ދެން އެންމެރަނގަޅުވާނީ ރައީސް ނަޝީދު ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ، އޮންނާނީ ގޭގައި ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ރައީސް ނަޝީދުގެ ތަރި މިހާރުވަނީ އޮއްސިފައި ކަމަށާއި ދެން އެންމެރަނގަޅުވާނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުން ކަމަށެވެ.
މީގެ އިތުރުން ޚުދު އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ރައީސް ނަޝީދުގެ ސިޔާސަތަށް މިހާރު ތާއީދު ނުކުރާކަން ނިމިދިޔަ ޕްރައިމަރީން ވަރަށްބޮޑަށް ހާމަވެއްޖެކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން އެމްޑީޕީ އަށް ކުރަމުން އައި ތާއީދު ގެއްލުމުގެ އަސްލަކީ ވެސް ނަޝީދު ކަމަށް ވިދާޅުވި އެވެ.
"ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ބުރަ މަސައްކަތްތަކެއް ނަޝީދު ވަނީ ކުރައްވާފަ. އެކަމުގެ ހެއްކަކީ ހުރިހާ ޕާޓީއެއް އެކުލެވޭ ރިޔާސީ އިންތިޚާބު ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ކާމިޔާބުވުން. އަދި ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބުން. އެކަމަކު އެނގިލައްވާނެ ކަންތައް ނިމިދިޔަ ގޮތް." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ދެން ނުލިބޭނެ ކަމަށާއި ރައްޔިތުން އެކަން ދެން ނުކުރާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމަށް މިހާރު އެންމެ ކުފޫ ހަމަވަނީ އެމްއެންޕީ ކަމަށާއި ރައްޔިތުންގެ އުދާސްތައް އެންމެރަނގަޅަށް ދެނެގަނެވޭނެ ސިޔާސީ ޕާޓީއަކީ ވެސް އެމްއެންޕީ ކަމަށް ދުންޔާ ވިދާޅުވި އެވެ.
އެހެންކަމުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމަށް ވޯޓު ދެއްވުމަށް ދުންޔާ ވަނީ އެދިވަޑައިގެންފަ އެވެ.