ކޯލް ގާރލް - 34

(6 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެދުވަހުގެ ހަވީރު ރަޖްނީ އަޝޯކްގެ ގޭކައިރިން ދިޔައިރު އެ ގެ ހުޅުވާފައި ހުއްޓާ ފެނުމުން އޭނާ ވަރަށް އުފާވިއެވެ. އޭނާގެ ލޭހިނގުން އަވަސް ވެގެންދިޔައެވެ. އަދި އަޝޯކް އާ ބައްދަލުވާ ހިތްވުމުން އޭނާގެ ހިތުގައި އުފެދިފައިވާ ޖަޛްބާތުގެ އޮއިވަރުގައި އެގެއަށް ވަދެވިއްޖެއެވެ.

ރަޖްނީ ގޭތެރެއަށް ވަންއިރު އަޝޯކް ސޫޓްކޭހަކަށް ހެދުންތައް ނަގައިގެން އަލަމާރީގައި ބަހައްޓަނީއެވެ. ރަޖްނީ އެއްވެސް އެއްޗެއް ނުބުނެ އަޝޯކްގެ ފަހަތުގައި އޭނާއާ ދިމާއަށް ބަލަން އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު، ކުއްލިއަކަށް އަޝޯކް ކައިރިއަށް ޖެހިލާފައި ސުވާލުކޮށްލިއެވެ.

"ވިލެޖުން އެނބުރި ދުރުވީ ކޮންއިރަކުތޯ؟"

"އަޝޯކް ސިއްސައިގެންގޮސްފައި އެނބުރި ބަލާލިއިރު، ރަޖްނީ ހުއްޓާ ފެނުމުން ޙައިރާންވެލާފައި ބުންޏެވެ.

"ހަމަ ދާދި ދެންމެއަކު...މަންމަ އާ ބައްޕަ ދެކިލަން ގޮސްލީ!"

"އޯ... މަންމަގެ ޙާލަކީ ކޮބާ؟"

"ރަނގަޅު...ކަލޭގެ ޙާލުކިހިނެއްތަ ރަޖްނީ؟"

"ރަނގަޅު... ރަށުގައިވީ ކިތައް ދުވަސްތޯ؟"

"ހަތަރު ފަސް ދުވަސް"

"އެހެންވިއްޔާ މިދޭތެރެއިން ވީ  ކަންތައްތަކެއް ކަލާއަކަށް އެނގިއެއް ނުލައްވާނެތާ!.... އަޅުގަނޑު މިދެތިން ދުވަހު އުޅެނީ ފުލުހުންގެ އަތްދޮށުގައޭ..؟ އަޝޯކް ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"ލޮކްއަޕްގައި … މަސައްކަތް ކޮށްގެން ކާއެތިކޮޅު ހޯދަން އުޅުނީތީ އެކަމުގެ ސަޒާ މިލިބުނީ..."

  "އެކަމަކު ކަލޭގެ ކުށަކީ ކޮބައިތަ؟"

"ކުށެއް ނެތޭ...ކުށް ކުރަމުން ދިޔައިރު، އެކަކުވެސް ކަމާބެހޭގޮތުން އެއްޗެއް ނުބުނޭ.. ނަމަވެސް ކުށާ ދުރަށް ދާން  އުޅުނީމާ މީހެއް މަރަން  އުޅުނީކަމަށް ތުހުމަތުކޮށްފައި ހައްޔަރުކުރީ ކަލާގެ ރަޙްމަތްތެރިޔާ ޖަޔަންތު....!"

ޖަޔަންތުގެ ނަން އިވުމާއެކު ވާހަކަ މެދުކަނޑާލާފައި، އަޝޯކް ސުވާލުކުރިއެވެ. "ޖަޔަންތޭ.... އަނެއްކާ ޖަޔަންތު ކަލެއަށް ކަމެއް ކުރީތަ؟...

"ވަރަށް ގިނަ ކަންތައްކުރީ..ހުރިހާ ކަމެއްވެސް ކުރީ ޖަޔަންތު...ފުލުސް ސްޓޭޝަންނަށްގޮސް ޚުދް އޭނާ ޖާމިނުވެގެން އަޅުގަނޑު އެތަނުން ސަލާމަތް ކޮށްދިނީ...އެތައް ސަތޭކަ ނުބައިކަމެއްގެ ތެރޭގައިވެސް ރަޙްމަތްތެރިކަމާއި މާތް އަޚްލާޤް ސަލާމަތުން ދިރިއުޅެފާނެ... ޖަޔަންތަކީ ކޮންފަދަ މާތް އަޚްލާޤެއްގެ ވެރިއެއްތޯ؟....."

