(7 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެކަމަކު ، ބައްޕައާ ތިގޮތަށް ވާހަކަ ދައްކަން ދަރިފުޅަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟" ރާފިޢާ ރުޅިއައިސްހުރެ ކަޝަފާ ދިމާއަށް ބުންޏެވެ.
"ބައްޕަގެ ޙައްޤު ކޮބައިހެއްޔެވެ؟ އިރިއިރުކޮޅާ އަނިޔާވެރި ގޮތްގޮތަށް ދެރަ ނިކަމެތިކަމާއި އުނދަގޫ އަހަރެމެންނަށް ޖައްސާއިރު މަންމަ ދިދައްކަނީ އަހަރެން ދަންނަ ޙައްޤެއްގެ ވާހައެއް ނޫނެވެ. އިންސާނުންގެ ގޮތުގައި ނުބަލާ އަހަރެމެންނަކީ ހަނަވާރުން ކަމަށް ބަލާއިރު އަނގައިން ނުބުނެ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ އިޙްސާސްތަކެއް ނުހުންނާނެ ހެއްޔެވެ. އުފަންވުމަށް މެދުވެރިވި މީހާއާމެދު އަހަރެމެން ނުވިސްނާނެ ހެއްޔެވެ؟ އަހަރެމެންގެ ވެސް އޮންނަނީ ހިތެކެވެ. އެހާ ރަޙުމުކުޑަ މީހަކަށް ބައްޕަވިޔަސް ބައްޕަގެ ގޮތުގައި ބަލައިގަންނަން އަހަރެމެންގެ ހިތް ނޭދޭނެ ހެއްޔެވެ؟" ކަޝަފް ރޮވިފައިހުރެ ބުންޏެވެ.
"ދަރިފުޅާއެވެ! ދަރިފުޅުގެ ބައްޕަ އެހެން މީހަކާ އިނދެގެން ލޯބިން އުޅުނު ނަމަވެސް ، ދަރިފުޅުދެކެ ބައްޕަ ލޯބި ވެއެވެ. ދަރިފުޅަކީ އެ ބައްޕަގެ ފުރަތަމަ ދަރިފުޅެވެ. ދަރިފުޅުގެ ދުލުން ބައްޕަޔާ ދިމާއަށް ތިޔަކީ އެއްޗެހިން އޭނާއަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟" ރާފިޢާގެ ރުޅި މައިތިރިވެ ހަމްދަރުދީއާއެކު ކަޝަފު ގާތު ބުންޏެވެ.
"އަހަރެން އޭނާއަށް ބަދު ދުޢާ ކުރަމެވެ. އަހަރެން ކިޔެވުމަށްޓަކައި މިކުރަނީ މިހާބުރަ އުނދަގޫ މަސައްކަތެއްކަން ބައްޕަޔަށް އިޙުސާސް ވޭ ހެއްޔެވެ. އެންމެ ދެރަވެގެން ، އަހަރެމެންނަށް ހިތްވަރެއް ދޭން އެންމެ ބަހެއްވެސް ބުނެލި ހެއްޔެވެ ؟ ލިބޭހާ ރުފިޔާއެއް އެހޭދަކުރަނީ އެޢާއިލާއަށެވެ. މުޅި ޢުމުރުގައިވެސް ، ހިތްހެޔޮކަމާއެކު ލޯބިން އެންމެ ބަހެއްވެސް އަހަރެމެންނާ ދިމާއަށް ބުނެލާފައި ނެތެވެ. އެންމެ ދެރަވެގެން ދަރިފުޅާއޭވެސް ބުނެލާފައި ނެތެވެ. މިއަދު އޭނާގެ ދުލުން ހެޔޮއެދުމުގެ ބަހަކަށް އަހަރެމެން އުއްމީދުކުރާނީ ކިހިނެއް ހެއްޔެވެ؟" ކަޝަފްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
"މިހިސާބުން ނިމުނީއެވެ. އަހަރެމެން އެއްކޮޓަރީގެ ފްލެޓެއް ހޯދައިގެން މިގެއިން ނުކުމެގެން ދާނީއެވެ. މިގެޔަކު އަހަރެމެންނެއް ދެނެއް ނޫޅޭނަމެވެ." ކަޝަފް އޭނާގެ ގޮތް ނިންމިއެވެ.
