެގެ ހަވީރުގެ ވަގުތެއްގައި "ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދޭ" ގޮތަށް އޭނާ ދެއްކެވި ވާހަކަފުޅު ޓީވީތަކުން ދެއްކުމާގުޅިގެން ކަމުގައެވެ.
ޕާކިސްތާން ތަޙްރީކޭ އިންޞާފް (ޕީޓީއައި) ގެ ޗެއާމަން ޢިމްރާން ޚާން ވަނީ ލާހޯރުގެ ޒަމާން ޕާކްގައި ހުންނަ އޭނާގެ ގެކޮޅު ކައިރިއަށް އެއްވެ ތިބި އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކާ މުޚާޠާބުކުރައްވައި އޭނާ ވާހަކަފުޅުދައްކަވާފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޕާކިސްތާނުގައި މީހަރު ތިބި ވެރިންނަކީ ގިނަ އަދަދައެގެ މުދާ ގައުމުން ބޭރުގައި ރައްކާކުރައްވައިގެން އުޅުއްވާ ބޭފުޅުން ކަމަށާއި، އެބޭފުޅުންނަށް ހިމާޔަތް ދެއްވަނާ ޕާކިސްތާނު ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް (ރިޓަޔަރޑް) ޤަމަރް ޖާވޭދް ބާޖްވާ ކަމަށެވެ.
ޢިމްރާން ޚާން ވެރިކަމުގައި ހުންނެވިއިރު ބޭރު ޤައުމުތަކުގެ ވެރިން ދެއްވި ހަދިޔާތައް ނަންގަވައި އެތަކެތި ވިއްކަވާލައްވާފައިވާ ކަމަށް ބުނެ ސަރުކާރުން އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް އިސްލާމްއާބާދުގެ ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ ގެކޮޅަށް ގޮސްފައެވެ. އެހެންނަމަވެސް، އޭނާ މާރިޗުމަހުގެ 7 ވަނަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ޢިމްރާން ޚާންގެ ޤާނޫނީ ޓީމުން ދިނުމުން ފުލުހުން ވަނީ އެނބުރި ގޮސްފައެވެ.
މީޑިޔާ ރެގިއުލޭޓަރީ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ އިދާރާތަކާ ދެކޮޅަށް ހިތްވަރުދޭ ވާހަކަތައް ދުރަށް ދެއްކުން ހުއްޓާލުމަށް ހުރިހާ މީޑީޔާތަކަށް އަންގާފައެވެ.
ޢިމްރާން ޚާން ވަނީ އޭނާގެ ވާހަކަފުޅުތަކުގައި "އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކުރައްވައި، ސަރުކާރާ ދެކޮޅަށް މީސްތަކުން ހިތްތަކުގައި ނަފުރަތު އުފައްދަވާފައި. މިކަމުގެ ސަބަބުން އަމަންއަމާން ކަން ގެއްލި، ސުލްހަވެރިކަން ދެމެހެއްޓުމަށް ހުރަސްއެޅޭ." ކަން އޮތޯރިޓީގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
ޕާކިސްތާނަށް ކްރިކެޓްގެ ދުނިޔޭގެ ތަށި 1992 ވަނަ އަހަރު ޕާކިސްތާނަށް ހޯއްދަވައިދެއްވި ކެޕްޓަން ޢިމްރާން ޚާން ފާއިތުވި އަހަރުގެ އެޕްރީލް މަހު މަޤާމުން ދުރުކުރީ އޭނާގެ އިތުބާރު ނެތްކަމަށް ގާނޫނުހަދާ މަޖިލީހުން ފާސްކޮށްގެންނެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި އެއީ އެމެރިކާ ފަހަތުގައި އޮވެގެން ބޮޑު ރޭވުމުގެއް ދަށުން ކުރި ކަމެކެވެ.
ވެރިކަމުން ދުރުކުރީއްސުރެ ޢިމްރާން ޚާން ގެންދަވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ. އަވަސް އިންތިޚާބެއް ބޭއްވުމަށް އޭނާ ގޮވާލައްވަމުން ގެންދެވި ނަމަވެސް، މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި ޝެހެބާޒް ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނީ މިއަހަރުގެ ފަހުކޮޅުގައި ކަމުގައެވެ.