"އޯ... އަހަރެމެންނަށް އޭނާއާ މެދު ހީކުރެވުނީ ޚުދު  ގޯސްކޮށޭ ދޯ...އޭނާ އައީމާ އަހަރެން އޭނާގެ ފަރާތުން މާފަށްވެސް އެދޭނަން...." އަޝޯކަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އެއާއެކު އޭނާގެ ފޮށީގެ ތެރެއިން ސްވީޓްސް އަޅާފައިހުރި ދަޅެއް ނަގާފައި ރަޖްނީއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

"މީން އެއްޗެއް  ކާލައިގެން އަނގަ ފޮނިކޮށްލާ!"

"ކޮންކަމެއްގެ އުފަލުގައިތޯ" ރަޖްނީ ހިނިތުންވެވޭތޯ އުޅެމުން އަހާލިއެވެ.

"އަހަރެންގެ އެންގޭޖްމަންޓްވެއްޖެ....އެކަމުގެ އުފަލުގައި.." އަޝޯކް ހީލާފައި ބުންޏެވެ.

އަޝޯކް އެހެން ބުނިއަޑު އިވުމުން ރަޖްނީ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. އަޝޯކް ދިއްކޮށްލި ދަޅުގައި ހިފަމުން އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި ބުނެވުނީ "އެންގޭޖްމަންޓް...؟" މިހެންނެވެ.

"އާނ...ކީއްތަވީ.... ކަލޭ އުފަލެއް ނުވޭތަ!"

"އުފާވޭ... ކީއްވެތޯ އުފާ ނުވާންވީ...؟" ރަޖްނީ ވަރަށް ވިސްނައިގެން ޖަވާބު ދިނެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ މުބާރަކް...ވަރަށް ވަރަށް ބޮޑަށް މުބާރަކްބާދު...އެއީ އަނެއްކާ ކޮންފަދަ އަންހެން ކުއްޖެއްތޯ!"

"ވަރަށް ރީތި ކުއްޖެއް....އޭނާގެ ނަމަކީ ސީމާ" ރަޖްނީއަށް ވަމުންދާ ގޮތް އިޙްސާސް ނުކުރެވި ހުރި އަޝޯކް ބުނަމުން ދިޔައެވެ. އޭރު އޭނާހުރީ ރަޖްނީއަށް ފުރަގަސްދީގެން އަލަމާރީގައި އޭނާގެ ހެދުންތައް ބަހައްޓާށެވެ.

"އޭނާއަކީ އަހަރެމެންގެ ގެޔާ ޖެހިގެން ހުންނަ ގޭގައި އުޅޭ  ކުއްޖެއް.... އަހަރެންގެ މަންމައަށާއި ބައްޕައަށް އޭނާ ވަރަށް ހެޔޮކޮށް ހިތާ، ކުޑައިރު އަހަރެމެން ދެމީހުން އެކުއެކުގައި ކުޅެންގޮސް އުޅުނީމު.... މިހާރު އޭނާއަކީ ކިޔަވައިގެން ހުރި ކުއްޖެއް...ރަނގަޅު އާއިލާއަކުން އައިސްހުރި ކުއްޖެއް... އަހަރެންގެ ދިރިއުޅުމުގައި މިހާރު އުނިވެފައިވާ ބައި އޭނާއާ ކައިވެނި ކުރުމުން ފުރިހަމަވެގެންދާނެ..."

އަޝޯކް އަދިވެސް ހުރީ އަލަމާރިއަށް ބަލާށެވެ. އޭނާގެ ފުރަގަހުގައި ހުރި ރަޖްނީގެ ލޮލުން ކަރުނަތައް ފައިބަމުންދާތަނެއް އޭނާއަކަށް ނުފެނެއެވެ. އޭނާގެ ބްލައުޒްގެ ތެރެއިން އަޝޯކްގެ ފޮޓޯނަގާފައި އެންމެފަހު ފަހަރަށް އެ ފޮޓޯއާ ދިމާއަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. އަދި އެފޮޓޯ މޭޒުމަތީގައި ބާއްވާފައި މަޑުމަޑުން ހިނގާފައި ގޮސް ގެއިން ނުކުމެއްޖެއެވެ.