ރާފިޢާ ކަންބޮޑުވެގެންގޮސް ހަދާނެގޮތް ބޮޑުވިއެވެ. ކުރިމަތިވެފައި އޮތް ޙާލަތަކީ އެމީހުންނަށް އަތުވެދާނެކަމަށް ހުވަފެނުންވެސް ދެކެފައި ނުވާ ޙާލަތެކެވެ. ތިންކުދިން ގޮވައިގެން ގެއިން ނުކުމެގެން ދާންޖެހިދާނެކަމަށް ރާފިޢާ ޚިޔާލުވެސް ކޮށްލާފައެއް ނެތެވެ. އަނެއްކޮޅުން ކަޝަފް ގެ ކިޔެވުމަށް މިހުރިހާ ކަމަކާ ގުޅިގެން ކުރާނެ ނޭދެވޭ އަސަރާމެދު ރާފިޢާ ކަންބޮޑުވެއެވެ. މުރުތަޟާގެ ފަރާތުން ކަމެއް ނުވާތާނގައި ހިތްވަރުގެ ބަހެއްވެސް ލިބެނީކީ ނޫނެވެ.
------------------------
ރާފިޢާގެ ދިރިއުޅުމާ ކުޅެލައި މުރުތަޟާގެ ޙަޔާތުން ރާފިޢާ ނެރެލުމަށްޓަކައި ، ހަގު އަނބި ނިޤާރަށް ކުރެވުނު ކޮންމެ ކަމެއް ކުރަމުން ގެންދެއެވެ. މިހާރު އެކަން އެއޮތީ ، ޙާޞިލްވުމާ ހިސާބުގައެވެ. ހަތަރުމައިން ، މުރުތަޟާގެ މުސްކުޅި ގެއިން ނެރެލެވެނީއެވެ. އަދި އެންމެ ފަހު ކަންތައް އޮތީއެވެ. އެއީ ރާފިޢާ ވަރިކުރުވުމެވެ.
"މަންމާއެވެ! ދޮންމަންމަ އެބަ އެހެންތާކަށް ދެއެވެ. ކޮންތާކަށް ކަމެއް ނޭނގެއެވެ. ޕިކަޕަށް އެއްޗެތި އަރުވާތަން އަހަރެންނަށް ފެނުނެވެ." ނިޤާރުގެ ދަރިފުޅު ޙައްމާދު ބޭރުން އައިސް އޭނާގެ މަންމަ ގާތު ބުނެއެވެ.
"އެހެން ހެއްޔެވެ؟ ދަނީ ކޮންތާކަށް ބާވައެވެ؟ ތިބުނަކީ ހަމަ ރަނގަޅު ވާހަކައެއް ހެއްޔެވެ؟" ނިޤާރު އެހެން ބުނުމުން ތިމަންނަ މަންމަޔަށް ދޮގެއް ނުހަދާނަމޭ ހަމަތެދެކޭ ޙައްމާދު ބުންޏެވެ.
ރާފިޢާމެން ދަނީ ކޮންތާކަށްތޯ ބަލަން ނިޤާރު ބޭނުންވިއެވެ. އަދި ޙައްމާދުގާތު ، ރާފިޢަމެންދާތަނެއް ހޯދަން ބުންޏެވެ. އެހެންނަމަވެސް ޙައްމާދަކީ ނިޤާރު ކަހަލަ ޚަޞީލަތް ނުބައި ކުއްޖަކަށް ނުވެއެވެ.
"އެތާނގައި އެމީހުން ބައިތިއްބިއްޔާވާނީ ކީއްހެއްޔެވެ؟ އެމީހުން އެގެ ދޫކޮށްލީމާ ، މަންމަޔަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ ތިގޮތަށް އަހަރެން ލައްވާ އަބަދު ޖާސޫސް ކުރަން ނުހަދާށެވެ!" ޙައްމާދު ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުންޏެވެ.
