މާދަމާ (15 ޖަނަވަރީ) އާއި މި މަހުގެ 17 ވަނަ ދުވަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ވަކި ވަގުތުތަކެއްގައި ބަންދުކުރަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލް އިން މިގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ނެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބޭރު ގައުމެއްގެ އިއްޒަތްތެރިއަކު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގެ ސަބަބުން މި މަހުގެ 15 އަދި 17 ގެ އެކި ވަކި ވަގުތުތަކެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގާއި ފަޅުން ބައެއް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނު 9 އިން 11 ގެ ނިޔަލަށް އަދި 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 7:30 އިން 8:30 އަށް އެއަރޕޯޓުގެ ފަޅާއި މަގުން ބައެއް ބަންދުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެއަރޕޯޓުގެ ބައިނަލްއަގުވާމީ ޓަރމިނަލުން ފެށިގެން ޑޮމެސްޓިކް ޓަރމިނަލް ނިމުމާ ހަމައަށް ބަންދުވާނެ ކަމަށާއި އެ ވަގުތުތަކުގައި އެއަރޕޯޓުގެ ފަޅުން، އެ ސަރަޙައްދު ވެސް ބަންދުވާނެ ކަމަށް ބުންޏެވެ.
މިކަމާއި ގުޅިގެން އެ ވަގުތުގައި އެމްއޭސީއެލްގެ ސްޓާފް ބަސް އަދި އެމްޓީސީސީގެ ބަސްތައް ހުއްޓާނީ ވެސްޓާން ޕާކިން (އޭ) ސަރަހައްދަށް ކަމަށާއި އެއީ އެއަރޕޯޓަށް ސައިކަލުގައި ދާ ފަރާތްތައް ސައިކަލްތައް ޕާކުކުރާ ސަރަހައްދު ކަމަށް ވެސް ބުންޏެވެ. އަދި އެމްއޭސީއެލްއިން އޮޕަރޭޓް ކުރާ ފެރީތައް ގާތް ކުރާނީ ވެސްޓާން ޕާކިން ސަރަހައްދު (ބީ) އަށް ކަމަށާއި އެއީ އެއަރޕޯޓުގެ ޓެކްސީ ކިއު އޮންނަ ސަރަހައްދުގެ ފަޅު ކަމަށް ބުންޏެވެ.
" މިވަގުތު ތަކުގައި އެއާޕޯޓުގެ ފަޅަށް ވެސް ވަދެ ނުކުމެ ހެދޭނީ ދެކުނު ނެރުން. އެއީ ޓެކްސީ ކިއު އޮންނަ ސަރަހައްދުގެ ފަޅު. މި ވަގުތުތަކުގެ އެއް ގަޑިއިރު ކުރިން ފެށިގެން އެއާޕޯޓުގެ ކާގޯ ޓާމިނަލާ ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާ ދިމާލުގައިވާ ނެރާ ހަމައަށް ބަންދުވާނެ." އެމްއޭސީއެލް އިން ބުންޏެވެ.
މި ވަގުތުތަކުގައި އެތަނުގެ ސެކިއުރިޓީ މަތި ކުރާއިރު، އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުން ސެކިއުރިޓީ ބަލަހައްޓާ މީހުންގެ އިރުޝާދަށް ތަބާވުމަށް އެމްއޭސީއެލް އިން އެދެއެވެ.