އަޝޯކް އޭނާގެ ހެދުންތައް އަލަމާރީގައި ބެހެއްޓުމަށްފަހު އެނބުރިލާފައި ބަލާލިއިރު ރަޖްނީ އެތާކު ނެތެވެ. އަވަސް އަވަހަށް ދޮރު މައްޗަށް ނުކުމެ ބަލާލިއިރުވެސް އޭނާއަކަށް ރަޖްނީއެއް ނުފެނުނެވެ. ލިބުނު ޙައިރާންކަމާއެކު އެނބުރިލިތަނާ އޭނާއަށް ފެނުނީ މޭޒުމަތީގައި އޮތް އޭނާގެ ފޮޓޯއެކެވެ. މަޑުމަޑުންގޮސް  އެ ތަސްވީރު ނަގާފައި އެއާ ދިމާއަށް ބަލަން ފަށައިފިއެވެ. އެވަގުތު އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ވަރަށް އާދަޔާޚިލާފް ޝުޢޫރުތަކެކެވެ. ހަމަ އެރޭ ކަމަލްވެސް އިނީ ރަޖްނީގެ ޚިޔާލުތަކުގެތެރޭގައެވެ. ގޮނޑުދޮށުގައި ފެތުރިފައިވާ އުސް ހިލަތަކުގެ ތެރޭގައެވެ. ކަނޑުން އަންނަ ރާޅުތައް އެހިލަތަކުގެގައި ޖެހޭއިރު އޭނާއަށް ހީވަނީ އޭނާގެ ނާރުތަކުގައި ހިނގަމުންދާ ލޭގެ ރާޅުތައް ހޮޅިލާފައި އައިސް އޭނާގެ ހިތުގެ ތެރެއަށް  ބިންދަމުންދާހެންނެވެ.

އޭނާގެ އަތުކުރީގައި ވަނީ އޭނާގެ މަންމަގެ ހަނދާންކަމުގައިވާ ގަޑިއެވެ. ނަމަވެސް މިއަދު އެ ގަޑިވަނީ އޭނާގެ ހިތުގައި ރަޖްނީ އާމެދު ކުރެވެމުންދިޔަ އުއްމީދުތަކަށް ފެން އެޅުމުގެ ސަބަބަކަށް ވެފައެވެ. އަދި ރަޖްނީއާ މެދު އޭނާ ދެކެމުންދިޔަ ހުވަފެންތައް އަޅިއަށް ހަދާލި ސަބަބަކަށް ވެފައެވެ. ގަޑީގެ ބަޓްންއަށް އޮބާލުމުން ދިއްލި އަލިވެގެންދާ ގަޑީގެ މޫނު މަތިން އޭނާއަށް މިހާރު ފެންނަނީ ދީޕަކްގެ މަޢުސޫމް މޫނެވެ. ގަޑީގެ ސިކުންތުކަށި ހިނގަމުންދާއިރު އިވޭ ޓިކްޓިކް އަޑު މިހާރު އޭނާއަށް އިވެނީ "އަހަރެންނަކީ ވަގެއްނޫނޭ، އަހަންނަކީ ވަގެއްނޫނޭ" ދީޕަކްގެ އަނގައިން ނުކުންނަމުންދާ އަޑުގެ ގޮތުގައެވެ.

އެ އަޑުތަކާއި އެކި ޚިޔާލުތަކުގެ ސަބަބުން އޭނާއަކަށް ނުނިދެއެވެ. އެ ކަންތައްތަކުން ތަވްބާ ވެވޭނެ  އެއްވެސް މަގެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާ ނުހަނު ޤަދަރުކުރަމުން އައި އެ ގަޑި މިހާރު އޭނާއަށްޓަކައި ވެފައި މިވަނީ އޭނާގެ ދިރިއުޅުމަށް ދަތިކުރާ އެއްޗެއް  ކަމުގައެވެ. އެހެންކަމުން އެގަޑި ދޫކޮށްލަން ވެސް އޭނާގެ ހިތަށް  ކިތަންމެ ގިނަފަހަރަކު  އަރައެވެ. ނަމަވެސް އެއީ އޭނާގެ މަންމަގެ ހަނދާނަކަށްވާތީ އެހެންހަދާކަށް ވެސް ނުކެރެއެވެ. ކޮންމެ އަކަސް ކަމަލްއަށް އިޙްސާސްކުރެވެމުން ދަނީ، އޭނާއަކީ އޭނާގެ އެތެރެއިން އަމިއްލައަށް ހަލާކުވަމުންދާ މީހެއް ކަމުގައެވެ.

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން ކަމަލްއަށް، ހޭލެވުނީ އަންހެންކުއްޖަކު ހަޅޭއްލަވައިގެން އަޑަށެވެ. ކުއްލިއަކަށް ސިއްސައިގެންގޮސް ޙަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އަނެއްކާވެސް އެ ކުއްޖާ ހަޅޭއްލަވައިގެން އަޑު އިވިއްޖެއެވެ. މިފަހަރު އޭނާއަށް އެއަޑުގެ ވެރިޔަކު އެނގިއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.