"ދޮންމަންމަ އެގެއިން ނުކުންނަން ޖެހުނީމަ ޙައްމާދަށް ތިލިބެނީ ކޮން ތަކުލީފެއް ހެއްޔެވެ؟ ދޮންމަންމަގެ ކޮޅަށް ޖެހެނީ ކީއްވެ ހެއްޔެވެ؟" ޙީލަތުގެ ހިނިތުންވުމެއްގައިހުރި ނިޤާރު ބުންޏެވެ. އަދި އެމީހުންދަނީ ކޮންތާކަށްތޯ ބަލާފައި އަންނާށޭ ބުނެ ޙައްމާދާ ދިމާއަށް ހަޅޭއްލަވައި ގަނެއެވެ.
------------------------
ކަޝަފްމެން ބަދަލުވި ގޭގައި އަނެއްގެއިން ގެނައިތަކެތި ރަމަތަ ކުރުމުގެ މަސައްކަތް ހަތަރުމައިން ކުރަމުން ގެންދިޔައެވެ. އެމީހުންނަށް އެހީވުމަށްޓަކައި އިތުރު ދެފިރިހެނަކު މަސައްކަތް ކުރެއެވެ. ޝެހްނީލާ ވަރުބަލިވެއްޖޭ ބުނެ މަންމަގެ އުނގުގައި ބޯ އަޅާލައެވެ. މާގިނަ މަސައްކަތް ކުރެވުނީކަމަށް ނުހަދާށާއި އެންމެ ގިނަ މަސައްކަތް ކުރީ އޭނާކަމަށް ޞިދްރާ ބުނެއެވެ.
"މިހާ ރަނގަޅު ގެޔެއް ލިބުނީމަވެސް ކަލޭމެން ތިންކުދިން ﷲ އަށް ޝުކުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ ސާޖިދާގެ މަސައްކަތުން އަހަރެމެން އެޑްވާންސަށް ވެސް އެއްޗެއް ދައްކަން ނުޖެހޭގޮތަށް ގޭގެ ވެރިމީހާ ހަމަޖައްސައިދީފިއެވެ. އަދި ގޭގެ ކުލިވެސް ކުޑަކޮށްދީފިއެވެ." ރާފިޢާ ބުންޏެވެ.
"އަހަރެމެން މަޑުމަޑުންގޮސް މިގެ ރީތިކޮށްލާނީއެވެ. ﷲ އަށް ޝުކުރުކުރަން ދަސްކޮށްބަލާށެވެ. އެއްދޮރު ބަންދު ވިއްޔާ ﷲ އަނެއްދޮރު ހުޅުއްވައި ދެއްވާނެއެވެ. ﷲ އަށް ޝުކުރު ހުއްޓެވެ." ރާފިޢާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"ﷲ ކޮށްދެއްވީ ކޮންކަމެއް ހެއްޔެވެ؟ މިއީ މަންމަގެ ހީވާގިކަމާއި މަސައްކަތުން ޙާޞިލުކުރެވުނު ކަމެކެވެ. ﷲ ، އަހަރެމެންނަށް ކަމެއް ކޮށްދެއްވާނަމަ ، މާކުރިންވެސް އަހަރެމެންނަށް ކުރިމަތިމިވާ އުނދަގުލާއި ތަކުލީފުތައް ނެތިކުރައްވައިފީހެވެ." ކަޝަފް ގެ ސާފުކުރުމުގެ މަސައްކަތުގައި އުޅެމުން އޭނާގެ ހިތުގައިވާ އުދާސްތައް ބަންޑުން ކޮށްލިއެވެ.
ކަޝަފް އެކަހަލަ ވާހަކަ ނުދައްކާ ހިމޭނުން އިނުމަށް ރާފިޢާ ބުނެއެވެ. އަދި ދަބަސް ހިފައިގެން ކާ އެއްޗެއް ގަނެގެން އަންނާށޭ ބުނެ ނުކުމެއެވެ. މަންމަ ނުކުތީމަ އެތެރެއިން ރަނގަޅަށް ތަޅުލާނެސް ރާފިޢާ ބުންޏެވެ. އެއީ އެމީހުންނަށް އާ ހިސާބެކެވެ. އެހިސާބުގެ މީހުންވެސް އަދި ދަހެއް ނުވާނެއެވެ. މަންމަ ކާއެއްޗެއް ހޯދައިގެން އަންނަންވާއިރަށް ހުރިހާ ކުދިންވެސް އެކުއްޖެއްގެ އެއްޗެއް އެއެއްޗެއް ހުންނަންވީ ތަނެއްގައި ބަހައްޓައި ހަމަޖެހިލަން ރާފިޢާ ނަޞޭޙަތް ދިނެވެ.
"މަންމަ އެއުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ ބައްޕަޔަކީވެސް ބެލެނިވެރިޔަކީވެސް ، ރައްކާތެރިކަންދޭ މީހަކީވެސް ، ސެކިޔުރިޓީއަކީވެސް މަންމައެވެ. ދުވާލުދާ ހަތަރުދަމު އެއުޅެނީ އަހަރެމެންގެ ޚިދުމަތުގައެވެ. އަނެއްކޮޅުން ބައްޕައެވެ. އެއީ ނަމަކަށް ހުންނަ މީހެކެވެ. އެކަންވެސް އަހަރެން މިއަދު ކަނޑައިފީމެވެ. އެއީ އަހަރެންގެ ބައްޕައެއް ނޫނެވެ." ކަޝަފް އިތުރަށް ބުންޏެވެ.
ޞިދްރާ އާ ދެމީހުން އެކަނިވީ ވަގުތު ޞިދްރާއާ މުޚާތަބުކޮށް ކަޝަފް ވާހަކަ ދައްކަމުން ގެންދިޔައެވެ. މިއީ ދިރިއުޅުމެއް ހެއްޔެވެ؟ ޞިދްރާއަށް ފެނުނު ގޮތުގައި އެމީހުންނަށް އިތުރު ގޮތެއް ނެތެވެ. ކަޝަފްގެ ނަޒަރުގައި އެމީހުންނަށްވެސް ގޮތްތަކެއް އޮންނަން ޖެހޭނެއެވެ.
------------------------
ސާރ އަބްރާރުގެ ކޮޓަރިއަށް ކަޝަފް ގެންދެއެވެ. އަދި ކަޝަފަށް ދޭ އިރުޝާދާއި ލަފަޔަށް އޭނާ އަބްރާރަށް ޝުކުރު އަދާކުރިއެވެ. ކަޝަފް އެކޮޓަރިން ނު ނުކުންނަނިސް އެތަނަށް ޒަރޫން އާދެއެވެ. އަދި ވަނުމުގެ އިޒުނަހޯދައިގެން ޒަރޫން އެތަނަށް ވަނުމާއެކު ، ކަޝަފް އޭނާގެ ޕްރޮފެސަރަށް ޝުކުރު އަދާކުރުމަށްފަހު ނުކުމެގެން ދެއެވެ. ކަޝަފް ނުކުމެގެން ދިޔައިރު ފަހަތުން ޒަރޫންހުރީ ކަޅިޖަހައިނުލާ ކަޝަފާދިމާއަށް ބަލަހައްޓައިގެންނެވެ. އަބްރާރު ކިހިނެއްވީތޯ ކޮންކަމެއްހޭ ކޮށްދޭންވީ ސުއާލު ކުރުމުން އެއަށް ޖަވާބު ނުދީ ، ޝުކުރިއްޔާ އެއަދާކުރީ ކޮންކަމަކާތޯ އަބްރާރު ކުރެން ޒަރޫން އަހައެވެ.
"މިތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ؟" އަބްރާރު ސުއާލުކުރިއެވެ. އެސުއާލުގެ ޖަވާބުގައި ޒަރޫން ބުނީ އޭނާ އައީ ކަޝަފާ ބެހޭގޮތުން ސުއާލުކުރަން ކަމަށެވެ.
"ތިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ ކަޝަފާމެދު ތިހާ ޒާތީވެގެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟" އަބްރާރު ސުއާލު ކުރިއެވެ.
އަބްރާރު ، ކަޝަފަށް ކަންކަން ކޮށްދީ އޭނާއަށް ހެޔޮކޮށް ހިތާތީ އެކަމާބެހޭގޮތުން ޒަރޫން ސުއާލު ކުރިއެވެ.
"އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަހަރެން ކަޝަފާ ޤަބޫލެވެ. މިހިސާބުން ނިމުނީއެވެ." އަބްރާރުގެ ދުލުން ކަޝަފަކީ ރަނގަޅުކުއްޖެކޭ ބުނަން ބޭނުންކުރި ޖުމްލަ ނުނިމެނިސް "ރަނގަޅު ކުއްޖެކޭ" ބުނެ ޒަރޫންއަށް ލިބުނު ޙައިރާންކަން ފާޅުކުރިއެވެ.
"އެއީ ވަރަށް ހުޝިޔާރު ޗާލާކީ ކުއްޖެކެވެ." ޒަރޫން ވަރަށް ވިސްނާފައި ބުންޏެވެ.
"އެހެން ހެއްޔެވެ؟ އެހެންކަމަށް ވެދާނެއެވެ. އެކަމަކު އެކަމާ ޒަރޫން ތި ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ؟" އަބްރާރު ސުއާލު ކުރިއެވެ. އެސުއާލަށް ދޭނެ ޖަވާބެއް ޒަރޫންއަކަށް ނުފެނުނެވެ. ތިމަންނަގެ ކޮން މައްސަލައެއްހޭ އޮންނާނީ ބުނެ ވާހަކަ ބަދަލުކޮށްލިއެވެ.
"ބައްޕަޔާ ޒަރޫން ސާރ އަކީ ފިރިހެނަކާ އަންހެނެއްނަމަ ، ދެމީހުން އިނދެގެން އުޅެން ވަރަށް ކަމުދާނެއެވެ." ޒަރޫން ބުންޏެވެ.
"ކަޝަފް ، ޒަރޫން އާ ބެހޭގޮތުން އެބުނީ ހަމަ ރަނގަޅު ވާހަކަ އެކެވެ." އަބްރާރު ބުންޏެވެ. އަދި ތިބުނީ ކީކޭތޯ ޒަރޫން ސުއާލު ކުރެއެވެ. އެހެންނަމަވެސް ޒަރޫންގެ އެސުއާލަކަށް އަބްރާރު ޖަވާބެއް ނުދެއެވެ. ޒަރޫން އިނީ އެކަމާ ކަންބޮޑުވެ ހިތްހަމަ ނުޖެހިފައެވެ. އެއާއެކު އެތަނުން ނުކުތުމަށް ޒަރޫންއަށް ، އަބްރާރު އެންގިއެވެ.
------------------------
ޒަރޫން ރޭގަނޑުގެ ނާސްތާއަށް އިންސާފުކުރަމުން ގެންދިޔައީ އެކަނިމާ އެކަނި އިނދެގެންނެވެ. ފޫހިވެފައި އިންދާ ސާރާ ވަދެގެން އާދެއެވެ. އޭނާއެއައީ ، ފަރްޙާނާއެކު ބޭރަށް ގޮހެވެ. އެމީހުން ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. އެހެންނަމަވެސް ، ނުކައި އަންނަންޖެހުނީ ، އެދެމީހުންގެ މެދުގައި ޒުވާބެއް ހިނގައިގެންނެވެ. ޒަރޫންއަށް އެވާހަކައިން ލިބުނު ސިހުމުގައި ކޮންކަހަލަ ޒުވާބެއްތޯ އަހައި ލެވުނެވެ. ސާރާއަށް ޤަބޫލުކުރެވޭ ގޮތުގައި ފަރްހާނާ މައްސަލަ ޖެހެން ވަކިކަމެއް ނޯންނާނެއެވެ. ސާރާއާއި ފަރްޙާންގެ ކައިވެނީގެ ދުވަސް މިހާރު އޮތީ ކަނޑައެޅިފައެވެ. ޒުވާބުކޮށް ހަމަނުޖެހުމަށްދާކަށް ވަގުތެއް ނެތެވެ. ކައިވެނީގެ ދުވަސް ކަނޑައެޅިފައި އޮތްނަމަވެސް ، ފަރްޙާންގެ ރަނގަޅާއި ނުބައިގެ ހުރިހާ ވާހަކައެއް ޤަބޫލުކުރުމަކީ ކުރަން ޖެހޭނެކަމެއްކަމަކަށް ސާރާއެއް ނުދެކެއެވެ.
"އަހަރެން މިބުނަނީ ، ރަނގަޅާއި ނުބައި ވާހަކަ ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. އަހަރެން މިބުނަނީ ދެމީހުން ދެމީހުންނަށް ދޫކުރަން ޖެހޭނެ ވާހަކައެވެ. އެހެންނޫނީ ދިރިއުޅުން ވަރަށް ދަތިވާނެއެވެ." ޒަރޫން ބުންޏެވެ.
"ދޫކުރަން ޖެހެނީ އަހަރެންނަށް އެކަނި ހެއްޔެވެ؟" ސާރާ ފޫހިގޮތަކަށް ބުންޏެވެ.
"އެކަކު އަނެކަކަށް ދޫކުރުމަކީ ދެމީހުން ކުރަން ޖެހޭނެ ކަމެކެވެ. ފަރްޙާން ދޫނުކުރަންޏާ ސާރާ ދޫކުރާށެވެ!" ޒަރޫން އޭނާގެ ކޮއްކޮއަށް ނަޞޭޙަތްތެރިވިއެވެ.
ޒާރާއަކީ މިޒާޖުގައިވެސް ގޮތްދޫކުރާ ކުއްޖެއްނޫނެވެ. ސަތާރަވަނަ ޤަރުނުގެ މީހުންހެން ، ފިރިހެނުން ބުނާ ކޮންމެ އެއްޗަކަށް އާއެނކޭ ބުނާކަހަލަ ކުއްޖެއް ނޫނެވެ. ފަރްޙާން އެކަތި ބުނެފިނަމަ ސާރާ ހަތަރެތި ބުނާނެއެވެ.
މިފަހަރު ދިމާވީ މަނާން ގެ މައްސަލައެވެ. މަނާންއާ ވާހަކަދައްކާކަށް ފަރްޙާން ޤަބޫލެއް ނޫނެވެ. ފަރްޙާން އަށް އެހުރީ މަނާންގެ ބަލިޖެހިފައި ކަމުގައި ސާރާ ބުނެއެވެ. 24 ގަޑިއިރު މަނާންގެ ވާހަކައެވެ. އެއީ ސާރާއަށް އެއްބަސް ވެވެން އޮތްކަމެއްނޫނެވެ. މަނާނަކީ ސާރާގެ އެންމެގާތް ރަޙުމަތްތެރިޔާއެވެ. ސާރާހުރީއަކީ ، ފަރްޙާނަށްޓަކައި މަނާން ދޫކޮށްލާ ގޮތަކަށް ނޫނެވެ.
"ތީކީ ރަނގަޅުގޮތެއްނޫނެވެ. ފަރްޙާން ހިތްހަމަ ނުޖެހެންޏާ މަނާން އާ ދުރުވާށެވެ. ކައިވެންޏަކީ ބައެއްކަންތައްތައް ދޫކޮށްލަން ޖެހޭކަހަލަ ގުޅުމެކެވެ." ޒަރޫން ބުންޏެވެ.
"އަހަރެންގެ މަންމަ އެއްވެސްކަމެއް ދޫކޮށް ޤުރުބާނެއް ނުކުރެއެވެ. އަހަރެންވެސް އެއްވެސްކަމެއް ދޫކޮށެއް ނުލާނަމެވެ. އަހަރެންގެ ކައިވެންޏަށް އެހިއިރު އަހަރެންނަކީ ކޮންކަހަލަ މީހެއްކަން އެނގެން ޖެހޭނެއެވެ. އަހަރެންގެ މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ގޮތްކިޔަންވީ މިހާރު ހެއްޔެވެ؟" ސާރާ ރުޅިވެރިކަމާއެކު ބުންޏެވެ.
ޒަރޫން އިނީ ސާރާގާތު އޭނާބުނަންހުރި ވާހަކަތައް ގަދަކަމުން ހިފަހައްޓާލައިގެންނެވެ. ކިތަންމެ ރަނގަޅުވާހަކައެއް ބުންޏަސް ސާރާ ގޮތްދޫކޮށް އެވާހަކަތައް ޤަބޫލުނުކުރާނެކަން ޒަރޫނަށް އެނގެއެވެ.
(ނުނިމޭ)